ސިޔާސީ މަޤާމުތަކުގައި ތިބި މީހުންގެ މުސާރަ ކުޑަކުރުމާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (އައްޑޫ ޝަރީފް) ވާހަކަފުޅު ދައްކަވައިފިއެވެ.
ޝަރީފް އެގޮތަށް ވާހަކަފުޅު ދެއްކެވީ އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދަ ނުވަތަ ފައިސާ ޗާޕް ކުރުމުގެ ހުއްދަ އިތުރުކުރުމަށް ފިނޭންސް މިނިސްޓަރ މަޖިލީހުގައި އެދިވަޑައިގެން ފޮނުއްވި ސިޓީއާއި ގުޅިގެން މެންބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކާއި ގުޅިގެންނެވެ. މި މައްސަލައަށް ބަހުސްކުރެއްވި އިދިކޮޅު މެންބަރުން ވަނީ ފައިސާ ޗާޕް ކުރުމުގެ ބަދަލުގައި މަޖިލީހުގެ މެންބަރުންނާއި ސިޔާސީ މަޤާމުތަކުގައި ތިއްބެވި މީހުންގެ މުސާރަ ކުޑަކުރުމަށް ގޮވާލައްވާފައެވެ.
އެ ވާހަކަތަކާއި ގުޅިގެން ރައްދުދެއްވާ ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، ފައިސާ ޗާޕްކުރުމާއި ދެކޮޅަށް ވާހަކަދައްކާ މެންބަރުން އުޅެނީ އާއިލާތަކަށް ލިބޭ ކުޑަ މުސާރަ އަތުލުމަށްކަމަށެވެ. ޝަރީފް ވިދާޅުވީ ސިޔާސީ މަޤާމުތަކުގައިވެސް ތިއްބަވަނީ ދިވެހި ރައްޔިތުންކަމަށާއި، އެމީހުންގެ މުސާރަ ކަނޑައިގެން ނުވާނެކަމަށެވެ. އެމީހުންނަށްވެސް ވަޒީފާ ދޭންޖެހޭކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، ސިޔާސީ މީހުންނަށް ލިބޭ މުސާރައަކީވެސް އެތައް އާއިލާއަކަށް އެކަމުގެ އަސަރުކުރާ އެއްޗެއްކަމަށެވެ.
ސިޔާސީ މަގާމުތަކުގައިވެސް ތިއްބަވަނީ ދިވެހި ރައްޔިތުންނޭ! އެ މީހުންނަށް ލިބޭ މުސާރައަކީ އެތައް އާއިލާއަކަށް އެ ފައިދާ ލިބޭ އެއްޗެއްސޭ! ކިހިނެއްތޯ ވެގެން ތިބޭފުޅުން ތިއުޅުއްވަނީ؟ ކީކޭތޯ ހިތަށް އަރުއްވައިގެން ތި އުޅުއްވަނީ؟
– ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވި މިވަގުތު ފައިސާ ޗާޕްކުރުމަކީ އެކަމުގެ ސަބަބުން ޑޮލަރުގެ އަގާއި އިންފްލޭޝަން މަތި ވިޔަސް، އިޤްތިޞާދު ރީބައުންޑު ކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ. އެއީ ސަރުކާރު ހިންގަން ތިބި ބައެއްގެ މަސްއޫލިއްޔަތެއް ހުއްޓުނަ ނުދީ، ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތާއި ގައުމުގެ އިގްތިޞާދު އަލުން އާރާސްތުކޮށް ބިނާކޮށް، އިހުހުރި މަގަށް ގެނައުމަށް މަސައްކަތްކުރުމަށް ކުރެވޭ ކަމެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ސަރުކާރުން، މަރުކަޒީ ބޭންކް އެމްއެމްއޭއިން ދަރަނި ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ދީފައިވާ ހުއްދަ އަނެއްކާވެސް އިތުރުކުރަން ހުށަހެޅުމުން ތަކެތީގެ އަގު އުފުލޭނެކަމަށް ބުނެ މި މައްސަލައަށް ވާހަކަ ދެއްކި ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމެންޓު ފޮނުވާ