ޝަރީއަތަށް ގަޑިޖެހުމުން ސުޕްރީމް ކޯޓުން ޕީޖީ އޮފީސް 250ރ އިން ޖޫރިމަނާކޮށްފި

ޝަރީއަތަށް ގަޑިޖެހުމުން ސުޕްރީމް ކޯޓުން ޕީޖީ އޮފީސް 250ރ އިން ޖޫރިމަނާކޮށްފި

Author
މުޙައްމަދު ޖިމީ
22 ނޮވެމްބަރ 2021 02:17
0

ސުޕްރީމް ކޯޓުގައި މިއަދު އޮތް ޝަރީޢަތަށް ގަޑިޖެހިގެން ޙާޒިރުވުމުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ޖޫރިމަނާކޮށް، އެ ފައިސާ ދެއްކުމުން މެނުވީ ޝަރީއަތަށް ޙާޒިރުނުވޭވެގޮތަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ޕީޖީ އޮފީހުގެ ވަކީލުން ގަޑި ޖެހިގެން ޝަރީޢަތށް ޙާޒިރުވެފައިވަނީ ސުޕްރީމް ކޯޓްގައި އޮތް 2010 ވަނަ އަހަރު މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގެ ޝަރީޢަތަށެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނަވާ ފަނޑިޔާރު ހުސްނުއްސުޢޫދު ވިދާުވީ، ވަގުތަކީ ރަނަށްވުރެ އަގުބޮޑު އެއްޗެއްކަމަށެވެ. އަދި ޝަރީޢަތްތައް ގަޑިއަށް ފެށޭނީ ހުރިހާ ފަރާތްތަކުންވެސް ގަޑިއަށް އިޙްތިރާމް ކޮށްގެންކަމަށްވެސް ފަނޑިޔާރު ސުޢޫދު ވިދާޅުވިއެވެ. މިއަދު އެ ޝަރީޢަތް އޮތީ ހެނދުނު 09:00ގައި އޮންލައިންކޮށެވެ. ނަމަވެސް ޕީޖީ އޮފީހުގެ ވަކީލުން އެ ޝަރީޢަތަށް އޮންލައިން ވެފައިވަނީ ގަޑިޖެހިގެން އޭގެ 12 މިނެޓް ފަހުންނެވެ.

ސުއޫދު ވިދާޅުވީ ޗިޓެއް އަދި އަމުރެއްގައި ވަކި ގަޑިއެއް ކަނޑައަޅާފައިވާ ނަމަ އެއަށް ތަބާވާންޖެހޭނެ ކަމަށާއި އެއީ ވެސް ކޯޓުގެ އަމުރެއްކަމަށެވެ. ފަނޑިޔާރު ވިދާޅުވީ ކޮންމެ ކޯޓް ޢަމުރަކީ ކޮންމެ ރައްޔިތަކުވެސް އަދި މުއައްސަސާއަކުންވެސް އިޙްތިރާމް ކުރަންޖެހޭނެ އެއްޗެއްކަމަށެވެ.

ޕީޖީ އޮފީހުން ލަހުން ޝަރީއަތަށް ޙާޒިރުވުމުން އެ އޮފީސް ޖޫރިމަނާކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ ގަވައިދުގެ 88 ވަނަ މާއްދާގެ ށ.ގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް، 250 ރުފިޔާއިންނެވެ.

ޕީޖީ އޮފީސް މިއަދު ގަޑިޖެހުނުނަމަވެސް ޝަރީއަތް ކުރިއަށް ގެންދިޔައެވެ. މިއަދު އޮތީ އެ މައްސަލާގައި ދެފަރާތުގެ ޚުލާސާ ބަޔާން އިއްވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.