ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ކުންފުނިތަކަށް ދޭ ގޯލްޑް 100 އެވޯޑު، ގޭޖް ޕްރައިވެޓް ލިމިޓެޑްއިން ހާސިލް ކޮށްފިއެވެ.
ރޭ ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތުގައި އެވޯޑާ ހަވާލުވެވަޑައިގަތީ ގޭޖް ކުންފުނީގެ ޗެއަރމަން އަދި ފައުންޑަރ، ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބުދުއްﷲ ރިޔާޒުއެވެ.
"ގޯލްޑް 100″ އަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުންޏެއް ހޮވައި ދޭ އެވޯޑެކެވެ. ރޭގެ ޙަފްލާގައި މި ފަހަރު މިއެވޯޑް ޙާޞިލުކުރި 100 ކުންފުންޏަށް ވަނީ އެވޯޑް ހަވާކުރެވިފައެވެ.
2010ވަނަ އަހަރު ވުޖޫދުވި ގޭޖް ކުންފުންޏަކީ ސެކިއުރިޓީ އަދި ފަޔަރ ސޭފްޓީގެ ދާއިރާއާއި ގުޅުންހުރި ހުރިހާ ޚިދުމަތެއް ފޯރުކޮށް ދެމުންދާ ކުންފުންޏެކެވެ. އަދި މި ކުންފުނީގައި 400 އަށްވުރެ ގިނަ މުވައްޒަފުން މިހާރު މަސައްކަތް ކުރަމުން ދެއެވެ.
ސެކިއުރިޓި އަދި ފަޔަރ ސޭފްޓީގެ ދާއިރާއިން ގޭޖް ކުންފުނިން ފޯރު ކޮށްދެމުންދާ ޚިދުމަތްތަކުގެ ތެރޭގައި ސީސީޓީވީގެ ޚިދުމަތާއި، އެކްސެސް ކޮންޓްރޯލްއާއި ގުޅުންހުރި ޚިދުމަތްތަކުގެ އިތުރުން، ގޭޖް ޓްރެއިންިންގ އިންސްޓިޓިއުޓް މެދުވެރިކޮށް މިދާއިރާއާއި ގުޅުންހުރި ތަމްރީނު ފޯރުކޮށް ދިނުންވެސް ހިމެނެއެވެ.
ރޭ ބޭއްވިގެންދިޔަ "ގޯލްޑް 100 އެވޯޑު" ހަފްލާގައި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ކުރިއެރުންތައް ހޯދާފައިވާ ކުންފުނިތަކަށް އެވޯޑު ދީފައިވަނީ، އެކަމަށް އެކުލަވާލެވުނު ހާއްސަ ބޯޑަކުން ބަލައި ޕޮއިންޓްދީގެންނެވެ.
އެވޯޑު ދިނުމުގައި، ރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރި ހަރަކާތްތައް ހިންގާ ފުޅާމިނާއި، އެ ކުންފުންޏަކާ ގުޅޭ ދާއިރާއަކުން ކާމިޔާބު އީޖަދުތައް ތައާރަފްކުރާ މިންވަރާއި، އިޖްތިމާއީ ޒިންމާގެ ރޮނގުން އުފެއްދުންތެރި މަސައްކަތްތައް ކޮށްފައިވާ މިންވަރަށް ބަލައެވެ.
ރޭގެ މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "ގޯލްޑް 100″ މެގަޒިން ރަސްމީގޮތުން ނެރެދެއްވާފައެވެ. މީގެ އިތުރުން މި ޙަފްލާގައި، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ޙާޞިލުކުރި ދެ ބޭފުޅުންނަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެވޯޑް ހަވާލުކޮށް ދެއްވާފައެވެ.
"ގޯލްޑް 100 ގާލާ" ޙަފްލާއަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ އެންމެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ އާ ފުރުޞަތުތައް ހޯދާފަރާތްތަކަށް ވެސް އެފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ޙަފްލާއެކެވެ. މި ޙަފްލާގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ވިޔަފާރިތަކުގެ ޗެއަރމަނުންނާއި، މެނޭޖިންގ ޑިރެކްޓަރުންނާއި، ސީ.އީ.އޯ. އިންނާއި، ވިޔަފާރިތަކުގައި ހަރަކާތްތެރިވާ އިސްފަރާތްތަކުން ބައިވެރިވެލެއްވިއެވެ.
ގޭޖް ކުންފުންޏަށް "ގޯލްޑް 100″ ލިބުމުގެ މުނާސަބަތުގައި އެކުންފުނީގެ ޗެއަރމަން އަދި ފައުންޑަރ، ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީގެ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒުވަނީ، އެކުންފުންޏަށް މި އެވާރޑު ހާސިލްކޮށްދިނުމުގައި ކުންފުނީގެ މުވައްޒަފުން އަދާ ކޮށްފައިވާ ދައުރު ފާހަގަކޮށް، ކުންފުނީގެ އެންމެހާ މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ