ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށްޓަކައި ސަރުކާރަށް ހުށަހެޅުމަށް ތައްޔާރު ކުރަމުންދާ ޕެޓިޝަންގައި މިހާތަނަށް 100،000 މީހުން ސޮއިކޮށްފައިވާކަމަށް ޕެޓިޝަން ތައްޔާރު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތުން ބުނެފިއެވެ.
ޕެޓިޝަން ތައްޔާރު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޤާނޫނީ ވަކީލް ނިޝާން ވިދާޅުވީ، ބަރުލަމާނީ ޕެޓިޝަންގެ ތަފްޞީލް މިހާތަނަށް ލިބިފައިވާ ޖުމްލަ ސޮއި (109،825)، (އެއްލައްކަ ނުވަހާސް އަށްސަތޭކަ ފަންސަވީރސް)، ތަކުރާރުވެފައިވާ ސޮއިގެ އަދަދު 83 (އަށްޑިހަ ތިނެއް)، އެހެންކަމުން ޖުމްލަ އަދަދަކީ 109،742 (އެއްލައްކަ ނުވަހާސް ހަތްސަތޭކަ ސާޅީސް ދޭއް) ކަމަށެވެ.
މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހަށްވެސް ހުށައަޅާނެ ކަމަށް މިކަން އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.
ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ވިދާޅުވެފައެވެ. 2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.
ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.
ކޮމެންޓު ފޮނުވާ