އިންޑިއާ އާއިއެކު ހަދާފައިވާ ސިއްރު އެއްބަސްވުންތަކުގެ ސަބަބުން ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ގެއްލިފައިވާކަން ހާމަވާކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
އިންޑިއާއެކު ރައްޖެއިން ހަދާފައިވާ އެއްބަސްވުންތަކާިއ ބެހޭ ގިނަ މަޢުލޫމާތުތަކެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް އެމްއެންޑީއެފްގެ އިސް ބޭފުޅުންނާއި ޑިފެންސް މިނިސްޓަރ ހިއްސާކުރެއްވި މަޢުލޫމާތުތަކުން ވަނީ ހާމަވެފައެވެ.
މިކަމާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައިވަނީ، އިންޑިއާ އާއިއެކު މި ސަރުކާރުން ހަދަމުން ގެންދާ ގޮތް ނޭނގޭ އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ގެއްލުން ވާ ފަދަ އެތައް ކަމެއް ހިނގަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެއްބަސްވުންތައް ހާމަކުރުމަށް އެކޯލިޝަނާއި މީޑިއާތަކާއި ދިވެހި ރައްޔިތުން ދަނީ ކެނޑިނޭޅި ގޮވާލަމުންކަމަށެވެ.
އެހެންނަމަވެސް އެއްބަސްވުންތަކުގައި ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ މަޢުލޫމާތު ހުރިކަމަށް ބުނެ ސިއްރުކޮށްގެން އެތައް ދުވަހެއްވަންދެން ބޭއްވުމަށްފަހު ރައްޔިތުންގެ ޕްރެޝަރާއެކު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކާއި އެ އެއްބަސްވުންތައް ހިއްސާކޮށްފައިވާ ކަމާއި، ހިއްސާކޮށްފައިވާ އެއްބަސްވުންތަކުން، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ގެއްލިގެންދާނެ އެތައްކަމެއް ހުރިކަމުގެ މަޢުލޫމާތުތައް ލިބިފައިވާކަމަށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައިވެއެވެ.
އެއްބަސްވުން ހާމަކުރަމުން މިސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ދެއްކެވި ވާހަކަތަކުގައި އިންޑިއާ ސަރުކާރުގެ ޑޯނިއާރ މަތިންދާ ބޯޓާއި 2 ހެލިކޮޕްޓަރު ދުއްވުމުގައި އިންޑިއާގެ 75 ސިފައިން މިޤައުމުގައި ތިބިކަމަށް ބުނެފައިވާތީ އެކަމުގެ ކަންބޮޑުވުން ދިވެހި ރައްޔިތުން ގެންދަނީ ފާޅުކުރަމުންކަން ފާހަގަކޮށް އިދިކޮޅުގެ ބަޔަނުގައި ވަނީ، ފްލައިޓާއި، ހެލިކޮޕްޓަރު ދުއްވަން އިންޑިއާ ސިފައިންގެ 75 މީހުން ރާއްޖޭގައި ތިބިކަމަށް ޑިފެންސް މިނިސްޓަރ މާރިއާ ދީދީ ވިދާޅުވެފައިވާއިރު، ރާއްޖޭގައި ގިނަ ޢަދަދެއްގެ އިންޑިއާ ސިފައިން ތިބިކަން ކަށަވަރުވާކަމަށް ބުނެފައިވެއެވެ.
އެހެންނަމަވެސް އެއީ ކިހާ ޢަދަދެއްގެ ސިފައިންކަން ހާމަނުކޮށް ތަފާތު ވާހަކަތަކާއެކު، އެޢަދަދުތައް ސަރުކާރުގެ ފަރާތުން ސިއްރުކުރަމުން ގެންދާކަން ވަނީ ހާމަވެފައެވެ. ހަމައެއާއެކު، ފްލައިޓުތަކާއި ހެލިކޮޕްޓަރު ދުއްވުމުގެ ފަންނީ ތަމްރީނުތައް ލިބިވަޑައިގެން ތިއްބެވި ކޮލިފައިޑް ދިވެހި ޕައިލެޓުން ސިފައިންގޭގައި ތިއްބެވިނަމަވެސް އެބޭފުޅުންގެ ބޭނުން ނުކުރައްވާނެކަމަށާއި، އަދި އެބޭފުޅުންނަށް މުސާރަ ދޭނެ ފައިސާ ސަރުކާރުގެ ބަޖެޓުގައިވެސް ނެތްކަމަށް ވިދާޅުވެ ދިވެހި ސިފައިންގެ އަގު ވައްޓާލުމަކީ ކަންބޮޑުވާ ކަމެކެވެ. މީގެ އިތުރުން ރާއްޖޭގައި ތިބި އިންޑިއާގެ ގިނަ ޢަދަދެއްގެ ސިފައިންނަށް ޑިޕްލޮމެޓިކް އިމިޔުނިޓީ ދީފައިވާކަންވެސް އޮތީ ފާޅުކަން ބޮޑުކޮށް ފެންނާންށެވެ.
– ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން
މިގެ އިތުރުންވެސް އިންޑިއާ ސަރުކާރާއެކު ހެދިފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމުންވެސް ރާއްޖޭގެ ކަނޑުގެ ޗާޓު ބޭރު ޤައުމަކަށް ވިއްކާލާފައިވާކަން ވަރަށް ސާފުކޮށް ފެންނާން އޮތްކަން ފާހަގަކޮށް، ރާއްޖޭގެ ސްޓްރެޓީޖިކް މައުލޫމާތުތައް ވިއްކައިގެން ނަފާ ހޯދުމުގެ ސިޔާސަތުތަކެއް ސަރުކާރުން ގެންގުޅުމަކީ ދިވެހި ރައްޔިތުން ބަލައިގަންނަ ކަމެއް ނޫންކަމަށްވެސް އިދިކޮޅުގެ ބަޔާނުގައިވެއެވެ. ހަމައެއާއެކު، ދިވެހިރާއްޖޭގެ ސަރަޙައްދުގައިވާ އެންމެހާ ތަކެއްޗަށް ދިވެހިރައްޔިތުން އަމިއްލައަށް ބަސްބުނެ ގޮތް ނިންމުމުގެ ބާރު އެއްކޮށް ދިވެހީންނަށް ގެއްލިފައިވާކަން ދަނީ ހާމަވަމުންކަމަށާއި، މިނިވަން ޤައުމެއްގެ ގޮތުގައި އަމިއްލަ ސަރަޙައްދަށް އަމިއްލަ ބާރު ގެއްލި ބަސްބުނުމުގެ ފުރުޞަތުވެސް އެއްކޮށް ގެއްލުވާލައި ނާޖާއިޒު ފައިދާތައް ނަގަމުން ގެންދާއިރު، އެކަމަށް ޖަވާބުދާރީ ވާނެ އެއްވެސް ފަރާތެއް ދިވެހި ސަރުކާރުގައި ނެތްކަންވެސް ފާހަގަކުރާކަމަށް ބަޔާނުގައިވެއެވެ.
ދިވެހި ރައްޔިތުން ސަރުކާރާއި ވެރިކަން ހަވާލުކޮށްފައިވަނީ އެއްވެސް ހާލެއްގައި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ގެއްލުވާލާ، ބޭރު ބައެއްގެ ފައިބުޑަށް ވެއްޓި ސަލާންޖަހާ ހިސާބަށް މިޤައުމު ގެންދާކަށް ނޫނެވެ. އެހެންނަމަވެސް ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ހިމާޔަތްކޮށް މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތުގައި ތިބެ ޤައުމު ތަރައްޤީ ކުރުމަށެވެ. އެހެންނަމަވެސް ފެންނަމުންދާ މަންޒަރަކީ، ޤައުމު ތަރައްޤީ ކުރުމުގެ ބަދަލުގައި ޤައުމުގެ ހަރުމުދާ ވިއްކާ، ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު އެހެން ބައެއްގެ އަތްދަށަށް ފުރޮޅާލާ ތަނެވެ.
– ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން
އެއްބަސްވުންތަކުން މިހާތަނަށް ހާމަވެފައިވާ މަޢުލޫމާތުތައްވެސް ހާމަވެފައިވަނީ، މިހާތަނަށް ދިވެހިރައްޔިތުންނާއި ގުޅިގެން މިކޯލިޝަނުން ސަރުކާރަށް ކުރަމުން ގެންދާ ޕްރެޝަރުތަކާ ހެދިކަމަށް ވާތީ އެއީވެސް ދިވެހި ރައްޔިތުން ކުރަމުން ގެންދާ މަސައްކަތަށް ލިބުނު އިތުރު ކާމިޔާބީއެއްގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަކޮށްފައެވެ. އަދި ޤައުމުގެ މިނިވަންކަމުގެ ދިފާޢުގައި ދިވެހީން ކުރަމުން ގެންދާ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދިއުމަށާއި، އެ މަސައްކަތަށް އަވަސް ކާމިޔާބީއެއް ލިބޭނެކަމުގެ އުންމީދުތައް އިތުރުވެފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.