ކުށްތަކުގައި ޙުމްތަންފީޒުކުރަންޖެހޭ ކުޑަކުދިން ބައިތިއްބަން ހަދާ ޖަލުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީއާއި ފުލުހުން ގުޅިގެން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢިމްރާން ވިދާޅުވީ، ކުށްކުރާ ކުދަކުދިން ކުށުގެ ވެށިން ދުރުކުރުވުމަސް ސަރުކަރުން މުހިންމު ގިނަ މަސައްކަތްތަކެއް ފަށްޓަވާފައިވާކަމަށެވެ. ކުށްކުރާ ކުދިންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ އަމާޒަކީ ކުށުގެ ވެށިން ކުދިން ދުރުކުރުވުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަވަން ނިންމަވާފައިވާކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ކުށްކުރާ ކުދިން ކުށުގެ ވެށިން ދުރުކުރުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެމަސައްކަތް ކުރަން ތަމްރީނުކުރެވިފައިވާ މުވައްޒަފުން މުޅި ރާއްޖޭގައި ވެސް ނެތުންކަމަށާ، އެހެންނަމަވެސް ބައިނަލްއަޤުވާމީ އެހީތެރިކަމާއެކު މިހާރު ވަނީ އެކަމަށް ޓަކައި ރަނގަޅު މަގުތަކެއް ފެނިފައިކަމަށް ވިދާޅުވިއެވެ.
ކުޑަކުދިންގެ ޖަލުގެ މަސައްކަތް މިއަހަރުގެ ޑިސެންބަރު މަހުގެކުރިން ނިމޭނެކަމަށާ، އެއަށްފަހު އަންނައަހަރު ފެށޭއިރު އެތަނުގައި ކުދިން ބޭއްތިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. މީގެއިތުރުން ދ.ކުޑަހުވަދޫގައި ޖުވެނައިލް ޖަސްޓިސްގެ ދަށުން ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ