ދައުލަތުގެ ޚަރަދުތައް މެނޭޖުކުރުމަށް ފައިސާ ޗާޕްކުރަނީ ރައްޔިތުންގެ ހައްގުގައިކަމަށް ހޯރަފުށީ ދާއިރަގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބެޖެޓް ދިރާސާކޮށް ކޮމިޓީން ނިންމެވި ރިޕޯޓަށް ވާހަކަފުޅު ދައްކަވަމުން ސައްލެ ވިދާޅުވީ، އިދިކޮޅު މެންބަރުން ދެބަސްވިޔަސް، ޤައުމެއްގެ ހައްގުގައި ދެބަސް ނުވެވޭނެ ކަންކަން ހުންނަނެކަމަށެވެ. އެގޮތުން ކާރިސާގެ ހާލަތުގައާއި، ހަނގުރާމާއިގެ ހާލަތުގައާއި ބަލިމަޑުކަމެއްގެ ހާލަތުގައި ދެބަސް ވެގެން ނުވާނެކަން ފާހަގަކުރައްވަމުން ސައްލެ ވިދާޅުވީ، މިއީ އަމިއްލަ މަންފާއަށްވުރެ ޤައުމު އިސްކުރަންވީ ވަގުތުކަމަށެވެ.
ސައްލެ ވިދާޅުވީ މިވަގުތު ޤައުމު މިއޮތީ ބަލިމަޑުކަމެއްގެ ތެރޭގައިކަމަށާއި، އެހެންކަމުން މިއީ ސިޔާސީ ވިސްނުން ދޫކޮށްލަންވީ ވަގުތުކަމަށެވެ.
ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ފައިސާ ޗާޕުކުރަން ޖެހުނަސް، އަދި އިތުރަށް ދަރަނި ނަގަން ޖެހުނަސް، އެކަން ވެސް މިސަރުކާރުން އެ ކުރަނީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަން، ދިވެހި ރައްޔިތުންނަށް ނިކަމެތިކަމެއް އަޔަ ނުދޭންކަން.
– އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވިއެވެ.
ސައްލެ ވިދާޅުވީ، ޤައުމު ބަނގުރޫޓުވެދާނެ ކަމަށާއި، އިންފްލޭޝަން މައްޗަށް ހިނގައި ދާނޭ ކަމަށް ވިދާޅުވެ މިދަނޑިވަޅުގައި ވާހަކަ ދައްކާއިރު، އެއީ މިވަގުތު ދުނިޔެ އޮތް ގޮތަށް ބަލާއިރުގައި، ގައުމަށާއި، ރައްޔިތުންނަށް، ހެޔޮ އެދިގެން ދައްކާ ވާހަކަތަކެއްކަމަށް ޤަބޫލުކުރަން ދަތިކަމަށެވެ.
ސައްލެ މިހެން ވިދާޅުވެފައިވާއިރު ތިންވަނަ ފަހަރަށް ފައިސާ ޗާޕްކުރުމުގެ ހުއްދަ އިއްޔެ މަޖިލީހުން ވަނީ ދީފައެވެ. ރާއްޖޭގައި ފައިސާ އިތުރަށް ޗާޕްކުރާތީ އިޤްތިޞާދީ ދާއިރާގެ ބޭފުޅުންވެސް ވަނީ ފާޑުވިދާޅުވެފައެވެ.
އެމްއެމްއޭއިން ފައިސާ ޗާޕްކުރުމުގެ ހުއްދަ އިތުރު އެއް އަހަރަށް އިތުރުކޮށްދީ، ފައިސާ ޗާޕްކުރެވޭނެ ލިމިޓްކަމަށް 2.5 ބިލިއަން ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފައެވެ. ސަރުކާރުން ފައިސާ ޗާޕްކުރަން ނިންމާފައިވާއިރު، 2020 ވަނަ އަހަރު އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެފައިވަނީ ކޯވިޑް-19ގެ މިހާލަތުގައި ފައިސާ ޗާޕްކުރެއްވުމުގެ އެއްވެސް ވިސްނުމެއް ނުގެން ގުޅުއްވާކަމަށެވެ.
ދުނިޔޭގެ ހުރިހާ ޤާއުމެއްގެ މަރުކަޒީ ބޭންކުތަކުންވެސް އިޤްތިޞާދީ ހާލަތު އެންމެ ދަށްވާ ހާލަތުގައިވެސް ފައިސާ ޗާޕްކުރުމަކީ ނުކުރާކަމެއްކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އިޤްތިޞާދީ ގޮތުން އެންމެ ފުދުންތެރި އަދި ވަސީލަތްތައް ގިނަ ޤައުމުތަކުގައިވެސް ފައިސާ ޗާޕްކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ އެޤައުމެއްގެ އިޤްތިޞާދީ ބުރަދަނަށް ވަރަށްބޮޑަށް ރިޢާޔަތްކުރައްވާކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.
ބޮޑެތި ޤައުމުތަކުގައި މިގޮތަށް ފައިސާ ޗާޕްކުރިނަމަވެސް އެޤައުމުތަކުގެ އެތެރޭގައި ހުރި ވަސީލަތްތަކާއި، މަސައްކަތްތައް ބޭނުންކޮށްގެން އެ ހާލަތުން އަރައިގަތުމުގެ ފުރުޞަތު އޮތްކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގައި ފައިސާ ޗާޕްކޮށްގެން އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމަށް ކުރެވޭނެ ކަންތައްތަކެއް ނެތްކަން ގަވަރުނަރު ޢަލީ ހާޝިމް ފާހަގަކުރެއްވިއެވެ. ރާއްޖެއަކީ އިމްޕޯޓްދަށް، އެކްސްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު މިފަދަ ހާލަތެއްގައި ޕްލޭންކުރެވި ދުރާލައި ކަންކަންވާނެގޮތަކަށް ބަލައި ޕްލޭންތަކެއް ހެދުމަކީ މުހިންމުކަމެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ