ފާއިތިވެދިޔަ ބައި ގަރުނެއްހާ މުއްދަތުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތު އޮތީ ދިވެހި އިގްތިސާދަށް އޮތް އެންމެ ބޮޑު އުއްމީދުގެ ގޮތުގައެވެ. މާނައަކީ 1970ގެ އަހަރުގެ ތެރޭގައި ރާއްޖޭގައި ފަތުރުވެރި ކަމުގެ ސިނާއަތު ވުޖޫދުވެގެން އައިފަހުންވެސް، ދިވެހި ގައުމީ އުފެއްދުންތެރި ކަމުގެ އެންމެ ބޮޑު ހިއްސާއެއް އަދާ ކުރަމުން އައިސްފައިވަނީ ފަތުރުވެރި ކަމުގެ ސިނާއަތުންނެވެ.
އަދި ކުރު ގޮތަކަށް ދަންނަވަނީނަމަ، ފަތުރުވެރިކަމުގެ ސިނާއަތުގެ ފައިދާ ނުކުރާ އާއިލާއެއް ދިވެހި މުޖުތަމަޢުގައި ތިބި ކަމަކަށް ފެންނާކަށް ނެތެވެ. ސަބަބަކީ ފަތުރުވެރިކަމުގެ ސިނާއަތަކީ ދިވެހި ޒުވާނުން އެންމެ ގިނަ އަދަދަކަށް އެ ސިނާއަތެއްގައި ވަޒީފާ އަދާކުރަމުންދާ ސިނާއަތް ކަމުގައިވެސް ވާތީއެވެ.
މިގޮތުން ކޯވިޑް19ގެ ކުރިޔަށް ބަލާއިރު، 2019ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީގެ 66.1 އިންސައްތަ ހިއްސާ ކޮށްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. އެހެންނަމަވެެސް 2020ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން މުޅި ދުނިޔެއަށް ކުރިމަތިވެގެންދިޔަ ކޯވިޑްގެ އާލަމީ ވަބާއާއެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިދަޖެހިގެން ދިޔައެވެ. ރާއްޖޭގެ ބޯޑަރުތައް އެކީ ބަންދުކުރަން ޖެހި، އަދި އޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރުފަތުރު ކުރުމުގެ ސިނާއަތަށް ކުރިމަތިވެގެންދިޔަ ބޮޑެތި ގޮންޖެހުންތަކާއެކު، ރާއްޖޭގެ ގިނަ ރިސޯޓުތައް ބަންދު ކުރަންޖެހި، ރާއްޖޭގެ އިގްތިސާދަށްވެސް ފަތުރުވެރިކަމުގެ ސިނާއަތު ހުއްޓުމަކަށް އައިއައުމުގެ ބޮޑު ގެއްލުމާއި ކުރިމަތިލާން ޖެހިފައި ވެއެވެ.
ކޯވިޑްގެ ގޮންޖެހުންތަކާ އެކުވެސް 2021ގެ އަމާޒަށް ވާސިލް ވުމާއި ގާތައް!
މުޅި ދުނިޔެއަށް އާންމުވެގެން ދިޔަ ކޯވިޑްގެ އާލަމީ ވަބާއާއެކު، 2020ވަނަ އަހަރު ރާއްޖޭގެ ބޯޑަރުތައް ބަންދު ކޮށްފައި އޮތް އޮތުން ފާއިތުވި އަހަރުގެ ސެޕްޓެމްރު މަހު ސަރުކާރުންވަނީ ނިމުމަކަށް ގެންނަވާފައެވެ. އެއަށްފަހު ބޯޑަރުތައް ހުޅުވާ، އެހެންނަމަވެސް ކޯވިޑާއި ދެކޮޅަށް އަޅާފައިވާ ތަފާތު އެކި ފިޔަވަޅުތަކާއެކީ ސަރުކާރުން ގެންދިޔައީ ފަތުރުވެރިންނަށް ފަހި މާހައުލެއް ތަނަވަސް ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ވެގެން ދިޔައީ މުޅި ދުނިޔޭގައިވެސް އޮތް، އެންމެ ރަގަޅު "އޮޕެން ބޯޑަރ" ޕޮލިސީއެއް ގެންގުޅެމުން އައި އެއް ގައުމު ކަމުގައެވެ.
މިގޮތުން 2020 ނިމިގެން ދިޔައިރު ފަތުރުވެރިން ރާއްޖެއަށް އަންނަމުންދާ މިންވަރު ކުރިން ހީކުރެވުނު އަދަދަށްވުރެ އިތުރުވާން ފެށިއެވެ. އަދި ކޯވިޑް ވެކްސިން މުޅި ދުނިޔޭގައިވެސް އާންމުކޮށް ޖަހަން ފަށާ، އަދި ރާއްޖޭގެވެސް އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖަހަން ފެށިފައި ވުމާއިއެކު، 2021ވަނަ އަހަރު ފަތުރުވެރިން ރާއްޖެ ގެނައުމަށް ޚާއްސަ ލަނޑުދަޑިއެއް ސަރުކާރުން ކަޑައަޅާފައި ވެއެވެ.
އެއީ މިއަހަރުގެ ނިޔަލަށް 1.3 މިލިއަން ޓުއަރިސްޓުންނަށް ރާއްޖެއިން މަރުހަވާ ކިޔުމެވެ.
ކޯވިޑްގެ ހާލަތު ރާއްޖޭގައިވެސް އިންތިހާއަށް ރަގަޅުވެ، އަދި އަޅާފައިވާ ފިޔަވަޅުތަކަށްވެސް ބޮޑުތަނުން ލުއިދީ، އަދި ފަތުރުވެރިކަމުގެ ސިނާއަތު ނަގާ އަލުން ކޮޅަށް ޖެހުމަށް ކުރެވިގެންދިޔަ މަސައްކަތްތަކާއެކު، މިއަހަރު މިހާތަނަށްވަނީ ރާއްޖެއަށް 1,092,105 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ.
މިގޮތުން ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަ ކޮށްފައިވާ ގޮތުގައި، މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް 1,092,105 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، މިއީ 2020ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 147.6 އިންސައްތައިގެ ކުރިއެރުމެކެވެ.
އެހެންނަމަވެސް ފާހަގަ ކޮށްލަންކޖެހޭ އެންމެ މުހިންމު އެއް ނުކުތާއަކީ، މިއީ ކޯވިޑް19ގެ ކުރިން، 2019ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ ނިސްބަތާ އަޅާ ބަލާއިރު، އަދިވެސް 25.8 އިންސައްތަ ދަށް އަދަދެއްކަމެވެ. 2019ވަނަ އަހަރަކީ މިހާތަނަށް އެއް އަހަރެއްގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ އަހަރެވެ.
އިގްތިސާދުގެ ދިރުމަކީ އަދިވެސް ފަތުރުވެރިކަން!
ޒަމާނުއްސުރެ ދިވެހި އިގްތިސާދުގެ ލޭނާރުގެ ގޮތުގައި ފާހަގަވާން އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތެވެ. އަދި ފާއިތުވެދިޔަ މުއްދަތުގައި އެ ސިނާއަތުގެ މައްޗަށް ދިވެހި އިގްތިސާދު ބަރޯސާވެގެން ގޮސްފައިވާ މިންވަރަށް ބަލާއިރު، މިއަދު ފަތުރުވެރިކަމުގެ ސިނާއަތު ވެގެން ގޮސްފައިވަނީ އެ ސިނާއަތަކާ ނުލާ، ދިވެހިންނަށް ކައިގެން ބޮއިގެން ނޫޅެވޭވަރަށް ދިވެހި އިގްތިސާދު އެސިނާއަތެއްގެ މައްޗަށް ބަރޯސާވެގެން ގޮސްފައިވާ ސިނާއަތަކަށެވެ.
މީގެ އެންމެ ދިރިހުރި މިސާލަކީ ކޯވިޑް19ގެ އާލަމީ ވަބާއާއެކު، ފަތުރުވެރިކަން އިދަ ޖެހިގެން ދިއުމަށްފަހު ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެގެން ދިޔަ ގޮންޖެހުންތަކާއި އަދި އޭގެ ނަތީޖާއެއްގެ ގޮތުން އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރި ނޭދެވޭ އަސަރުތަކެވެ.
އެހެންކަމުން، ކޯވިޑުގެ ހާލަތަށް އަންނަން ފެށި ކުރިއެރުންތަކާއެކު، ފަތުރުވެރިކަމުގެ ސިނާއަތު އަލުން ނަގާ ކޮޅަށް ޖަހަން ސަރުކާރުން ކުރަމުން އައި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މިއަދާ ހަމައަށް މި މަސައްކަތުގައި ބޮޑު ކާމިޔާބީއަކާ ހަމައަށް ވާސިލް ވެވިފައިވާ ކަމުގައި ދަންނަވަން ޖެހެއެވެ.
އެހެންނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތުގެ ޟައީފް ކަމާއި، އަދި މި ސިނާއަތުގެ ދިރި ދެމިއޮތުން، މުޅި ދުނިޔެއަށް އެކި ގޮތްގޮތުން އަންނަމުންދާ ބަދަލުތަކާ ގުޅި ލާމެހިފައި އޮންނަ އޮތުމާއި މިކަންކަމުގެ މައްޗަށް ފުންކޮށް ނަޒަރެއް ހިންގާލާއިރު، ސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކިތަންމެ ރަގަޅު ސިޔާސަތެއް ގެންގުޅެމުން އައި ނަމަވެސް، އިގްދިސާދުގެ ދިރި ދެމި އޮތުމަށްޓަކާ މިނޫން އެހެން ސިނާއަތެއް އުފަންކުރުން މިއަދު މިއޮތީ ކޮންމެހެންވެސް ލާޒިމު ކަމަކަށް ވެގެން ގޮސްފައެވެ.