ވީނުވީއެއް ނޭގި ގެއްލިފައިވާ ނޫސްވެރިޔާ ރިޟުވާން ޢަބްދުﷲގެ މައްސަލައިގެ ތަޙުގީގަށް ބޭރުގެ މާހިރަކު ރާއްޖެ އައިސް މަސައްކަތް ފަށާއިވާކަމުގައި ގެއްލިފައިވާ މީހުންނާއި، މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
"ޚަބަރު" އޮންލައިނަށް މައުލޫމާތު ދެއްވަމުން ކޮމިޝަންގެ މެމްބަރަކު ވިދާޅުވީ އޭނާ ރާއްޖެ ވަޑައިގެން މިހާރު މި މައްސަލާގެ މަސައްކަތް ފަށާފައިވާކަމަށެވެ. ނަމަވެސް އޭނާ ރާއްޖެ އައި ތާރީހެއް އަދި އޭނާ މަސައްކަތް ފެށި ތާރީހެއް ކޮމިޝަނުން ހާމަކޮށްފައި ނުވެއެވެ.
ރިޟުވާނު ވަގަށް ނަގައި ގެއްލުވާލިތާ 6 އަހަރު މިއަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހަށް ވަނީ ވެފައެވެ. އެދުވަހު ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރިޟުވާނު އަބުދުﷲ އިންސާފު ހޯދާދިނުމުގެ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދަވާނެކަމަށެވެ. އެދުވަހު އެމަނިކުފާނު ވަނީ އެ މައްސަލައިގެ ތަހުޤީޤު ޓީމުގައި ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރަކު ހިމެނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.
މި ސަރުކާރުން ވެރިކަމަށް އައިސް އެންމެ ފުރަތަމަވެސް އުފެއްދި ކޮމިޝަނަކީވެސް މަރާލާފައިވާ މީހުންނާއި ނަގާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފެއްދުި ކޮމިޝަނެއެވެ. އެއާއި އެކު މި ކޮމިޝަންގެ މަސައްކަތައް ކުރުމަށް ބޭނުންވާ ޤާނޫނީ އިންތިޒާމުތައް ހަމައްޖައްސަވާދެއްވިއެވެ.
ރިޟުވާންއަށް ވީ ނުވީއެއް ނޭނގި ގެއްލިފައިވަނީ 2014 ވަނައަހަރުގެ އޮގަސްޓްމަހުގެ 8 ވަނަދުވަހުގެ ރެއެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެ ފެރީ ޓާމިނަލުގައި ހުއްޓާއެވެ. ރިޟުވާންގެ މައްސަލަ ތަހުޤީގުކޮށް ކޮމެޓީން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ ބަޔަކު އޭނާ ވަގަށް މަރާލުމަށްފަހު އެއްލާލާފައިވާކަމަށެވެ. އަދި އެކަމުގައި އަމަލީ ގޮތުން ބައިވެރިވެފައިވަނީ ދީނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށްވެސް އެ ރިޕޯޓްގައިވެއެވެ.
ރިޟުވާނު ވަގަށް ނަގައި މަރާލި މައްސަލަ އާއި އެމަރުގެ މައްސަލަ ފޮރުވުމަށް މަސައްކަތް ރައީސް ޔާމީނުގެ ސަރުކާރުގެ އިސް ބައެއް ފަރާތްތަކުން މަސައްކަތް ކުރިކަމުގެ ތުހުމަތުތައް ކުރެވިފައިވެއެވެ. ރިޟުވާންގެ މަރުގެ މައްސަލާގައި އަދިވެސް އެއްވެސް މީހަކަށް ދައުވާކޮށްފައި ނުވިނަމަވެސް އެ މައްސަލަ ހުއްޓާ ނުލާ ބަލަމުން އަންނަކަމަށް ކޮމިޝަނުންވެސް ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ