މަސްލަހަތު ރަނގަޅު ގޮތަކީ ޕްރައިމަރީއަކާއި ނުލައި ރައީސް ޞާލިހަށް ޓިކެޓް ދިނުން: ޝަރީފް

މަސްލަހަތު ރަނގަޅު ގޮތަކީ ޕްރައިމަރީއަކާއި ނުލައި ރައީސް ޞާލިހަށް ޓިކެޓް ދިނުން: ޝަރީފް

Author
މުޙައްމަދު ޝަޒައިމް
24 ނޮވެމްބަރ 2021 12:13
0

ވެރިކަން ކުރަމުންދާ މައި ޕާޓީ އެމްޑީޕީއަށް އޮތް މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ ޕްރައިމަރީއަކާއި ނުލައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ރިޔާސީ ޓިކެޓް ދިނުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓަކާއި ގުޅޭގޮތުން އަދި މަޝްވަރާތަކެއް ކޮށްފައި ނުވާއިރު، ބައެއް އާންމު މެމްބަރުންދަނީ އެބޭފުޅުންގެ ރައުޔު މިކަމުގައި ހާމަކުރަމުންނެވެ. އެގޮތުން ރޭ "ސަންގު ޓީވީ" ގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ރިޔާސީ ނިޒާމް އޮންނަ ގައުމުތަކުގައި ވެރިކަމުގައި ހުންނަ ޕާޓީގެ ރައީސަށް ދެވަނަ ދައުރެއް ދިނުމަކީ ކުރަމުންދާ ކަމެއްކަމަށެވެ. އަދި މިހާރު ހާލަތު އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރަކަށް ޕްރައިމަރީއަކާއި ނުލައި ރިޔާސީ ޓިކެޓް ދިނުމަކީ އެންމެ މަސްލަހަތު ރަނގަޅު ގޮތްކަމަށެވެ.

މިހާރުވެސް އެމްޑީޕީ ތެރޭގައި ދެފެކްޝަނެއް އޮވެ، ރައީސް ޞާލިހާއި، ރައީސް ނަޝީދުގެ ސިޔާސީ ވާދަވެރިކަން ބޮޑުވެފައިވާއިރު، ރައީސް ނަޝީދު ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރައީސް ޞާލިހު އަދި އިންތިޚާބުގައި ވާދަކުރުމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ދަންނަވާފައިނުވެއެވެ. މިހާތަނަށް ތަކުރާރުކޮށް ރައީސާއި އެސުވާލު ކުރިނަމަވެސް ދެއްވާ ޖަވާބަކީ ވެފައިވާ ވައުދުތައް ފުއްދުމަކީ އެންމެ އިސްކަން ދެއްވާ ކަންތައްކަމަށެވެ.

ރޭގެ ޕްރޮގުރާމުގައި ޝަރީފް ވިދާޅުވީ އޭނާ ފާޅު ކުރެއްވީ އޭނާގެ ޚިޔާލު ކަމަށެވެ. ނަމަވެސް ޕްރައިމަރީ ނުބޭއްވައި ރައީސަށް ޓިކެޓްދޭން ބާރުއަޅަނީ، ޕްރައިމަރީއެއް ބާއްވައިފިނަމަ ޕާޓީތެރެ ބައިބައިވެ ވެރިކަން ގެއްލިދާނެތީކަމަށެވެ. ނަމަވެސް ޕާޓީގެ މެމްބަރުން ބޭނުންވާ ހާލަތެއްގައި ޕްރައިމަރީއެއް ބޭއްވުމަކީވެސް މައްސަލައެއް އޮތްކަމެއް ނޫންކަމަށެވެ.

މިއަހަރުގެ ކުރީކޮޅު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ސިޔާސީ ގޮތުން ޤަބޫލުކުރައްވާގޮތުގައި 5 އަހަރުދުވަހުގެ ދައުރަކީ ވެރިކަމުގައި ދިގު މުއްދަތެއްކަމަށެވެ. ވެރިކަމަށް އިންތިޚާބުވާ މީހުން ވީހާވެސް އަވަހަށް ރައްޔިތުންނާ ހަމައަށް ދެވޭގޮތަށް އޮތުމަކީ ރަނގަޅުކަމެއްކަމަށް ދެކެވަޑައިގަންނަވާކަަމަށެވެ. 5 އަހަރު ދުވަހުގެ ދައުރެއް އޮތުމަކީ ކޮންމެހެން އޮންނަންޖެހޭ ކަމެއްކަމަށް އެމަނިކުފާނު ޤަބޫލު ނުކުރައްވާކަމަށްވެސް ރައިސް ވިދާޅުވިއެވެ. ކޮންމެ ސަރުކާރެއްގައިވެސް ޤަބޫލުކުރާ ސިޔާސަތުތަކެއް ހުންނަންޖެހޭނެކަމަށާއި، އެއީ ސަރުކާރު ބަދަލުވިޔަސް ބަދަލުވެގެންވާނެ ސިޔާސަތުތަކަށް ވެގެން ނުވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސިޔާސީގޮތުން ބަލާއިރު އަޅުގަނޑު ޤަބޫލުކުރަނީ 5 އަހަރަކީ ދިގު މުއްދަތެއްކަމަށް ވެރިކަމުގައި ހުންނަން. އިންތިޚާބުވާ މީހުން ވީހާވެސް އަވަސްއަވަަހަށް ރައްޔިތުންނާ، ހަމައަށް ދެވޭގޮތަށް އޮތުމަކީ ރަނގަޅުކަމެއްކަމަށް އަޅުގަނޑު ދެކެން. އެހެންވީމަ ރިޔާސީ ދައުރެއް 5 އަހަރަށް އޮތުމަކީ ކޮންމެހެން އޮންނަންޖެހޭ ކަމެއްކަމަށް އަޅުގަނޑެއް ނުދެކެން. އެއަށްވުރެ ކުރުވެސް ކުރެވިދާނެ. އެހެންނަމަވެސް އަޅުގަނޑުމެން އެންމެން ޤަބޫލުކުރާ ތަރައްޤީގެ ސިޔާސަތުތަކެއް ހުންނަންޖެހޭ. ސަރުކާރު ބަދަލުވިޔަސް ބަދަލު ނުވާނެ ކަންތައްތަކެއް. އެހެން އެކަން ނުކުރެވިއްޔާ ޤައުމަށް ވަރަށް ބޮޑެތި ގެއްލުންވާނެ. މިހާރުވެސް ގެއްލުން ކުރިމަތިވަމުން މިދަނީ އޭގެ ސަބަބުން.

– ރައީސް ވިދާޅުވިއެވެ.

ވެރިކަމަށް ވަޑައިގަތުމަށްފަހު ފުރަތަމަވެސް ކުރިއަށް އޮތް ދައުރަށް ކުރިމަތިލުމަށް ވިސްނައިފިނަމަ ރައްޔިތުންނަށް ޚިދުމަތެއް ނުކުރެވޭނެކަމަށާ، އެމަނިކުފާނު މިހާރު ކުރައްވާ ކަމަކީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުންކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންނަށް ވީ ވަޢުދުތައް ނުފުއްދެނީސް ދެވަނަ ދައުރެއްގެ ވާހަކަ ދެއްކުން ހެޔޮނުވާނެކަމަށާ، އެކަން ރައްޔިތުންވެސް ޤަބޫލު ނުކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކަމަނަ
ކަލެއަށްތ އެނގެނީ