ކޯވިޑް19ގެ ޑެލްޓާ ވޭރިއެންޓް މިއުޓޭޓް ވެގެން އުފެދިފައިވާ އާ ވޭރިއެންޓްއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާކަމުގެ އެއްވެސް އަލާމާތެއް ނުދައްކަފާނެ ކަމުގައި އިގިރޭސިވިލާތުގައި ހެދި ދިރާސާއަކުން ދައްކައިފިއެވެ.
ކޯވިޑްގެ19 ޖައްސާ ވައިރަސް އިތުރަށް ފަސޭހަކޮށް ފެތުރާކަމަށް ބެލެވޭ މި ވޭރިއެން މިހާރު ހިމަނާފައިވާ ގިންތިއަކީ "ވޭރިއެންޓް އަންޑަރ އިންވެސްޓިގޭޝަން" (VUI) އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ކުރިޔަށް ގެންގޮސްފައިވާ ރިއަލް-ޓައިމް އެސެސްމަންޓް އޮފް ކޮމިއުނިޓީ ޓްރާންސްމިޝަން [REACT-1] ސްޓަޑީއިން ދައްކާފައިވާ ގޮތުގައި Delta AY.4.2ގެ ނަން ދެވިފައިވާ މި ވޭރިއެންޓް ވަނީ ފާއިތުވެދިޔަ ތަނުގައި، ސެޕްޓެމްބަރު މަހުން ފެށިގެން، ދުވާލަކަށް 2.8 އިންސައްތައިގެ ބާރުމިނުގައި ހެދި ބޮޑުވަމުން އައިސްފައެވެ. އަދި އިނގިރޭސި ވިލާތުގައި އެންމެ ބާރުމިނުގައި މިހާރު ބަލި ޖައްސަމުންދާ އެއް ވޭރިއެންޓަކީ މި ވޭރިއެންޓެވެ.
އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖް ލަންޑަންއާއި، އިޕްސޮސް މޯރީ އިން ހެދި އެނަލިސިސްތައް ހަދާފައިވަނީ، އޮކްޓޯބަރުމަހުގެ 19އާއި ނޮވެމްބަރު މަހުގެ 5އާއި ދެމެދު އިނގިރޭސިވިލާތުގެ 100،000 މީހުންގެ ސްވެބް ޓެސްޓްތައް ނަގައިގެންނެވެ.
މި އެނަލިސިސްއިން ދައްކާފައިވާ ގޮތުގައި AY.4.2 ވޭރިއެންޓުން ބަލި ޖެހޭ މީހުންގެ ފަރާތުން ރަހަލުމާއި ވަސްދުވުން ނެތިގެން ދިއުން، ހުން އައުން ނުވަތަ ކެއްސުން ނުވަތަ މިފަދަ އެހެން އަލާމާތްތައްވެސް ނުފެނި ދިއުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ.
"މި ވޭރިއެންޓް ފަސޭހައިން ގައިން ގަޔަށް ފެތުރެންޖެހޭ ސަބަބު ހޯދިފައެއް ނުވޭ. އެހެންނަމަވެސް، މި ވޭރިއެންޓުން އަލާމާތްތައް ފެނުން ދުރު،" އިމްޕީރިއަލް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ REACT ޕްރޮގްރާމުގެ ޑައިރެކްޓަރ ޕްރޮފެސަރ ޕައުލް އެލިއޮޓް ވިދާޅުވެފައި ވެއެވެ.
މި ދިރާސާގެ ޑާޓާތައް ދައްކާފައިވާ ގޮތުން، މިއުޓޭޓް ވެގެން އުފަންވެފައިވާ ވޭރިއެންޓުން ބަލިޖެހިފައިވާ މީހުންގެ 33 އިންސައްތަ މީހުންގެ ކިބައިން އާންމުކޮށް ފެންނަ އަލާމާތްތައް ފެނިފައި ވެއެވެ. ޑެލްޓާ ވޭރިއެންޓުން ބަލިޖެހިފައިވާ މީހުންގެ 46 އިންސައްތަ މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިފައި ވެއެވެ.
މި ދިރާސާއިން ދައްކާފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ އެކިހިސާބުތަކުގައި ބަލި ޖެހޭ މީހުންގެ އަދަދު ދަށްވަމުން ދިޔަނަމަވެސް އަދިވެސް ބައްޔަށް ޕޮޒިިޓިވް ވަމުންދާ މީހުންގެ ނިސްބަތް އުޅެނީ ވަރަށް މަތީގައެވެ. މިގޮތުން މިހާރު އިނގިރޭސިވިލާތުގައި ބަލި ޖެހޭ މީހުންގެ ނިސްބަތް ހުރީ މިއަހަރު ޖެނުއަރީމަހު މިނިސްބަތް ހުރި މިންވަރުގައެވެ.
ކޮމެންޓު ފޮނުވާ