އިދިކޮޅު ފަރާތްތަކަށް ސިޔާސީ ހަކަތަ ލިއްބައިދިން، އެއްބަސްވުން ސިއްރު ކުރުމުގެ ސިޔާސަތު ކާމިޔާބުތަ؟

އިދިކޮޅު ފަރާތްތަކަށް ސިޔާސީ ހަކަތަ ލިއްބައިދިން، އެއްބަސްވުން ސިއްރު ކުރުމުގެ ސިޔާސަތު ކާމިޔާބުތަ؟

Author
ހުސެއިން
14 ނޮވެމްބަރ 2021 08:05
0

ދުނިޔެ ބަދަލުވެ، މީހުން ހޭލުންތެރިވެ، ޒަމާން މިއޮތީ ތަރައްގީ ވެފައެވެ. އަދި ވަކީން ޚާއްސަކޮށް، ޓެކްނިލޮޖީގެ ރޮގުން ދުނިޔެ ކުރިއަރާ، މުވާސަލާތީ ގޮތުންވެސް ދުނިޔެ މިއޮތީ ބަވަނަވެ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، މިއަދު ދުނިޔެއަށް ކުރިމަތިވެގެން ގޮސްފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އިންސާނުންގެ ޒާތީ މައުލޫމާތާއި، ދޭދޭ ފަރުދުންގެ ގުޅުންތައް ސިއްރު ކުރެވޭނެ ގޮތެއްނެތުމެވެ. ދުނިޔޭގެ އެންމެ ކުރި އަރާފައިވާ ގައުމުތަކަށްވެސް އެގައުމުތަކުގެ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުން މިއަދު ވެގެން ގޮސްފައި މިވަނީ ކާމިޔާބު ނުކުރެވުނު ސިޔާސަތަކަށެވެ.

މީގެ ދިރިހުރި އެތަކެއް މިސާލުތަކެއް މިއަދުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިދަނީ ފެންނަމުންވެ. ފާއިތުވެދިޔަ ތަނުގައި މައުލޫމާތު އާންމުކުރާ ބައެއް ވެބްސައިޓްތަކުންނާއި، ޖަމިއްޔާތަކުން އާންމު ކޮށްފައިވާ ދުނިޔޭގެ ނުފޫޒުގަދަ ބޮޑެތި ބައެއް ގައުމުތަކާއި، މުއްސަދި މަހުޖަނުންނާއި އަދި ގައުމުތަކުގައި ޚުދުމުޚްތާރުކޮށް ވެރިކަން ކުރަމުންދާ ބައެއް ވެރިންގެ ސިއްރު އަދި ޒާތީ މައުލޫމާތަކަށް ބަލާލުމުން މިހަގީގަތް އެއޮތީ ވަރަށްވެސް ސާފުކޮށް ފެންނާށެވެ.

މީގެތެރެއިން ވެސް އެންމެ މުހިންމުކޮށް ފާހަގަ ވާންއޮތީ މައުލޫމާތު އާންމު ކުރާ ޖަމިއްޔާއެއް ކަމުގައިވާ ވިކިލީކްސްއިން އާންމު ކޮށްލި، އެމެރިކާގެ ގައުމީ ސަލާމަތާ ގުޅުން ހުރި އެތައް މިލިއަން ލިޔެކިޔުންތަކެވެ. އެމެރިކާގެ ތާރީޚުގައިވެސް މިހާތަނަށް އާންމު ވެގެން ގޮސްފައި ނުވާ، ގައުމީ ސަލާމަތާ ގުޅުންހުރި އެތަކެއް ސިއްރު މައުލޫމާތުތަކެއް އާންމު ކުރުމުގެ ނަތީޖާއެއްގެ ގޮތުން، އެ ޖަމިއްޔާގެ ވެރިޔާ އަސާންޖު މިވަގުތުވެސް ހުރީ ޖަލުގައި ބަންދު ކުރެވިފައެވެ.

ޖޫލިއަން އަސާންޖް: އެމެރިކާއިން ދަނީ އޭނާ އަގައުމަށް ޝަރީއަތްކުރުމަށް ގެންދިއުމަށް އިގިރޭސިވިލާތުގެ ކޯޓުތަކުގައި ވަކާލާތުކުރަމުން

މީގެ އިތުރުންވެސް ދުނިޔޭގައި މިހާތަނަށް ލީކޮކޮށްލި އެންމެ ބިޔަ، ވިޔަފާރީގެ މުއާމަތާތު ތަކާބެހޭ ލިޔެކިޔުންތައް ލީކުކޮށް، ދުނިޔޭގެ ސިޔާސީ ލީޑަރުންނާއި، ބިލިއަނަރުން ސިއްރިޔާތުގައި ނުހައްގުން ހޯދާފައިވާ މުއްސަދިކަމާ ގުޅުންހުރި އެތައް މަޢުލޫމާތެއް ލީކު ކޮށްލާފައިވާއިރު، މީގެތެރޭގައި، ދުނިޔޭގެ އެހާރާއި މިހާރުގެ 35 ސިޔާސީ ލީޑަރަކާއި، 300 އަށްވުރެ ގިނަ މަޝްހޫރު މީހަކު ސިއްރިޔާތުގައި އޮފް ޝޯރ ކުންފުނިތައް (ކާކުކަން ނޭގޭގޮތަށް އެމީހަކަށް ނިސްބަތްވާ ފައިސާ ރައްކާކޮށް ދައުރުކު ކުރެވޭ ގޮތަށް ހިންގާ ކުންފުނިތައް) ބޭނުން ކޮށްގެން ނުހައްގުން ހޯދާފައިވާ ފައިސާއާއި، ކޮށްފައިވާ މުއާމަލާތްތަކާ، ހޯދާފައިވާ އެސެޓްތަކާއި ބެހޭ މައުލޫމާތުތައް ޕަންޑޯރާ ޕޭޕާރސްގެ ނަމުގައިވަނީ ފަޅާ އަރުވާލާފައެވެ.

އެހެންކަމުން، މިޒަމާނުގައި، މައުލުމާތުގެ ސިއްރު ހިފެހެއްޓުމަކީ، ވަރަށްވެސް ހަރުދަނާ ސިޔާސަތެއްގެ ދަށުން، ހިކުމަތްތެރިކަމާ އެކީ މެނުވީ ކާބިޔާބު ނުކުރެވޭނެ ސިޔާސަތެއްކަން މިއީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

 

އުތުރު ތިލަފަޅު އެއްބަސްވުން ސިއްރު ކުރުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް!

ގައުމެއްގެ ހައްސިއްޔަތުން ކޮންމެ ގައުމަކަށްވެސް، ގައުމީ ސަލާމަތާއި ގުޅުންހުރި، ސިއްރު ކުރަންޖެހޭ ބޮޑެތި ސިއްރުތައް ހުންނާނޭކަން މިއީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. މީގެތެރޭގައި، ގައުމުގެ ދިފާއަށްޓަކާ ސިއްރު ކުރަންޖެހޭ އަސްކަރީ ސިއްރުތަކާއި، ގައުމުގެ ވެރީންގެ ސަލާމަތަށްޓަކާ ހިފަހައްޓަަންޖެހޭ ސިއްރުތަށްފަދަ ދައުލަތުގެ ސިއްރުތައް ހިމެނެއެވެ.

އެހެންނަމަވެސް، ކޮންމެހެން މައުލޫމާތު ސިއްރުކުރަން ޖެހޭކަމަށް ސަރުކާރުތަކުގެ ވެރީންނަށް ފެނި، ސިއްރު ކުރާ މައުލޫމާތުތައްވެސް، ވަރަށް ހަރުދަނާ ސިޔާސަތުތަކެއްގެ ދަށުންމެނުވީ ކާމިޔާބުކަމާއެކު ސިއްރު ކުރެވިގެން ގޮސްފައިވާ މަންޒަރު ދުނިޔޭގެ ގައުމުތަކުން މިއަދު ފެންނަމުންނެއް ނުދެއެވެ. އަމުދުން ސިއްރުކުރާ މައުލޫމާތު އާންމު މަސްލަހަތާއި ގުޅިގެން ދިއުމުން، އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް މައުލޫމާތު އޮންނަނީ ހާމަވެގެން ގޮސްފައެވެ.

ރާއްޖޭގައި ފަހަކަސް އައިސް ސަރުކާރަކުން ސިއްރުކުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރި އެންމެ މުހިންމު ލިޔުމަކީ އުތުރު ތިލަފަޅު އެއްބަސްވުމެވެ. މިގޮތުން އުތުރު ތިލަފަޅުގައި އިންޑިއާގެ އަސްކަރިއްޔާގެ އެހީގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫޢުތަކުން ފެށިގެން، އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ޑޯނިއާ މަތިންދާ ބޯޓުތައް ގެންގުޅޭންޖެހޭ އުސޫލުތަކުގެ ވާހަކަތައްވެސް ބަޔާން ކުރެވިފައިވާކަމަށް ބުނާ، މިއެއްބަސްވުން ސަރުކާރުން ހާމަ ކުރުމަށް ދެކޮޅު ހަދާ، މިއަދާ ޖެހެންދެންވެސް މުޅި އެއްބަސްވުން ރައްޔިތުންގެ މަޖިލީހާއިވެސް ހިއްސާ ކޮށްފައެއް ނުވެއެވެ.

އިދިކޮޅު ފަރާތްތަކުން މިހާރު ބާއްވަމުންދާ މުޒާހިރާތަކުގެ އެންމެ ބޮޑު އަމާޒަކީ އިންޑިސިފައިން ރާއްޖޭގައި ތިބޭ ތިބުން

އެހެންނަމަވެސް، ކަން ދިމާކުރި ގޮތުން، މިމައްސަލަ ވެގެން މިދިޔައީ އާންމުން ރައްޔިތުންގެ ޝައުގުވެރިކަން އިންތިހާއަށް އެ މައްސަލައަކަށް ހުއްޓިގެން ދިޔަ މައްސަލައަކަށެވެ. އަދި އެއްބަސްވުން އާންމު ނުކުރާ މައްސަލަ ސިޔާސީ ޗަރުކޭހަކަށް ހަދާ، މި މައްސަލަ އެންމެ ފަހުން ވެގެން ދިޔައީ، މި އެއްބަސްވުމާ ހަމައަށް ނިދާފައިއޮތް އިދިކޮޅު ސިޔާސީ ފަރާތްތަތައް ހޭލައްވާލާ، އިދިކޮޅު އެކްޓިވިސްޓުން ހަރަކާތްތެރި ކުރުވުމަށް ލިއްބައިދިން ވަރުގަދަ ސިޔާސީ ހަކަތައަކަށްވެސް މެއެވެ.

އެހެންކަމުން މިއެއްބަސްވުން ސިއްރުކޮށްފައި ބޭއްވުމަށް ސަރުކާރުން ނިންމި ނިންމުމަކީ، ކޮން ސިޔާސަތެއްގެ ދަށުން ނިންމި ނިންމުމެއްކަން އެގެން ނެތްނަމަވެސް، އުތުރު ތިލަފަޅުގެ އެއްބަސްވުން ސިއްރު ކޮށްފައި ބޭއްވުމަށް ސަރުކާރުން ކުރި މަސައްކަތުން ސަރުކާރަށް ލިބުނު ފައިދާއާއި ގެއްލުމުގެ ވާހަކައަކީ ޝައުގުވެރުކަމާއެކީ ބަހުސް ކުރެވެން އޮތް މައުޟޫއެއްކަމުގައި ދަންނަވަން ޖެހެއެވެ.

 

އެއްބަސްވުމުގައި ހުރި "ސެންސިޓިވް" އެތައް މައުލޫމާތެއް ހާމަމަވެސް ވެއްޖެ!

އިންޑިއާ ސަރުކާރާއެކީ، ދިވެހި އަސްކަރިއްޔާއިން ވީ އުތުރު ތިލަފަޅު އެއްބަސްވުން ސިއްރު ކޮށްފައި ބޭއްވުމަށް މިހާތަނަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އިދިކޮޅު ފަރާތްތަކަށް ލިބިގެންދިޔަ ސިޔާސީ ހަކަތައިގެ އިތުރަށް، އެއްބަސްވުން ސިއްރު ކޮށްފައި ބޭއްވުމަށް ސަރުކާރުން ނިންމި ނިންމުންވެސް އޭގެ ޒާތުގައި ކާމިޔާބުވެގެން ދިޔަތަން މިއަދާހަމައަށް އައިއިރު ފެނިގެނެއް ނުދިޔައެވެ.

ސަބަބަކީ، އެތައް ޕްރެޝަރަކާ ކުރިމަތިލާންޖެހި، ދޭތެރެ ދޭތެރެއިން އެމްއެންޑީއެފްއިން ރައްޔިތުންގެ މަޖިލީހަށް ހާމަ ކޮށްފައިވާ މައުލޫމާތުގެ ޒަރީއާއިން، އެއްބަސްވުމުގައި ހުރި މުހިންމު "ސެންސިޓިވް" ގިނަ ކަންކަން ހާމަވެގެން ގޮސްފައި ވާތީވެސް މެއެވެ. މީގެތެރޭގައި އެންމެ ބޮޑަށް ފާހަގަވާން އޮތް ކަމަކީ އިދިކޮޅު ފަރާތްތްތަކުން އެންމެ ބޮޑަށް އަޑު އުފުލަމުންދިޔަ، ރާއްޖޭގައި އިންޑިއާ ސިފައިން ދާއިމީ ގޮތެއްގައި ތިބެން ޖެހޭޖެހުމެވެ.

އުތުރު ތިލަފަޅު އެއްބަސްވުން ސިއްރުކުރަން ސަރުކާރުން މިހާތަނަށް ކުރި މަސައްކަތް ވެގެން ދިޔައީ އިދިކޮޅު ފަރާތްތަކަށް ލިބިގެންދިޔަ ސިޔާސީ އެންމެ ބޮޑޫ ހަކަތައް

މިގޮތުން، ޑިފެންސް މިނިސްޓަރު އެންމެ ފަހުން ރައްޔިތުންގެ މަޖިލީހަށް ހާމަ ކޮށްފައިވާ މައުލޫމާތުތަކުން އެގެން އޮތް ގޮތުގައި، އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ޑޯނިއާރ މަތިންދާ ބޯޓު އޮޕަރޭޓް ކުރުމަށްޓަކާ ދާއިމީ ގޮތެއްގައި 75 އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ޖެހެއެވެ. ސަބަބކީ، މި ބޯޓުތައް ދުއްވާނެ ދިވެހި ޕައިލަޓުންނަށް މުސާރަ ދޭނެ ހަކަތައެއްވެސް، ބޯޓުތައް މެއިންޓެއިންކޮށް ބެލެހެއްޓޭނެ ހަކަތައެއްވެސް، ދިފާޢީ ވަޒީރު ވިދާޅުވާ ގޮތުންނަމަ ދިވެހި މާލިއްޔަތުގައި ނެތުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އަދި މީގެއިތުރުންވެސް، މި އެއްބަސްވުމާއި ގުޅުންހުރި މިނޫން އެހެން ބައެއް މައުލޫމާތުތައްވެސް، ދޭތެރެ ދޭތެރެއިން އެމްއެންޑީއެފްއިން ރައްޔިތުންގެ މަޖިލީހަށް އާންމު ކޮށްފައިވާ މައުލުމާތުތަކުގެ ޒަރީއާއިންވަނީ ހާމަވެގެން ގޮސްވައެވެ.

އެހެންކަމުން، ސަރުކާރުން މިއެއްބަސްވުން ސިއްރު ކޮށްފައި ބޭއްވުން، އެއީ މީޑިއާގެ އެންމެ ބޮޑު މައުޟޫއަކަށް ހަދާ، އެ މައުޟޫއިން އިދިކޮޅު ސިޔާސީ ފަރާތްތަކަށް ސިޔާސީ ހަކަތަ ހޯދާދީ، އަދި އެއާއިއެކު އެއްބަސްވުމުގައި ހުރި އެންމެ ސެންސިޓިވް މައުލޫމާތު އާންމު ކުރަމުން ގެންދަނީ ކޮން ސިޔާސަތެއްގެ ދަށުންކަން މިއީ ސާފުވާންޖެހިފައި އޮތް މުހިންމު ސިޔާސަތެއްކަމީ މިއަދު ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.