ސަރުކާރު ހިންގުމުގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ނުވަދެވޭނެކަމަަށް ވިދާޅުވެ މިސަރުކާރުގެ ފުރަތަމަ ޓެކްނޮލޮކީ މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ފާޑުވިދާޅުވެއްޖެއެވެ.
މަލީހު މަޖިލީހަށް ފާޑުވިދާޅުވެފައިމިވަނީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ސޯޝަލް ހައުސިންގެ އެއްވެސް މަޝްރޫޢުއެއް ހިންގުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މަނާކުރުމަށް އެޗްޑީސީން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުފަށާ ބިންތައް އަތުލުމަށް މަޖިލީހުގެ އެސްއޯއީ ކޮމިޓީން ފާސްކުރުމާއި ގުޅިގެންނެވެ.
މަލީހް ވިދާޅުވީ، ސަރުކާރު ހިންގުމުގެ ތެރެއަށް މަޖިލީހުގެ ކޮމިޓީތަކަށް ނުވަދެވޭނެކަމަށާއި، އެއީ 3 ބާރު ވަކިވެފައިވާ މައްފޫމާ ބީރައްޓެހި ދުނިޔެ ހިނގާގޮތް ނޭގޭ ބަޔަކު ނިންމާފައިވާ ކޮސް ނިންމުމެއްކަމަށެވެ. ފްލެޓް އަޅާނެ ކުންފުނިތައް ކަނޑައަޅާނީ ސަރުކާރުންކަމަށާއި، މަޖިލިހަކުން ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރު ހިންގުމުގެ ތެރެއަށް މަޖިލީހުގެ ކޮމިޓީތަކަށް މިހެން ނުވަދެވޭނެ. މިއީ 3 ބާރު ވަކިވެފައިވާ މައްފޫމާ ބީރައްޓެހި ދުނިޔެ ހިނގާގޮތް ނޭގޭ ބަޔަކު ނިންމާފައިވާ ކޮސް ނިންމުމެއް. ފްލެޓް އަޅާނެ ކުންފުނިތައް ކަނޑައަޅާނީ ސަރުކާރުން ރައީސުލް ޖުމްހޫރިއްޔާ. މަޖިލިހަކުން ނޫން.
– މުޙައްމަދު މަލީހް ޖަމާލް
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ސޯޝަލް ހައުސިންގެ އެއްވެސް މަޝްރޫޢުއެއް ހިންގުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ފާސްކޮށްފައިވަނީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ސަރުކާރުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގި ހިޔާ މަޝްރޫޢުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަތަ އެސްއޯއީތަކާއި ހަވާލުކޮށްގެން ބައެއް މަޝްރޫޢުތައް ހިންގަމުން ދަނިކޮށެވެ. 2017 ވަނަ އަހަރި ފެށި މި މަޝްރޫޢުއަކީ އެއްފަހަރާ ގިނަ ބަޔަކަށް ބޯހިޔާވަހިކން ފޯރުކޮށްދިނުމަށް ހިންގި މަޝްރޫޢުއެކެވެ.
މި މަޝްރޫޢުގެ ދަށުން ބައެއް ކުންފުނިތަކުން ޢިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާއި ގާތްވެފައެވެ. ނަމަވެސް އެއްވެސް ކުންފުންޏެއްގެ މަޝްރޫޢު މިހާތަނަށް ނިމިފައިނުވާއިރު، އެސްއޯއީ ކޮމިޓީން މި މައްސަލަ ބަލަންފެށީވެސް މަސައްކަތް ނުނިމި ދިގުލައިގެންދާތީއެވެ.
މި މައްސަލަ ކޮމިޓީގައި ކުރިއަށް ފެންދިޔައިރު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ހައުސިންގ މިނިސްޓްރީއާއި، އެޗްޑީސީއާއި ކަމާގުޅުންހުރި އިދާރާތައް ހާޒިރުކޮށް އެކަންކަމާއި ގުޅޭ މަޢުލޫމާތު ހޯދާފައެވެ. އަދި މަސައްކަތްކުރިއަށްދާ ސައިޓްތަކަށްވެސް ކޮމިޓީގެ މެންބަރުން ޒިޔާރަތްކޮށްފައިވެއެވެ.
މިކަމާއި ގުޅިގެން ކޮމިޓީން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ކުންފުނިތަކިގެ މެންޑޭޓްގެ ބޭރުން ބައެއް މަޝްރޫޢުތައް ހިންގުމުން އެކުންފުނިތަކުގެ ކޭޝްފްލޯ ތާށިވެ މެންޑޭޓްގައި ހިމެނޭކަންކަން ނުކުރެވޭކަން ހިމެނެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފްލެޓް އެޅުން މަނާކުރުމަށް ކޮމިޓީން ނިންމާފައިވާއިރު، ހައުސިން އެންޑް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމްވެސް ވަނީ އެ ނިންމުމަށް ތާޢީދުކުރައްވައެވެ. އަސްލަމް ވިދާޅުވީ މިސަރުކާރުން ހައުސިންގ އަށް ޚާއްޞާ ކުންފުނިތައް ފިޔަވާ އެހެން ކުންފުނިތަކާއި ހައުސިންގެ މަޝްރޫޢުތައް ހިންގަން ހަވާލު ނުކުރާނެކަމަށެެވެ.
މިނިސްޓަރ ވަނީ ބައެއް ކުންފުނިތަކަށް އެފަދަ މަޝްރޫޢުތައް ހިންގަން ކުރިން ހަވާލުކޮށްފަިއވުމުގެ ސަބަބުން ފައިސާ އިސްރާފުވެ ކުންފުނިތަކުގެ މަޤްޞަދު ގެއްލޭކަމަށެވެ.
ކޮމިޓީން ވަނީ ކުންފުނިތަކަށް ހައުސިންގ މަޝްރޫޢު ހިންގުން މަނާކުރުމުގެ އިތުރުން ފްލެޓުތައް ހަވާލުކުރުމުގައި ހުރި އުސޫލުތައް ހަރަުދަނާކުރުމަށްވެސް ކުންފުނިތަކަށް އެނގުމަށް ވަނީ ރިޕޯޓްގައި ހިމަނާފައެވެ. އަދި މުވައްޒަފުންނަށް ލުި ފަސޭހަކަމާއެކު ފްލެޓް ލިބޭނެ އިންތިޒަމް ހަމަޖެއްސުމަށްވެސް ކޮމިޓީން ވަނީ ކުންފުނިތަކަށް އެނގުމަށް ނިންމާފައެވެ.
ކޮމެންޓު ފޮނުވާ