އިންޑިއާއާއެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ އެއްވެސްކަމެއް ނެތްކަމަށް އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ސަރުކާރަށް 3 ފުރުމާއި ގުޅޭގޮތުން ދައުލަތިުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތައް ފެނިވަޑައިގެންފައިވާ މީހެއްގެ ހައިސިއްޔަތުން އޭގައި އެއްވެސް ކަންބޮޑުވާނެޖެހޭ ކަމެއް ނެތްކަމަށް ޙަސަން ވަނީ ރޭ ވިދާޅުވެފައެވެ. އޭނާ މިހެން ވިދާޅުވެފައިވާއިރު، މީގެ ކުރިން ވަނީ، ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ހަދާފައިވާ އެއްބަސްވުންތަސް ހާމަކޮށް އެކަންކަމުގެ މައުލޫމާތު ދިވެހި ރައްޔިތުންނާއި ހިއްސާ ކުރުމަށް ގޮވާލައްވާފައެވެ.
ޙަސަން ވިދާޅުވީ އިންޑިއާއެކު ގާތް ގުޅުމެއް މިސަރުކާރުން އޮތްނައިރު، އެއީ އެމްޑީޕީގެ ސިޔާސަތެއްކަމަށެވެ. މިގޮތުން އެމްޑީޕީގެ ކުރީގެ ސަރުކާރުގައިވެސް އިންޑިއާއެކު ގާތް ގުޅުމެއް އޮތްކަން ޙަސަން ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ އިންޑިއާ އައުޓަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަމަށެވެ. އޭނަ ވިދާޅުވީ، އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްނަމަވެސް، ސަރުކާރުން އޭގައި ހުރި މަޢުލޫމާތުތައް ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭކަމަށެވެ.
އިންޑިއާއެކު ހަދާފައިވާ އެއްބަސްވުން ހާމަކުރުމަށް ގިނަބަޔަކު ގޮވާލަމުން ދިޔަނަމަވެސް ސަރުކާރުން އެކަމަށް މާކަބޮޑު އިޖާބައެއް ދީފައެއް ނުވެއެވެ.
މީގެ ކުރިން ޙަސަން ލަޠީފް ވިދާޅުވެފައިވަނީ، އެއްވެސް އެއްބަސްވުމެއް ފޮރުވައިގެން ސިއްރުކުރަން ނޫޅޭކަމާއި، އަދި އިންޑިއާއާއިން ހޯދަމުންދަނީ ކޮން ބާވަތްތަކުގެ އެހީތަކެއްކަމެއް ދިވެހި ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ކަމަށެވެ. މިއީ ވެރިކަން ކުރާ ކޯލިޝަން އަދި އެމްޑީޕީގެ އިސްބޭފުޅަކު މިހާ ފާޅުކަން ބޮޑުކޮށް އެއްބަސްވުންތައް ހާމަކުރުމަށް ސަރުކާރަށް ގޮވާލި ފުރަތަމަ ފަހަރެވެ.
އިންޑިއާއާއިއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކުގައި ރާއްޖޭގެ ސަލާމަތަށް ނުރައްވާ އެތައްކަމެއް ހުރިކަމަށް ބުނެ އިދިކޮޅު ފަރާޓްތަކުން ދަނީ އެއްބަސްވުނަތައް ހާމަ ކުރުމަށް ގޮވާލަމުންނެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ވަގުތުން ބޭލުމަށްވެސް އިދިކޮޅު ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
އިންޑިއާއާއިއެކު ހަދާފައިވާ ގިނަ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރުކޮށް، އަޅުވެތިކަމުގެ ބިރު އޮތްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ