އެއްވެސް ސަރުކާރެއް ގެންނަން މަސައްކަތް ކުރުމަކީ ބޭކާރު ކަމެއް: މުސްތަފާ

އެއްވެސް ސަރުކާރެއް ގެންނަން މަސައްކަތް ކުރުމަކީ ބޭކާރު ކަމެއް: މުސްތަފާ

Author
މުޙައްމަދު ޝަޒައިމް
18 ނޮވެމްބަރ 2021 09:39
0

އެއްވެސް ސަރުކާރެއް ގެންނަން މަސައްކަތް ކުރުމަކީ ބޭކާރު ކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިހެން ވިދާޅުވީ، ރީކޯ މޫސާމަނިކްގެ ތިލަފުށީގައި 76 ހާސް އަކަފޫޓުގެ ބިން ސަރުކާރަށް ވިއްކާލާފައިވާކަމަށް ވިދާޅުވެ މުސްތަފާ ރައީސް ނަޝީދަށް ކޮށްފައިވާ ވަޓްސްއަޕް މެސެޖެއް ޓުވިޓަރ މެދުވެރިކޮށް އާންމު ކުރަމުން ކޮށްފައިވާ ޓުވީޓެއްގައެވެ.

ވަޓްސްއަޕް މެދުވެރިކޮށް މުސްތަފާ ރައީސް ނަޝީދަށް ކޮށްފައިވާ މެސެޖްގައި ވިދާޅުވެފައިވަނީ، 19 މިލިއަން ރުފިޔާއަށް ރީކޯ މޫސަގެ ތިލަފުށީ ބިން ސަރުކާރުން ގަނެފައިވާއިރު، ބާކީ އޮތް 90 ހާސް އަކަފޫޓުގެ ބިން މިލްކު ކުރުމަށްފަހު އޭގެ ތެރެއިން 30 ހާސް އަކަފޫޓުގެ ބިން 150 މިލިއަން ރުފިޔާއަށް އެލިއާއަށް ވިއްކާލާ އެފައިސާ ޖީބަށް ލާފައިވާ ކަމަށެވެ.

އަދި މި މެސެޖުގައި މުސްތަފާ ވިދާޅުވެފައިވަނީ، މިވަރުގެ ޑީލެއް ސަރުކާރާއެކީ ރީކޯ މޫސާމަނިކް ހަދާފައިވާއިރު، ވެރިކަމަށް އަންނަން އުޅުނު އިރު މިސަރުކާރަށް އެންމެ ބޮޑަށް ޖެއްސުންކުރި އެކަކީ ރީކޯ މޫސަކަމަކާއި، ސަރުކާރު ގެންނަން އަސްލު މަސައްކަތް ކުރި މީހުންނަށް ލިބިގެންދިޔައީ ކޮޅުކެހި ކަމުގައެވެ.

އަދި ސަރުކާރު ގެންނަން މަސައްކަތް ކުރި މީހުންގެ މުދާ ސަރުކާރުން އަތުލުމުގެ ސަބަބުން އެކަމާ ދެކޮޅަށް ކޯޓުން ކުރި ހުކުމްވެސް ތަންފީޒުވެފައި ނުވާކަމަށްވެސް މުސްތަފާ ވިދާޅުވެފައި ވެއެވެ. މުސްތަފާ ވިދާޅުވެފައި ވަނީ، އޭގެ ނަތީޖާއަކީ އަސްލު މަސައްކަތް ކުރި މީހުންގެ މުޅި ހަޔާތް ހަލާކުވެގެން ދިއުން ކަމުގައެވެ.

އެއްވެސް ސަރުކާރެއް ގެންނަން މަސައްކަތް ކުރުމަކީ ބޭކާރު ކަމެއް! މަސައްކަތް ކުރި ކޮންމެ މީހަކަށް ލިބޭނީ ކޮޅު ކެއްސެވެ.

– މުސްތަފާ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ތިލަފުށީގައި އޮތް މުސްތަފާގެ ބިމަކަށް ފައިސާ ދެއްކުން މަޖުބޫރުކޮށް، ދާދިފަހުން މުސްތަފާވަނީ އެމިބަށް ދައްކަން ޖެހޭ 760 ހާސް ރުފިޔާ ދައްކާފައެވެ.

ތިލަފުށި ފަޅުތެރޭގައި އޮތް ދަގަނޑު ބޯޓު "އެމްވީ ސީ ހޯމް ސެފަޔާ"ގައި އަތްނުލުމަށް ފުލުހުން އަންގާފައި ވަނިކޮށް ތިލަފުށި ފަޅުތެރޭގައި އޮތް ބޯޓު ނަގައި ނައްތާލަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) އިން ޕާކަވަން ކުންފުންޏާ ހަވާލުކުރި މައްސަލާގައި މުސްތަފާވަނީ މީގެކުރިން މިސަރުކާރަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

މިވެރިކަން ގެނައުމަށް ކުރެވުނު މަސައްކަތަކީ ކުރެވުނު މޮޔަކަމެއް ކަމުގައި މީގެކުރިންވެސް މުސްތަފާ ވަނީ ވިދާޅުވެފައެވެ. މުސްތަފާއަކީ މިސަރުކާރު ވެރިކަމަށް ގެނައުމަށް އޭރުގެ މަޖިލިސް ތެރެއިންނާއި، މަގުމަތީގައި ހިންގި ގިނަ ހަރަކާތްތަކެއްގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މިސަރުކާރު ވެރިކަމަށް ގެނައުމަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޖިލިސް ތެރެއިން އޭރުގެ ވެރިކަމާއި ދެކޮޅަށް ނިކުމެ އިހުތިޖާޖުހުރި 12 މެމްބަރުންގެ ތެރޭގައިވެސް މުސްތަފާ ހިމެނެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާއި ދެކޮޅަށް މިއަދު އޮތް ސަރުކާރުގެ ކޯލިޝަން އުފެދިގެން އައީވެސް، މަޖިލީހުގައި ހިމެނުނު މެމްބަރުންގެ ތެރެއިން ރައީސް ޔާމީނާއި ދެކޮޅަށް އޭރުގެ ސަރުކާރަށް ނިސްބަތްވާ ބާރަ މެމްބަރަން ނިކުމެ ކުރި އިހުތިޖާޖުތަކުގެ ތެރެއިންނެވެ. އެދި އެމަސައްކަތް ވެގެން ގޮސްފައިވަނީ އޭރުގެ ވެރިކަމާއި ދެކޮޅަށް ގިނަަބަޔަކަށް ނިކުންނަށް ހިތްވަރުލިބި ސަރުކާރު ބަލިކަށި ވާން ދިމާވި އެންމެބޮޑު އެއްސަބަބުކަމުގައިވެ. ބާރަ މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން ޖަލުގައިވެސް އެތައް ދުވަހަކު ބަންދު ކުރެވި ދައުވާވެސް ކޮށްފައިވެއެވެ.

12 މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރުންގެ ތެރެއިން މުސްތަފާ ދަނީ ފަހަކަށް އައިސް ވަރަށް ފާޅުކަން ބޮޑުކޮށް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަފިކުރު
މަގާމެއް ނުލިބޭހާ ހިނދު؟