އިންޑިއާއާއި ރާއްޖެއާއި ދެމެދު ވެފައިވާ އަސްކަރީ އެއްބަސްވުންތަކުގެ ކޮޕީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ (241)އަށް ލިބިފައިނުވާތީ އެ އެއްބަސްވުމާއި ގުޅޭގޮތުން ރަނގަޅު ދިރާސާއެއް ހެދިފައިނުވާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރާއި، ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ކަންބޮޑުފާޅުކުރައްވައިފިއެވެ.
އެ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، އިންޑިއށާއެކު ރާއްޖެއިން ހަދާފައިވާ އަސްކަރީ އެއްބަސްވުމުގައި ޤައުމީ ސަލާމަތަށް ނުރައްކާވާ އެއްވެސްކަމެއް ނެތްކަމަށާއި އެ އެއްބަސްވުންތައް ރަނގަޅުކަމަށް އެ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެެވެ. ކޮމިޓީން މިގޮތަށް ފާސްކޮށްފައި ވީނަމަވެސް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނާއިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމްއާއި، ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު ޢަލީ ޙުސައިން ވޯޓު ދެއްވީ ދެކޮޅަށެވެ.
އިންޑިއާއެކު ހަދާފައިވާ އެއްބަސްވު ކޮމިޓީން ދިރާސާކުރައްވަމުން ގެންދެވިއިރު އެ ދެމެންބަރުން ވަނީ ބައެއް ހުށައެޅުންތައްވެސް ހުށައަޅުއްވާފައެވެ. މިގޮތުން ކޮމިޓީން ކުރިއަށް ގެންދިޔަމައްސަލާގައި ބަޔާންކޮށްފައިވަނީ އިންޑިއާއެކު ހަދާފައިވާ އެއްބަސްވުމުގެ އަސްލު ހޯދައިގެން ކޮމިޓީން ދިރާސާކުރުންކަމަށާއި، ނަމަވެސް އެ އެއްބަސވުމުގެ ލިޔުން ޑިފެންސް މިނިސްޓްރީން ކޮމިޓީއާއި ހިއްސާކޮށްފައިނުވާކަމަށް އުޝާމް ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެއްބަސްވުން ޕްރޮޖެކްޓަރުން އަޅުވައިގެން ސްކްރޯލް ކޮށްގެން ދެއްކުމުން ދިރާސާކުރުމަށް ފުރުޞަތު ލިބިވަޑައިނުގެންނެވިކަމަށް ވިދާޅުވެ އުޝާމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އުޝަމް ވަނީ ކޮމިޓީން ފާސްކުރި ރިޕޯޓްގައި 2016 ވަނަ އަހަރު ސޮއިކުރި އެކްޝަން ޕްލޭނާއި އުތުރު ތިލަފަޅު އެއްބަސްވުން ދިރާސާކުރިކަމަށް ބުނެފައިވީނަމަވެސް އެފަދަ އެއްވެސް ކަމެއް ކޮމިޓީގައި ކުރިއަށް ނުދާކަމަށާއި، މެންބަރުންނަށް ފެނިފައިވެސް ނުވާކަމަށް ވިދާޅުވެފައެވެ. އޭގެ ބަދަލުގައި އެ ލިޔުން ކޮމިޓީގެ މެންބަރުންނަށް ދެއްކީ ޕްރެޒެންޓޭޝަނެއް ގޮތުގައި ތަންތަންކޮޅުކަމަށްވެސް އުޝާމް ވިދާޅުވިއެވެ. އެހެންކަމުން އުޝަމް ވަނީ އެ އެއްބަސްވުމުގެ ހާޑު ކޮޕީ ނުވަތަ ޕްރިންޓް ކޮޕީއެއް ކޮމިޓީއާ ހިއްސާކުރުމަށް ހުށައަޅުއްވާފައެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިފަދަ މުހިންމު މައްސަލައެއް ނިންމުމުގެ ކުރިން ކޮމިޓީއަށް އެއްބަސްވުންތައް ލިބިގެން ރަނގަޅަށް ދިރާސާކުރުމުގެ ފުރުސަތެއް ލިބެންޖެހޭ. އެގޮތަށް ޕްރޮޖެކްޓަރުގައި އެ އަޅުވައިގެން ދެއްކީމާ ރަނގަޅަށް ބަލައިލާނެ ފުރުސަތެއް ވެސް ނުލިބޭނެ.
– މެންބަރު އުޝާމް ވިދާޅުވިއެވެ.
އެއްބަސްވުމުގެ ހާޑު ކޮޕީއެއް ކޮމިޓީއަށް ހޯދުމަށް އުޝާމް ހުށައެޅުއްވި ހުށައެޅުއްވުމަށް ތަޢީދުކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިންއެވެ. ޢަލީ ޙުސައިންވެސް ވަނީ އެއްބަސްވުން ޕްރޮޖެކްޓަރަށް އަޅުވައިގެން ސްކްރޯލް ކުރުމަކުން އެއީ ދިރާސާކުރެވުނީ ނޫންކަން ފާހަގަކުރައްވާ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޢަލީ ޙުސައިން ވަނީ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަކީ ޤާނޫނު އަސާސީން ބާރުލިބިގެން ހިންގާ ކޮމިޓީއަށްކަށް ވީހިނދު އެފަދަ އެއްބަސްވުންތައް ކޮމިޓީއާ ހިއްސާކުރެވެން ޖެހޭނެކަމަށް ވިދާޅުވެފައެވެ. ޢަލީ ޙުސައިން ވަނީ ޕްރެޒެންޓޭޝަންގައި ހުރި ބައެއް އިބާރާތްތަކާއި އަސްލު އެއްބަސްވުމުގައިހުރި ބައެއް އިބާރާތްތަކާއި ތަފާތުތަކެއް ހުރިކަންވެސް ފާހަގަކުރައްވާފައެވެ.
އިންޑިއާއެކު ހަދާފައިވާ އެއްބަސްވުމުގެ އަސްލު ކޮޕީއެއް ކޮމިޓީއަށް ހޯދުމަށް އުޝާމް ހުށައެޅުއްވި ނަމަވެސް، އެމްޑީޕީގެ އަޣްލަބިއްޔަތު އޮންނަ އެކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުން އެކަމާއި ދެކޮޅު ހެއްދެވުމުން އެ ހުށައެޅުން ފާހެއް ނުވިއެވެ.
މެންބަރު އުޝާމްއާއި އަލީ ހުސައިން ހުށައެޅުއްވި ހުށައެޅުންވެސް ކޮމިޓީގެ މުޤައްރިރު ހިދަތޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމަށް މާބޮޑު ކަމަކަށް ވެވަޑައިނުގެންނެވިއެވެ. އަސްލަމް ވިދާޅިވީ، އުޝާމް އެއްބަސްވުންތައް ފެނިވަޑައިނުގަންނަވާކަމަށް ވިދާޅުވަނީ ކޮމިޓީއާއި ގުޅިވަޑައިގަތީ ފަހުންކަމުން ބައެއް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ނުލިބުމުންކަމަށެވެ.
އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއިން ދިރާސާކުރުން pic.twitter.com/3s8r3nvAIu
— People's Majlis (@mvpeoplesmajlis) November 21, 2021
އަސްލަމް ވަނީ ސްކްރީނަށް އެއްބަސްވުން އަޅުވައިގެން މެންބަރުން ބޭނުންވާ ސުވާލު ކުރުމުގެ ފުރުޞަތު ދެއްވާފައިވާނެކަމަށެވެ.
އިންޑިއާއެކު ހަދާފައިވާ އެއްބަސްވުމުގައި ޤައުމީ ސަލާމަތަށް ނުރައްކަލެއް ނެތްކަމަށް ކޮމިޓީން ނިންމެވި ނިންމުމުގައި ވަނީ، ތިން އެއްބަސްވުމުގައި ވެސް ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ހިމެނިފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެއްބަސްވުންތަކަކީ ރާއްޖޭގެ މަސްލަހަތުތައް ހިމާޔަތްވާ ގޮތަށް ސޮއިކޮށްފައިވާ އެއްބަސްވުންތަކެއްކަމަށާއި، އެ އެއްބަސްވުންތަކަކީ ރާއްޖެއަށް ބޭނުންވެފައިވާ މުހިންމު ކަންކަމާ ގުޅޭ، ރަނގަޅު އެއްބަސްވުންތަކެއްކަމަށް ކޮމިޓީގެ ނިންމެވުމުގައިވެއެވެ.
ކޮމެންޓު ފޮނުވާ