ދިވެހި ރާއްޖޭގެ ފާގަތި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ދަނީ އަގުނުކުރެވޭ ޚިދުމަތްތަކެއް ކޮށްދެއްވަމުން ކަމުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހު ވެރިކަމާއި ހަވާލުވެ ވަޑައިގެންވިތާ މިއަދަށް ތިން އަހަރު ފުރޭއިރު، މިއަދުގެ މުނާސަބަތުގައި ސަރުކާރުގެ އެކި މަޤާމުތަކާއި ތިއްބެވި ބޭފުޅުންނާއި މަޖިލީހަށް ނިސްބަތްވާ އެމްޑީޕީގެ ބައެއް މެމްބަރުންވެސް ދަނީ ތަހުނިޔާ ވިދާޅުވަމުންނެވެ.
ސަލީމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ނިމިގެންދިޔަ ތިން އަހަރަކީ، ދިވެހި ރާއްޖޭގެ އަމިއްލަ ވަންތަ ކަމަށާއި، މިނިވަންކަން ދަމަހައްޓައި، އަނިޔާވެރި ވެރިކަމަކުން ދިވެހި ރައްޔިތުންނާއި ޤައުމު ސަލާމަތް ކޮށްދެއްވާފައިކަމަށެވެ. އަދި ދަތި އުދަގޫ ހާލަތުގައިވެސް ރައީސް ޞާލިހު ކޮށްދެއްވި ޚިދުމަތްތަކަކީ، މުޅިގައުމު އެކަން ބަލައިގަންނަ އަގުނުކުރެވޭ ޚިދުމަތްތަކެއްކަމަށް ސަލީމް ވިދާޅުވިއެވެ.
ދިވެހި ޖުމްހޫރިއްޔަތުގެ އަމިއްލަކަމާއި، މިނިވަންކަން ފުރިހަމަ އަށް ދަމަހައްޓަވަމުން، އަނިޔާގެ ޒަމާން ނިމުމަކަށް ގެންނަވާ، ދަތި އުނދަގޫތަކުގައި، ގައުމުގެ ފާގަތި ކަމަށް ވެރިކަމުގެ 3 އަހަރު ރައީސް ސޯލިހް ކުރެއްވީ އަގު ނުކުރެވޭ ފަދަ ޚިދުމަތެކެެވެ.
– ސަލީމް ވިދާޅުވިއެވެ.
ފާއިތުވެދިޔަ ތިނަ އަހަރުގެ ކާމިޔާބީ ސަރުކާރުން ފާހަގަކުރާއިރު، އިދިކޮޅު ފަރާތްތަކުން ބަނަމުންދަނީ، މިއީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ގެއްލިގެން ދިޔަ ތިން އަހަރު ކަމަށެވެ. ރާއްޖޭގެ މިނިވަންކަމާއިމެދު އެތައް ސުވާލުތަކެއް އެފެދިފައިވާ މިހާލަތުގައި ދިވެހިން ވަނީ މިނިވަން ކަމުގެ ދިފާއުގައި ނިކުންނަން ޖެހިފައިކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ވަކިން ޚާއްސަކޮށް ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބެ، އަޑިނޭގޭ އެއެއްބަސްވުންތައް ހަދާފައިވާކަމީ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އިދިކޮޅުން ސިފަކުރެއެވެ.
ކޮމެންޓު ފޮނުވާ