ފައިސާ ޗާޕު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދީފައި އޮތް ހުއްދައިގެ މުއްދަތު ދެވަނަ ފަހަރަށް އިތުރު ކުރަން ސަރުކާރުން އެދިފައިވާ މައްސަލާގައި މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓުން މަރުކަޒީ ބޭންކް އެމްއެމްއޭގެ މިނިވަންކަމަށް ވަދެވޭކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުން ވަނީ ފައިސާ ޗާޕްކުރުމުގެ ހުއްދަ އިތުރު އެއް އަހަރަށް ދިނުމަށް ފާސްކޮށްފައެވެ. ނަމަވެސް ކޮމެޓީގެ ރިޕޯޓް ފާސްކުރެއްވިއިރު މަޖިލިސް ރައީސް ޖަލްސާގައި ބައިވެރިއެއްވެސް ނުވެއެވެ. މަޖިލީހުން ރިޕޯޓް ފާސް ކުރުމުގެ ކުރިން މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުގެ މަސައްކަތަކީ ފައިސާ ޗާޕުކުރަން ހުއްދަ ދިނުމުގެ ގޮތުން ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ހަމަތަކާއި އުސޫލުތަކަށް އަމަލު ކުރުމުގެ ބައެއް މާއްދާތައް އިސްތިސްނާ ދިނުން ކަމަށެވެ. އަދި އެމްއެމްއޭގެ މަސްއޫލިއްޔަތަކީ މަޖިލީހުން އެންގި ގޮތަށް އަމަލުކުރުން ކަމަށެވެ.
ނަމަވެސް އިސްތިސްނާދޭން ނިންމައި މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ދަރަންޏަށް ނަގާ ފައިސާ 50 އަހަރުން ދައްކާ ބޮންޑަކަށް ބަދަލުކޮށް އިންޓަރެސްޓް ރޭޓްވެސް ވަކި ވަަަރަކަށް ކަނޑައަޅަން ހިމަނާފައި އޮތުމުން ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ކޮމިޓީ ރިޕޯޓްގައިވޭ މި ދަރަންޏަކީ 50 އަހަރުން ދައްކާ ބޮންޑަކަށް ބަދަލު ކުރަން، އޭގެ އިންޓެރެސްޓް ރޭޓް ވެސް ކަނޑައަޅާފައި، އެކަމަކު މި ވާން ޖެހެނީ މަޖިލީހުން އަރުވާ ލަފައަކަށް، މަޖިލީހަށް އޮންނަނީ އިސްތިސްނާ ދިނުން، ދެން އެ ކަން ހިނގާނެ ގޮތް ނިންމާނީ އެމްއެމްއޭއިން، އުނދަގޫ ކަމެއް އައިސް މި އުޅެނީ އެމްއެމްއޭގެ އެ މިނިވަން ކަމަށް ވަދެވޭނެ ތަފްސީލްތައް މިއަށް ލައިގެން.
– ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ކަންބޮޑުންތަކާއި ގުޅިގެން މިއަދު ވަނީ ބައެއް އިސްލާހުތައް ކޮމެޓީ ރިޕޯޓަށް ގެނެސްފައެވެ. އެގޮތުން:
– މި އަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކް އެކައުންޓް އޯވާޑްރޯ ވެފައި ހުންނަ މިންވަރަށް ގޮތްތަކެއް ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭއިން މަޝްވަރާކޮށްގެން ދެންނެވުމަށް. މިގޮތުން 2021 ވަނަ އަހަރުގެ ޑިސެމްބަރުމަަހަގެ 31 ވަނަ ދުވަހުގެ ނިޔަަލަށް ޕަބްލިކް ބޭންކް އެކައުންޓް އޯވާޑްރޯ ކުރެވިފައި ހުންނަ މިންވަރުގެ ތެރެއިން 2.5 ބިލިއަން ރުފިޔާ ސެކިއުރަޓައިޒްކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ސަރުކާރަށް އިޝޫކޮށްފައިވާ 50 އަހަރުގެ އޮޓޮަމަޓައިޒްޑް ބޮންޑަކަށް ބަދަލުކޮށްދިނުމަށާއި އަދި މި ބޮންޑުގެ ކޫޕަން ރޭޓަކީ އަހަރަކު 2.5 ޕަސެންޓް ކަމުގައި ކަނޑައެޅުމަށް ލަފާއެރުވުމަށް.
– އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޕަބްލިކް ބޭންކް އެކައުންޓް ކޮންމެ ދުވަހަކު އޯވާ ޑްރޯ ކުރެވިފައިވާ ބެލެންސްއިން އަހަރަކަށް 0.1 ޕަސެންޓުގެ ރޭޓުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިންޓްރެސްޓް ޗާޖުކުރުމަށް ލަފާ އެރުވުމަށް.
މިމައްސަލައަށް މަޖިލީހުގައި ބަހުސްކުރުމަށްފަހު، މިމައްސަލަ ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށްފައެވެ. ކޮމިޓީން މިމައްސަލަ ދިރާސާކުރުމަށްފަހު ފިނޭންސް މިނިސްޓަރ އެދިވަޑައިގެންފައިވާ ގޮތަށް ހުއްދަދެއްވުމަށް ނިންމާފައިވާއިރު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މަޖިލީހުގެ އަޤްލަބިއްޔަތުން ކޮމިޓީގެ ރިޕޯޓް ފާސްކޮށްފައެވެ.
ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން ހުއްޓާލާފައި އޮތްއޮތުން އިތުރުކުރުމަށް ހުއްދަ ދީފައިވާއިރު، މީގެ ކުރިން 2 ފަހަރެއްގެ މަތީން މަޖިލީހުން ވަނީ މިމުއްދަތު އިތުރުކޮށްފައެވެ.
އިތުރު އެއް އަހަރަށް މުއްދަތު އިތުރު ކުރުމަށް އެދި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވީ ވޭތުވެދިޔަ 18 މަހެއްހާ ދުވަހުގެ ތެރޭގައި މި އިސްތިސްނާގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި، ޚިދުމަތްތަކަށް ބުރޫ އެރިޔަނުދީ، ދައުލަތް ހިންގުމުގެ ފުރުސަތު ލިބިގެން ދިޔަކަމަށެވެ. މީގެ އިތުރުން، އިޤްތިސާދީ ގޮތުން ފުން ވަޅުގަނޑަކަށް ރާއްޖެ ވެއްޓުނު ވަގުތު، ވިޔަފާރިތަކަށާއި އާއްމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކޯވިޑް-19 އާ ގުޅިގެން ކުރަން ޖެހުނު ސިއްޙީ ހޭދަތަކާއި ރައްކާތެރިކަމަށް ކުރަން ޖެހުނު ޚަރަދުތައް ހަމަޖެއްސުމުގެ ފުރުސަތު ލިބިގެން ދިޔަކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ވެކްސިނާއެކު ކޯވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އުންމީދީ ނިޝާންތަކެއް ފެނި، ބޯޑަރު ހުޅުވާލުމާއެކު ރާއްޖޭގެ ފަތުރުވެރިކަމާއި އިގުތިސާދީ ދުވެލި ބާރުވަމުން ދިޔަނަމަވެސް، މިހާތަނަށްވެސް ދުނިޔެއަށް މި ބަލިމަޑުކަމުން ފުރިހަމައަށް އަރައިގަނެވިފައި ނުވުމާއި، އިގުތިސާދީ ހިރާސްތައް އަދިވެސް މަތިކޮށް ހުރުމާއި، ކުރު މުއްދަތެއްގެ ތެރޭގައި ޕަބްލިކް ބޭންކް އެކައުންޓްގެ އޯވަޑްރޯ ކުރި އަދަދު އަނބުރާ ދެއްކުމަކީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމުގައާއި ދައުލަތުގެ ބަޖެޓު ތަންފީޒުކުރުމުގައި ދަތިތަކާއި ކުރިމަތިވެދާނެ ކަމެއްކަމަށް މިނިސްޓަރގެ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ