ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދުވާލަކު ދައުވާއެއް އުފުލިޔަސް، އެމަނިކުފާނު މިސަރުކާރުގެ ކުރިމަތީގައި ކުޑަކަކުލެއް ނުޖައްސަވާނެކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ މިފަދައިން ވިދާޅުވީ ވ.އަތޮޅު އާރަށް ވިއްކާލައިގެން ލިބުނު 1 މިލިއަން ޑޮލަރު ކުރީގެ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެފައިސާ ލޯންޑަރކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ފޮނުވުމާއި ގުޅިގެންނެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް ނުހައްގުން ކުރާ ކޮންމެ އަނިޔާއަކުން އަދި އުފުލޭ ކޮންމެ ދައުވާއަކުން އުފުލިގެންދަނީ ރައީސް ޔާމީންގެ ތާއީދާއި، ގަދަރުކަމަށެވެ. މިފަދަ ކަންކަމުގެ ސަބަބުން ސަރުކާރާއިމެދު ރައްޔިތުންގެ ހިތުގައި އިންތިހާއަށް ނަފްރަތު އުފެދި، ރައީސް ޔާމީނަށް އޮތް ތާއީދު ދުވަހެއް ދުވަހަކަށް ދަނީ އިންތިހާއަށް އިތުރުވަމުންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ދުވާލަކު ދަޢުވާއެއް އުފުލިޔަސް، މި އަނިޔާވެރި ސަރުކާރުގެ ކުރިމަތީގައި ރައީސް ޔާމީން ކުޑަކަކުލެއް ނުޖައްސަވާނެ. ރައްޔިތުންގެ ހިތްތަކުގައި ރައީސް ޔާމީނަށް އޮތް ލޯތްބާ ތާއީދަކަށް ހީނަރުކަމެއް ވެސް ނާންނާނެ. އަދި ކިއެއްތަ؟ ތާއީދާ ލޯތްބާ އިތުބާރު ދާނީ އިތުރުވަމުން.
– އަބްދުއްރަހީމް ވިދާޅުވިއެވެ.
އެއްމިލިޔަން ޑޮލަރުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައި މިވަނީ މަނީލޯންޑަރިންގެ ކުށް ސާބިތުވެ، އެމަނިކުފާނުގެ މައްޗަށް 2019ވަނަ އަހަރު 5 އަހަރުގެ ޖަލު ހުކުމެއް އިއްވައި އެޙުކުން ތަންފީޒުކުރައްވަމުން ގެންދަވަނިކޮށެވެ.
ދަށުކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށްފަހު ރައީސް ޔާމީންގެ ފަރާތްޕުޅުން މިހާރުވަނީ އެމައްސަލަ އިސްތިއުނާފްކުރުމަށް ސުޕްރީމް ކޯޓަށްވެސް ހުށައަޅާފައެވެ. އަދި ސްޕްރީމް ކޯޓުގައި ދެން އޮންނާނީ މިމައްސަލައިގެ ޙުކުމް އިއްވުމެެވެ. މީގެ އިތުރުން ރ. ފުއްގިރި ވިއްކައިގެން ލިބުނު މިލިއަނަކަށްވުރެ ގިނަ ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރި މައްސަލާގައިވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައިދަނީ ޝަރީޢަތް ހިންގަމުންނެވެ.