އޮސްޓްރިއާގައި ކޯވިޑް19ގެ ހާލަތު ގޯސްވެސް، މުޅި ގައުމު ލޮކްޑައުންއަކަށް ދާން އޮސްޓްރިއާގެ ސަރުކާރުން ނިންމައިފިއެވެ.
އަންނަ ހޯމަ ދުވަހުންފެށިގެން މުޅި އޮސްޓްރިއާ ލޮކްޑައުންއަކަށްދާން ނިންމާފައި މިވަނީ، އެގައުމުގައި ވެކްސިން ނުޖަހާތިމި މީހުން ލޮކްޑައުން ކުރިތާ ދުވަސްތަކެއް ފަހުންނެވެ.
އޮސްޓްރިއާގެ ޗާންސެލަރ އެލެގްޒެންޑަރ ޝެލެމްބާރގް ވިދާޅުވެފައިވަނީ، މި ލޮކްޑައުން 20 ދުވަހަށް ދިގު ދެމިގެންދާނެ ކަމަށާއި، އަދި އަދި 2022 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޯވިޑް19 ވެކްސިން ޖެހުން އެގައުމުގެ ހުރިހާ ރައްޔިތުންނަށްވެސް ގާނޫނީގޮތުން ލާޒިމް ވެގެންދާނެ ކަމުގައެވެ.
މި ބަދަލާއެކު އޮސްޓްރިއާ ވެގެންދާނީ، ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ވެކްސިން ޖެހުން ގާނޫނީ ގޮތުން މަޖުބޫރު ކުރެވޭ ފުރަތަމަ ގައުމު ކަމުގައެވެ.
އޮސްޓްރިއާގައި ކޯވިޑްގެ ހާލަތު ގޯސްވަމުންދާއިރު، އޮސްޓްރިއާ ހިމެނިގެންދަނީ ޔޫރަޕްގައި ވެކްސިންޖަހާފައިވާ މީހުންގެ އަދަދު އެންމެ މަދު ގައުމުގެ ގޮތުގައެވެ.
ހޯމަ ދުވަހުން ފެށިގެން އޮސްޓްރީއާ ލޮކްޑައުން ކުރުމަށް ނިންމާފައިވާއިރު، ޔޫރަޕްގެ އެހެން ގައުމުތަކުގައިވެސް ކޯވިޑްގެ ހާލަތު ގޯސްވާން ފަށާފައިވުމާއެކު، ގައުމުތަކުންދަނީ އަލުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ.