މައްޔިތާ މަރުވުމަށްފަހު އެންމެ ރަނގަޅު ގޮތަކީ އަވަހަށް ހިނަވާ، ކަފުންކޮށް، ޖަނާޒާގެ އެންމެހައި ކަންތަކެއް ވީހާވެސް އަވަހަކަށް ނިންމާލުމެވެ. لحدِيث اِبْن عُمَر رضي الله عنهما قال : سَمِعْت رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ يَقُول : (إِذَا مَاتَ أَحَدكُمْ فَلَا تَحْبِسُوهُ وَأَسْرِعُوا بِهِ إِلَى قَبْره) رواه الطَّبَرَانِيّ بِإِسْنَادٍ حَسَن كما قال الحافظ في الفتح މާނައަކީ: "އިބްން ޢުމަރު ވިދާޅުވިއެވެ. رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާތީ ތިމަން ކަލޭގެފާނު އަޑުއެއްސެވީމެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު މަރުވެއްޖެނަމަ ލަސްނުކޮށް އަވަހަށް އޭނާ ވަޅުލާ ހުށި ކަމެވެ."
މައްޔިތާއަކީ ޞާލިޙް ރަނގަޅު މީހެއްނަމަ އޭނާގެ އެންމެ ބޮޑު އެދުމަކަށްވާނީ ވީހާވެސް އަވަހަކަށް މާތްﷲގެ ޙަޟްރަތަށް ދިޔުމެވެ. އެހެންކަމުން މައްޔިތާގެ އަހުލުވެރިންގެ މައްޗަށް ވާޖިބުވެގެންވަނީ ދިގު އިންތިޒާރެއް ނުކޮށް ވީހާވެސް އަވަހަކަށް މައްޔިތާގެ ޖަނާޒާގެ ކަންތައް ނިންމުމެވެ.
ދުރުގައި ތިބި ގާތްތިމާގެ މީހުންނަށް މައްޔިތާގެ ޖަނާޒާގައި ބައިވެރި ނުވެވިއްޖެނަމަ ފަހުން އޭނާގެ ޤަބުރުގެ ކައިރިއަށްގޮސް މައްޔިތާއަށް ހެޔޮ ދުޢާ ކޮށްދިނުން ހުއްޓެވެ. رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ ގެ މިސްކިތް ކުނިކަހާ ސާފުކުރަން އުޅުނު އަންހެނަކު ރޭގަނޑުގެ ވަގުތެއްގައި ނިޔާވުމުން އަޞްޙާބުބޭކަލުން ކީރިތި ރަސޫލާ صَلَّى اللَّه عَلَيْهِ وَسَلَّمَ އަށް އުނދަގޫ ވެދާނެތީ އެކަލޭގެފާނަށް އަންގަވާނުލައްވާ އެއަންހެން މީހާގެ ޖަނާޒާގެ ކަންތައް ނިންމާ ވަޅުލިއެވެ. ކީރިތި ރަސޫލާ صَلَّى اللَّه عَلَيْهِ وَسَلَّمَ އެމީހާގެ ވާހަކަ އެއްސެވުމުން އެމީހާ މަރުވެ، ވަޅުލައިފި ކަމުގައި ޞަޙާބީން ދެންނެވިއެވެ. އެހިނދު ޙަދީޘް ކުރެއްވިއެވެ. ތިމަން ކަލޭގެފާނަށް އަންގާނުލީ ކީއްވެ ހެއްޔެވެ؟ އޭނާގެ ޤަބުރު ހުރިތަން ބުނެދޭށެވެ. ދެން ޞަޙާބީން އެމިހާގެ ޤަބުރު ހުރިތަން ދެއްކެވުމުން އެތަނަށް ވަޑައިގެން މައްޔިތާއަށް ހެޔޮ ދުޢާ ކޮށްދެއްވިއެވެ.

މަރުވެފައިވާ މީހެއްގެ މޫނު ބެލުމަށްޓަކައި ނަމާދު ވަގުތަށް ފަރުވާކުޑަ ކުރުން!
ދަންނައެވެ. ނަމާދަކީ ވަގުތު ކަނޑައެޅިގެންވާ އަޅުކަމެކެވެ. އެހެންކަމުން ކޮންމެ ނަމާދެއްވެސް އެނަމާދެއްގެ ވަގުތުގައި އަދާ ކުރަން ޖެހޭނެއެވެ.ސޫރަތުއް ނިސާގެ 103 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.(إِنَّالصَّلَاةَكَانَتْعَلَىالْمُؤْمِنِينَكِتَابًامَّوْقُوتًا)މާނައަކީ: " ހަމަކަށަވަރުން، ނަމާދަކީ مؤمنތަކުންގެ މައްޗަށް وقتކަނޑައެޅިގެންއޮތް فرضއެއްކަމުގައި ވެއެވެ".
ނަމާދު ނުކުރާ މީހުންނާއި ބެހޭ ގޮތުން ކީރިތި ގުރްއާނުގެ ސޫރަތު މަރްޔަމްގެ 59 އަދި 60 ވަނަ އާޔަތުގައި އައިސްފައިވެއެވެ. (فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيّاً، إِلَّا مَنْ تَابَ وَآمَنَ وَعَمِلَ صَالِحاً)މާނައަކީ: "ނަމަވެސް، އެއުރެންނަށްފަހު، ނުބައިވެގެންވީ ބައަކު، ދުނިޔޭގައި އުޅުނެވެ. އެ (ނުބައި) މީހުން، ނަމާދުކޮށް އުޅުން ދޫކޮށްލައި، އެއުރެންގެ ޝަހްވާނީ އެދުންތަކަށް ތަބާވިއެވެ. ފަހެ އެފަދަ މީހުން، ލަސްތަކެއްނުވެ ހަލާކުވެ ހިނގައިދާހުށިމެއެވެ. އޭގެތެރެއިން ތައުބާވެ، އީމާންވެ، ހެޔޮޢަމަލުކުޅައިންމަތީ ދެމިތިބެއްޖެ މީހުން މެނުވީ އެވެ".
މި އާޔަތްތަކުން ދޭހަވާ ގޮތުގައި ނަމާދު އަޅާމީހަކީ މުއިމިނެއް ނޫނެވެ. އެހެނީ، މިއާޔަތްތަކުގެ ފަހަތުގައި "ތައުބާވެ، އީމާންވެ" ޔޭ އޮތުމުން ދޭހަވަނީ އެބައިމީހުން ނަމާދު އަޅަމުން ދިޔަ ޙާލުގައި އެއީ މުއިމިނުން ނޫންކަމެވެ.
ނަމާދު އަޅާމީހުންނާއި ބެހޭގޮތުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (وَمَنْ لَمْ يُحَافِظْ عَلَيْهَا لَمْ تَكُنْ لَهُ نُوْرًا وَلَا بُرْهَانًا وَلَا نَجَاةً وَكَانَ يَوْمَ الْقِيَامَةِ مَعَ قَارُوْنَ وَفِرْعَوْنَ وَهَامَانَ وَأُبيَّ بِنْ خَلَفْ) މާނައަކީ: "ނަމާދަށް ރައްކާތެރި ނުވެއްޖެމީހާ އަށް ގިޔާމަތް ދުވަހުން އަލިކަމެއް، ހެކިވެރިކަމެއް އަދި ސަލާމަތްކަމެއްނުވެއެވެ. އެފަދަމީހުން ގިޔާމަތްދުވަހުން ވާހުށީ ގާރޫނާއި ފިރްޢައުނު، ހާމާނު އަދި އުބައްޔު ބިން ޚަލަފާއި އެކުގައެވެ".
ނަމާދު އެޅުމަކީ ދީނުން ބޭރުވާ ކަމެކެވެ. އެހެންކަމުން، އެފަދަ މީހުންގެ ކައިވެނިތައް ރޫޅި، އެފަދަ މީހުން ކަތިލާތަކެތި ކެއުން ޙަރާމްވެ، އަދި މުސްލިމުންގެ ގަބުރުސްތާނަކު ވަޅެއް ނުލެވޭނެއެވެ.

ވީމާ، ސުވާލުގެ ޖަވާބުގައި ދަންނަވަމެވެ. މީހަކު މަރުވުމުން އެމީހެއްގެ މަރުގެ ޚަބަރު އިޢްލާން ކުރެވިދާނެއެވެ. އަދި އެމީހެއްގެ މޫނު ދެކެން މީހުންގޮސް ހެދުމަކީވެސް ހުއްދަކަމެކެވެ. މިގޮތަށް މައްޔިތެއްގެ މޫނު ބަލާށޭ ކިޔާފައި ނަމާދުގެ ވަގުތަށް ފަރުވާ ކުޑައެއް ނުކުރެވޭނެއެވެ. ކޮންމެ ނަމާދެއްވެސް އެނަމާދެއްގެ ވަގުތުގައި އަދާކުރަން ޖެހޭނެއެވެ. އަދި މައްޔިތާ މަރުވުމަށްފަހުގައި ވީހާވެސް އަވަހަކަށް ވަޅުލުމުގެ ކަންތައް ކުރިޔަށް ގެންދަންވާނެއެވެ.
والله أعلم
ކޮމެންޓު ފޮނުވާ