އަންނަ ޑިސެމްބަރުމަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލީޔާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް، އެގައުމުގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ ނަން ހުށަހަޅުއްވާފައި ވާކަމަށް، ލީބިޔާގެ އިލެކްޓޯރަލް ކޮމިޝަނުން ހާމަ ކޮށްފިއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ވަދަކުރާ ކެންޑިޑޭޓުންގެ ލިސްޓުގައި، އެގައުމުގެ މިހާރުގެ ސިޔާސީ މަސްރަހުގައި ތިއްބެވި އެންމެ ނުފޫޒުގަދަ ފަރާތްތައް ކަމުގައިވާ، އީސްޓަން ލީބިޔަން ކޮމާންޑަރ ޚަލީފާ ހަފްތަރުއާއި، މިހާރުގެ ބޮޑުވަޒީރު އަބުދުލްހާމިދު އަލް ދެއިބާއާއި އަދި ގާނޫނުހަދާ މަޖިލިހުގެ ރައީސް އަގުއިލާ ސާލިހު ހިމެނިވަޑައި ގަންނަވައެވެ.
ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ފޮޓޯތަކުންވަނީ، މުށި ކުލައިގެ ސަގާފީ ހެދުމެއްގައި ފަގުޑިއެއް އަޅުއްވައިގެން އިންނެވި ސައިފުލް އިސްލާމް ގައްޒާފީ، ލީބިޔާގެ ދެކުނުގެ އަވަށެއް ކަމުގައިވާ ސެބްހާގައި ހުންނަ ރެގިސްޓްރޭޝަން ސެންޓަރުގައި، އެޕްލިކޭޝަން ފޯމުގައި ސޮއިކުރައްވަން އިންނަވާ މަންޒަރު ފެނިފައެވެ.
Saif al-Islam Gaddafi submitted the documentation to the office of the election commission in the city of Sebha, which is under the control of Haftar's (LNA) forces
new video pic.twitter.com/xxGs2bK610— Laqs (@LaqsLaqs16) November 14, 2021
ބައިނަލް އަގުވާމީ ގިނަ ފަރާތްތަކުން ޑިސެމްބަރު 24ގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ބާރުއަޅަމުން ދިޔަ ނަމަވެސް، އަދިވެސް ވާދަވެރި ފަރާތްތަކުން އިންތިޚާބުގެ އުސޫލުތަކާއި ޝެޑިއުލްއައި ގުޅޭގޮތުން ޚިޔާލުތަފާތު ވަމުން ދާތީ، މިތާރީޚުގައި އިންތިޚާބު ބޭއްވޭނެކަމުގެ ފުރިހަމަ ޔަގީންކަމެއް ނެތެވެ.
ފާއިތިވެދިޔަ ހުކުރު ދުވަހު ފްރާންސްގެ ޕެރިހުގައި ބޭއްވުނު ކޮންފަރެންސެއްގައިވަނީ، ލީބިޔާގެ ރިޔާސީ އިންތިޚާބު އެ ތާރީޚުގައި ބޭއްވުމަށް ހުރަސްއަޅާ ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމައްވެސް ނިންނާފައެވެ. އެހެންނަމަވެސް އަދިވެސް، މިއިންތިޚާބުގައި ވާދަކުރެވޭނެ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތަތަކާ ގުޅޭގޮތުން ލީބިޔާގެ ވާދަވެރި ފަރާތްތަކަށް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.
2011ގެ ކުރިން އެގައުމުގަ އޮތް ސައިފުލް އިސްލާމް ގައްޒާފީގެ ބައްޕާފުޅު މުއައްމަރަލް ގައްޒާފީގެ ވެރިކަން ނޭޓޯއިން ވައްޓާލުމަށްފަހު އެތަކެއް އަހަރުތަކަކަށް ދިގުދެމިގެންދިޔަ ތަޅާ ފޮޅުމާއި ހަނުޖެހުންތަކުގެ ފައިދާ ސައިފުލް އިސްލާމް ގައްޒާފީއަށް ކުރިނަމަވެސް، މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިންތިޚާބުގެ އެންމެ ކުރީގައި ވާދަކުރާ ކެނޑިޑޭޓެއްގެ ގޮތުގައި އޭނާ ފާހަގަވެގެން ނުދާނެއެވެ.
ކޮމެންޓު ފޮނުވާ