ކޮޕީ މުހައްމަދު ރަޝީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

ކޮޕީ މުހައްމަދު ރަޝީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

Author
މުޙައްމަދު ޝަޒައިމް
15 ނޮވެމްބަރ 2021 09:24
0

މަރުހޫމް ކޮޕީ މުހައްމަދު ރަޝީދުގެަހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ދިވެހި ބަހުގެ އެކަޑަމީގައި ހުޅުވައިފިއެވެ.

މި ދަފުތަރުގައި ސޮއިކުރެއްވުން މިމަހުގެ 30ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން މެންދުރު 13:30ށް ކުރިއަށްދާނެ ކަމަށް ދިވެހި ބަހުގެ އެކަޑަމީން ވަނީ ބުނެފައެވެ.

3 ފަހަރެއްގެ މަތިން ޢާންމުޚިދުމަތުގެ އިނާމުސަރުކާރުން ދެއްވާފައިވާ މއ.ކޮޕީގެ، މުޙައްމަދު ރަޝީދު އަވަހާރަވީ، ހާލު ސީރިއަސްވެ، ފަރުވާ ދެމުންގެންދަނިކޮށެވެ. ކޮޕީ މުޙައްމަދު ރަޝީދަކީ، ތަމްޘީލު ކުޅުމާއި، ޢަރަބި ތާނަ ލިޔުމުގެ އިތުރުން، ޅެންހެދުމުގެ ރޮނގުން ދިވެހި އަދަބިއްޔާތަށް ގިނަ ގުނަ ޚިދްމަތްތަކެއް ކުރައްވާފައިވާ އަދި ދާދިފަހަކާއި ޖެހެންދެންވެސް އެމަސައްކަތުގައި އުޅުއްވި ބޭފުޅެކެވެ.

ކޮޕީ ރަޝީދުގެ މިމަސައްކަތްތަކުގައި އަގުވަޒަންކުރައްވައި ސަރުކާރުންވަނީ، އެނާއަށް ތިން ފަހަރެއްގެ މަތިން ޢާންމުޚިދުމަތުގެ އިނާމު ދެއްވާފައެވެ. އެގޮތުން، 1984 ވަނަ އަހަރު ތަމްޘީލު ކުޅުމުގެ ރޮނގުން ޢާންމުޚިދުމަތުގެ އިނާމު، 1988ވަނަ އަހަރު، ތާނަ ޢަރަބި ލިޔުމުގެ ރޮނގުން އަދި 2005 ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ޚިދްމަތްކުރުމުގެ ދާއިރާއިން؛ ޅެންހެދުމުގެ ރޮނގުން އޭނާއަށްވަނީ ޢާންމުޚިދުމަތުގެ އިނާމު ދެއްވާފައެވެ. 2020ވަނަ އަހަރު އޭނާއަށްވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވާފައެވެ.

ކޮޕީ މުޙައްމަދު ރަޝީދަކީ، ރާއްޖޭގައި ކުރިން ނެރުނު ބައެއް ނޫސް މަޖައްލާތަކުގައި، ޅެން ޝާއިޢު ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މީގެތެރެއިން، ދުވަހު ނޫސް "މޫންލައިޓް" އާއި، "އެކުވެރިންގެ ރޫޙު" މަޖައްލާގައި ޝާއިޢު ކުރައްވާފައިވާ ޅެންތައް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ. އަދި، ފަތްތޫރައިގައިވެސް، އެނާގެ ޅެންތައް ޝާއިޢު ކުރައްވާފައިވާ މުޙައްމަދު ރަޝީދަކީ، މަދަރުސާ ކުދިންގެ ލަވަމުބާރާތްތަކަށާއި، ލަވަ އަލްބަމްތަކަށާއި، ޤައުމީ މުނާސަބަތުތަކަށާއި، އެކިއެކި ޚާއްޞަ ޙަފްލާތަކަށް ގިނަ އަދަދަކަށް ލަވަވެސް ހައްދަވައިދެއްވާފައިވާ ބޭފުޅެކެވެ.

މަދަރުސާ ކުދިންގެ ލަވަމުބާރާތްތަކަށް ހައްދަވައިދެއްވި ލަވަތަކަށް، އެމުބާރާތްތަކުން ޅެންވެރިކަމުގެގޮތުން މަތީ ވަނަތައްވެސްވަނީ ޙާޞިލްކުރައްވާފައިވާފައެވެ. މީގެ އިތުރުން އޭނާއަކީ ދީނީ ޅެންހެދުމުގެ މުބާރާތުގައިވެސް ބައިވެރިވެވަޑައިގެން، މަތީވަނަތައް ހޯއްދަވާފައިވާ ބޭފުޅެއްވެސްމެއެވެ. އަދި މުޙައްމަދު ރަޝީދުގެ އަމިއްލަ ލަވަ ހިމެނޭ 11 ލަވަ އަލްބަމް ނެރުއްވާފައވާއިރު، މީގެތެރޭގައި މަދަޙަ އަލްބަމެއްވެސް ހިމެނެއެވެ. މީގެ އިތުރުން، "ފާގަތި ޙަޔާތެއް ހޯދުން" މި ނަމުގަޔާއި، "5 ބަޠަލުން" މިނަމުގައި މުޙައްމަދު ރަޝީދު ލިޔުއްވާފައިވާ ދެ ޅެންފޮތްވެސް ޝާއިޢުކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.