ޔާމީނަށް ކުރި ދައުވާގެ އަސްލާ ގުޅޭ ޗެކް އެސްއޯއެފަށް ޖަމާވިތޯ ސުވާލު އުފެދިއްޖެ

ޔާމީނަށް ކުރި ދައުވާގެ އަސްލާ ގުޅޭ ޗެކް އެސްއޯއެފަށް ޖަމާވިތޯ ސުވާލު އުފެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
18 ނޮވެމްބަރ 2021 12:23
0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރުމުގެ އަސްލަކަށްވި ގއ. ވޮޑަމުލާ ކުއްޔަށް ދީގެން ލިބުނު ފައިސާ، ޔާމީނަށް ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުންޏަށް އެމްއެމްޕީއާރްސީން ޖަމާކުރިކަމާ މެދު ޝައްކު އުފެދިއްޖެއެވެ.

ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓަށް ހިޔާނާތްތެރިވެ, އެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް އޭގެން މަންފާ ހޯދި މައްސަލާގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލީ ނިމުނު އޮކްޓޫބަރު މަހުގެ 5 ގައެވެ.

ޔާމީން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ކުރިއަށް ގެންދާ މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށް ފަހު މިއަދު އިތުރު އަޑުއެހުމެއް ބޭއްވީ މައްސަލަ ދިރާސާ ކުރުމުގެ ތެރެއިން އިތުރު ކަމެއް ފާހަގަ ކުރެވުމުންނެވެ. އެއީ ޗެކް ނަމްބަރު ދެލިޔުމެއްގައި ދެގޮތަކަށް އޮތުމުންނެވެ. ޔާމީންގެ ފަރާތުން ކުރިން ވެސް ސުޕްރީމް ކޯޓުގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި ޔާމީންގެ އެކައުންޓަށް ޖަމާވެފައި ވަނީ ގދ.ވޮޑަމުލާގެ ފައިސާކަން ދައުލަތައް ސާބިތު ކޮށްދެވިފައެއް ނުވެއެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ދައުލަތާއި ސުވާލު ކުރެއްވީ ޑިޕޮސިޓް ސްލިޕްގައި އޮތް ޗެކް ނަމްބަރާއި އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި އޮތް ޗެކް ނަމްބަރު ދިމާނުވަނީ ކީއްވެތޯއެވެ. އަދި މިޗެކަކީ މިމައްސަލައިގައި ހިމެނޭ އެއްމިލިއަން ޑޮލަރުގެ ޗެކްތޯ ފަނޑިޔާރު މަހާޒް ސުވާލު ކުރެއްވެވިއެވެ. ޖަވާބުގައި ދައުލަތުގެ ވަކީލް އަހްމަދު ނައުފަލް ވިދާޅުވީ ސުޕްރީމް ކޯޓުން ހިއްސާ ކޮށްފައިވާ ޗެކަކީ މިމައްސަލައިގައި ވާހަކަ ދެކެވޭ އެއްމިލިއަން ޑޮލަރުގެ ޗެކް ކަމަށެވެ.

އެއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ ފަނޑިޔާރު މަހާޒު ސުވާލު ކުރެއްވުމުން ދައުލަތުގެ ވަކީލް އަހުމަދު ނައުފަލް ވިދާޅުވީ ޗެކްގެ ނަންބަރު ނުބައިކޮށް އޮތީ ބޭންކް ސްޓޭޓްމެންޓް އެންޓާކުރުމުގެ ތެރޭގައި އަރާފައިވާ އޮޅުމެއް ކަމަށް ބެލެވޭ ކަމަށެވެ.

ނައުފަލް ވިދާޅުވި ގޮތުގައި މައްސަލާގައި ދައުވާކުރިއިރު ސްޓޭޓްމެންޓްގައި އެކައުންޓް ނަންބަރު ނުބައިކޮށް އޮތްކަން ފާހަގަވެފައިނުވެ އެވެ. ނަމަވެސް, އެކަން ފާހަގަވުމާއެކު ބޭންކުން އެކަން ސާފުކޮށް ޗެކާއި ޑެޕޮސިޓް ސްލިޕް ހޯދި ކަމަށާއި ބޭންކުން ވެސް މައުލޫމާތު ދީފައިވަނީ ސްޓޭޓްމެންޓްގައި ނަންބަރު އޮޅިގެން ނުބައިކޮށް ޖެހިފައި އޮތީކަން ކަމަށް ނައުފަލް ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް ދައުވާ އުފުލިއިރު ވެސް ވޮޑުމުލާގެ ޗެކް ދައުލަތަށް ލިބިފައި ނުވާ ކަމަށް ނައުފަލް ފާހަގަ ކުރައްވައެވެ. ނަމަވެސް, ކްރިމިނަލް ކޯޓުގައި އޭގެކުރިން އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުالله ޒިޔަތުގެ މައްސަލާގައި ދައުލަތުން ވޮޑުމުލާގެ ޗެކް ހުށަހަޅާފައިވެއެވެ. އެކަމާ ގުޅިގެން ވެސް ފަނޑިޔާރު ސުވާލު ކުރެއްވިއެވެ.

ނައުފަލް ވިދާޅުވީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގައި ދެ މައްސަލަ ކުރިއަށް ގެންދިޔައީ ދެ ޓީމަކުން ކަމާއި ދެ މައްސަލާގައި ހިމެނޭ ލިޔުންތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިނުވާ ކަމަށެވެ. ދެ މައްސަލަ ވެސް ކުރިއަށް ގެންދިޔައީ ތަހުގީގީ އިދާރާތަކުން ފޮނުވި ލިޔުންތަކުގެ މައްޗަށް ކަމުން, ޔާމީންގެ މައްސަލަ ހުށަހެޅިއިރު އެ ޗެކް އެ މައްސަލައިގެ ތެރެއިން ލިބިފައި އޮތްކަން އެނގިފައިނުވާ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ޔާމީންގެ ވަކީލުންނަށް ފުރުސަތު ދެއްވުމުން ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ ޔާމީންގެ މައްސަލަ ވެސް އަދި ޒިޔަތުގެ މައްސަލަ ވެސް ތަހުގީގުކުރީ ފުލުހުންގެ ތެރެއިން ހަމަ އެއް ބައެއް ކަމަށާއި ފުލުހުންނަށް ލިބިފައި ހުރި މައުލޫމާތެއް ނަމަ ހުންނަން ޖެހޭނީ ޕީޖީއާ ހިއްސާކޮށްފައި ކަމަށެވެ. ދައުލަތަށް ނުވަތަ ޕީޖީ އަށް ލިޔުމެއް ލިބިފައިވާ ނަމަ އެކަން އޮންނަންވާނީ ވަކީލުންނާ ހިއްސާކޮށްފައި ކަމަށެވެ.

މިއީ އަރާފައި އޮތް އޮޅުމެއް ނަމަ އެކަން ދަށު ކޯޓުގައި ވެސް ފާހަގަކުރަންޖެހޭނެ ކަމަށް ޝިޔާޒް ވިދާޅުވިއެވެ. އިތުރު ވާހަކަތައް ދައްކަން ފުރުސަތު ނުދީ މިއަދުގެ އަޑުއެހުން 15 ވަރަކަށް މިނެޓް ތެރޭ ވަނީ ނިންމަވާލައްވައިފަ އެވެ. ފަނޑިޔާރު މަހާޒް ވިދާޅުވީ ކުރިން ވެސް ނިންމާފައިވާ ގޮތަށް، އަންނަ މަހު ސުޕްރީމް ކޯޓު ރިސެސްއަށް ދިއުމުގެ ކުރިން މައްސަލާގައި ހުކުމް ކުރައްވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.