ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ރައީސް ޔާމީންނަށް އިންސާފު ނުލިބިއްޖެނަމަ މިޤައުމުގައި އިންސާފު ލިބޭނެ އެހެން ރައްޔިތެއް ނެތްކަމުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ޙުކުމުގެ ފަހުގެ މަރުހަލާގެ ޙުކުމް އިއްވުން އަންނަ އަންގާރަދުވަހަށް ސުޕްރީމް ކޯޓުގައި ވަނީ ތާވަލްކޮށްފައެވެ. މިހާތަނަށް މިމައްސަލައިގެ ހުކުމްތައް އައިސްފައިވާ ގޮތާއި، ޝަރީއަތްތައް ކުރިއަށް ގޮސްފައިވާ ގޮތަށްބަލާއިރު ރައީސް ޔާމީން މިނިވަންވާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އިދިކޮޅު ޕީޖީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތުން އެގެންހުރި ކަންކަމަށްބަލާއިރު އެމަނިކުފާނު މިނިވަން ނުވެ ދެން މިސަރުކާރު އޮވެ އިންސާފުލިބޭނެ އެހެން އެއްވެސް ރައްޔިތަކު ނުހުންނާނެކަމަށެވެ.
ރައީސް ޔާމީނަށް އިންސާފު ނުލިބިއްޖެނަމަ ދިވެހި އެއްވެސް ރައްޔިތަކަށް މި ސަރުކާރުން އިންސާފެއް ނުލިބޭނެ.
– ސަލީމް ވިދާޅުވިއެވެ.
ރައީސް ޔާމީން، 5 އަހަރަށް ޖަލަށްލުމަށާއި، 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް 2019ވަނަ އަހަރުގެ ނޮވެންބަރު މަހު ކްރިމިނަލް ކޯޓުން ކުރި ޙުކުމްކުމަށް ހައިކޯޓުންވެސް ތަޢީދުކުރުމާއި ގުޅިގެން އެމަނިކުފާނުގެ ފަރާތުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ، މިއަހަރުގެ އޭޕްރީލް މަހުގެތެރޭގައެވެ. އިސްތިއުނާފީ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިމިފައިވާއިރު، މައްސަލަ ދިރާސާ ކުރައްވަމުންދަނިކޮށް ފާހަގަވި ކަމަކާ ގުޅޭ ގޮތުން ދަޢުލަތާ ސުވާލު ކުރުމަށް މިމަހުގެ 17ވަނަ ދުވަހުވެސް އިތުރު އަޑުއެހުމެއްވަނީ ބާއްވާފައެވެ.
ސްޕްރީމް ކޯޓުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ރައީސް ޔާމީންގެ މި މައްސަލައިގެ ޝަރީއަތުގެ މަޖިލީސްތައް މަންޒަރާއެކު ވަގުތުން ގެނެސްދެއިރު، މިމަހުގެ 30 ވާ އަންގާރަދުވަހު ބާއްވާ ޙުކުމް އިއްވާ ޝަރީޢަތުގެ މަޖިލިސް އޮންނާނީ އެދުވަހު ހެނދުނު 09:00 ގައެވެ.
ރައީސް ޔާމީން ޖަލަށް ލުމަށް ކުރި ޙުކުމާމެދު ރާއްޖޭގެ އެންމެ މަތީކޯޓުން އަންގާރަ ދުވަހު ޙުކުމްކުރަން ތާވަލުކޮށްފައިވާއިރު، ރ. ފުއްގިރި ވިއްކައިގެން ލިބުނު މިލިއަނަކަށްވުރެ ގިނަ ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރި މައްސަލާގައިވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައިދަނީ ޝަރީޢަތް ހިންގަމުންނެވެ.
އަދި ވ. އަތޮޅު އާރަށް ވިއްކާލައިގެން ލިބުނު 1 މިލިއަން ޑޮލަރު، ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެފައިސާ ލޯންޑަރކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް މަނީލޯންޑަރކުރުމާއި، ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ އިއްޔެވަނީ ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ.
ކޮމެންޓު ފޮނުވާ