އަދަބު ލުއިކޮށްދިނުމުގެ ސަބަބުން ގޭބަންދަށް ނުވަތަ ރަށު ބަންދަށް ދޫކޮށްލެވިފައިވާ ފަރާތްތަކުގެ ތެރެއިން އެފަރާތްތަކުގެ މައްޗަށް ކުރެވިފައިވާ ޝަރުތައް ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ޕާސްޕޯޓް ހިފެހެއްޓިފައިނުވާކަމުގައި ހޯމް މިިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ޑީ.ޕީ.އާރް.އެސްއިން ގޭބަންދަށްދޫކޮށް، ވަކި މުއްދަތެއްގައި ގޭބަންދުގައި ހުރުމަށްފަހު، ރަށުބަންދަށް ނުވަތަ ޖަލުން ރަށުބަންދަށް ދޫކޮށްފައިވާ ފަރާތްތަކަށް ގިނަ އަހަރުތަކެއް ވެގެންދާއިރުވެސް ޕާސްޕޯޓް ހިފަހައްޓައި، ވަކިގޮތެއް ނާންގައިވަނީ ކޮން ސަބަބަބާއި ހެދިތޯ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ މިނިސްޓަރ އިމްރާނާއި ލިޔުމުން ޖަވާބު ހޯދަން އެދިފައެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ މަޢާފު ދިނުމާ އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން މަޢާފުދިނުމުގެ ސަބަބުން، އަދަބު ލުއިކޮށްދިނުމުގެ ސަބަބުން ގޭބަންދަށް ނުވަތަ ރަށު ބަންދަށް ދޫކޮށްލެވިފައިވާ ފަރާތްތަކުގެ ތެރެއިން އެފަރާތްތަކުގެ މައްޗަށް ކުރެވިފައިވާ ޝަރުތައް ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ޕާސްޕޯޓް ހިފެހެއްޓިފައިނުވާނެކަމަށެވެ.
ނަމަވެސް، ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ދޫކޮށްލެވުނު ފަރާތްތަކުގެ ތެރެއިން، އެފަރާތްތަކަށް ކުރެވުނު ޝަރުތަކާ ޚިލާފުވުމުގެ ސަބަބުން ހުކުމަށް އަލުން ރުޖޫޢަ ކުރަންޖެހޭ ފަރާތްތައްވެސް ހިމެނޭ ގޮތަށް، ހުކުމް ތަންފީޛު ކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާ ހުރެ މުޖްތަމަޢަށް ދޫވެފައިވާ އެކިފަރާތްތަކުގެ ޕާސްޕޯޓުތައް ވަނީ ހިފެހެއްޓިފައިކަމަށެވެ.
މީގެ އިތުރުން ޕާސްޕޯޓް ހިފެހެއްޓިފައިވާ ފަރާތްތަކުގެ ތެރޭގައި ޑްރަގް ފަރުވާ ފުރިހަމަ ނުކުރުން ނުވަތަ ދަރަނި އަދާނުކުރުން ފަދަ މައްސަލަ ތަކުގައި ޣައިރު ޙާޟިރުގައި ހުކުމްކޮށްފައިވާ ފަރާތްތައްވެސް ހިމެނޭކަމަށެވެ. މިހުރިހާ ފަރާތެއްގެވެސް ޕާސްޕޯޓު ހިފެހެއްޓިފައިވަނީ، އެފަދަ ފަރާތްތަކުން ތަންފީޛުކުރަން ޖެހޭ ހުކުމްތައް ހުރުމުންކަމަށާއި، އަދި މިފަދަ ފަރާތްތައް ލިސްޓު ކުރެވިފައިވާއިރު، އޭގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ މީހުން ހިމެނޭކަމަށެވެ.
މިފަދަ ފަރާތްތަކުގެ ތެރެއިން އިތުރު ކުށަކަށް އަރައިނުގަނެ ގިނަ ދުވަސްތަކެއް ވެފައިވާ ފަރާތްތައް ހިމެނޭއިރު، އެފަދަ ފަރާތްތަކުގެ މައްޗަށް އިއްވާފައިވާ ހުކުމްތައް މިހާރު ތަންފީޛުކުރަން ފެށުމަކީ އެންމެ މަސްލަހަތު ހުރި ގޮތްކަމަށް ނުފެންނާތީ، މިފަދަ ހާލަތެއް މެދުވެރިވެފައިވާ ހުރިހާ ފަރާތްތަކަށްވެސް ޢަދުލުވެރި ހައްލެއް ހޯދައިދިނުމަށް މައްސަކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިގޮތުން، އިތުރު ކުށަކަށް އަރައިނުގަނެ، ވަޒީފާއަށް ގޮސް އާއިލާއާއެކު ހަރުދަނާ ދިރިއުޅުމެއް އުޅެމުންދާ ފަރާތްތަކުގެ މައްޗަށް އަހަރުތަކެއްގެ ކުރިން ކޮށްފައިވާ ހުކުމެއް ތަންފީޛުކުރުމަށް ޖަލަށް ގެނައުމަކީ މީހުން ރީހިބިލޭޓްކޮށް މުޖްތަމަޢަށް ނެރުމަށް ބާރުއެޅުމަށް މިނިސްޓްރީން ގެންގުޅޭ ރުޖޫޢީ އިންސާފުގެ ފަލްސަފާއާ ޚިލާފު އަދި އެކަމުގެ ސަބަބުން ދަޢުލަތުންނާއި އެފަދަ ފަރާތްތަކުގެ ޢާއިލާތަކުންވެސް ތަކުލީފުތަކެއް އުފުލަން ޖެހޭނެ ކަމެއް ކަމުގައިވާތީ، މިފަރާތްތަކުގެ މައްޗަށް ކުރެވިފައިވާ ހުކުމްތަކާމެދު ޤާނޫނީ ގޮތުން ޢަމަލުކުރެވިދާނެ ގޮތްތަކެއް ދެނެގަތުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކާއެ މަޝްވަރާ ކުރަމުންދާކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ