އަންނަ އަހަރުގެ ބަޖެޓުން ނައިފަރު ދާއިރާގެ މަޤާމާއި، ޝަރަފު އޮތީ ހީލަތްތެރި ގޮތަކަށް ގެއްލުވާލާފައިކަމަށް އެދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ ބަޖެޓުން ފެނިގެންދަނީ ދަރަނި މައްޗަށް ދަރަނި އުފައްދާ ތަންކަމަށެވެ. ބަޖެޓުން ރާއްޖޭގެ ރަށްތަކަށް ކަނޑައަޅާފައިވާ ބަޖެޓަށް ބަލައިލުމުން އޯގާތެރިކަމުގެ ކުޑަވެސް މިނެވްރެއް ނެތްކަން ހާމަވާކަމަށެވެ. ނައިފަރު ދައިރާއަކީ އާބާދީގައި މިހާރުވެސް 6،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ދާއިރާއަކަށް ވާއިރު، އެދާއިރާއަށް ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދުން އޯގާތެރިކަމުގެ ކުޑަވެސް މިންވަރެއް ނެތްކަން ހާމަވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަޅުގަނޑުގެ ދާއިރާގައި 6500 މީހުން އެބަ ދިރިއުޅޭ، މިއަހަރުގެ ބަޖެޓުގައި އޮތީ 6 މިލިޔަން ރުފިޔާ، ރައީސް ޞާލިހު އެންމެ ފަހުން ލަންކާއަށް ކުރެއްވި ދަރުތަށް 8 މިލިޔަން ރުފިޔާ، ޑުބާއީއަށް ކުރެއްވި ދަތުރަށް 14 މިލިޔަން ރުފިޔާ. މިއީތޯ އޯގާތެރިކަމަކީ. އަޅުގަނޑުގެ ދާއިރާގެ މަޤާމާއި، ދައިރާގެ ޝަރަފާއި މިއޮތީ ވަރަށް ހީލަތްތެރި ގޮތަކަށް ގެއްލުވާލާފަ.
– ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރައްޔިތުންގެ އެންމެ އަސާސީ ކަންކަން ކުރުމަށް ބޭނުންވާ ބަޖެޓުން ބޮޑު އަދަދެއް ކަނޑާލުމަށްފަހު އެފައިސާ ހަމަޖައްސާފައިވަނީ އެތައްސަތޭކަ ސިޔަސީ މަޤާމެއް އުފެއްދުމަށް ކަމަށެވެ. އަސަންދަށް ރައްޔިތުން ސަލާންޖަހައި، ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނެތިގެން އުޅޭއިރު، ބަޖެޓުންވަނީ އެފައިސާވެސް ކަނޑާލާފައިކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓަކީ ދަރަނި ބޮޑު ބަޖެއްޓެއްކަން ތަކުރާރުކޮށް ފާހަގަ ކުރަމުން ޝިޔާމް ވިދާޅުވީ، މިބަޖެޓަކީ ކެމްޕެއިންނަށް 2023 އަށް ހުށަހަޅަންޖެހޭ ބަޖެޓެއްކަމަށެވެ. ނަމަވެސް ކުރިން ކެމްޕެއިން ފަށަން ދިމާކޮށް، މިފަދަ ބަޖެޓެއް ހުށަހެޅުމުން ލިބޭނެ ކުރިއެރުމެއް ނެތްކަމަށެވެ.
ކޮމެންޓު ފޮނުވާ