ރާއްޖޭގެ ކަނޑު ފަޅުގެ ފައިދާ އެހެން ޤައުމަކަށް ދިނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫން: ޒައިދު

ރާއްޖޭގެ ކަނޑު ފަޅުގެ ފައިދާ އެހެން ޤައުމަކަށް ދިނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫން: ޒައިދު

Author
މުޙައްމަދު ޝަޒައިމް
13 ނޮވެމްބަރ 2021 07:27
0

ރާއްޖޭގެ ކަނޑު ފަޅުގެ ފައިދާ އެހެން ޤައުމަކަށް ދިނުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށްޓަކައި ކުރަން ކުޑަކޮށްވެސް ހެޔޮވާވަރުގެ ކަމެއް ނޫންކަމުގައި ދީނީ އިލްމުވެރިޔާ އަދި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ ގޮތަކަށް އިންޑިއާ ސަރުކާރާއިއެކު ދިވެހި ސަރުކާރުން ހަދަމުންދާ އެއްބަސްވުންތަކާއިމެދު ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މިދަނޑިވަޅުގައި ޝައިޚު ޒައިދު ވިދާޅުވީ ވަގުތީ ފައިދާއަކަށް ޓަކައިވެސް ދިވެހިންގެ ކަނޑު ފަޅުގެ ފައިދާ އެހެން ޤައުމަކަށް ލިބޭ ގޮތަށް ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.

ރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމަކަށްވާއިރު، މިނިވަންކަމަށް ބުރޫއަރާފަދަ ކަންކަން އެހެން ޤައުމުތަކުން ކުރާއިރުވެސް އެކަމަށް ހަނދާކުރަންޖެހޭކަމަށެވެ. ޒައިދު ވަނީ މިކަމުގައި އޭނާގެ ކަންބޮޑުވުން އޮތްކަން ހާމަކޮށް ކަނޑު ފަޅުގެ މިނިވަންކަން ދޫކޮށް ނުލުމަށް ގޮވާލާފައެވެ.

ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި، ރާއްޖޭގެ ކަނޑު ފަޅުގެ ފައިދާ އެހެން ޤައުމަކަށް ދިނުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް! މިފަދަ ކަންކަމަކީ ވަގުތީ ފައިދާއަކަށް ކުރަން ކުޑަކޮށްވެސް ހެޔޮ ވާވަރުގެ ކަމެއްނޫން! ރާއްޖެއަކީ މުޅިން މިނިވަން މުއްތަޤިއްލު ޤައުމެއްކަން އެންމެންވެސް ހަދާން ބަހައްޓަންޖެހޭ.

– ޝައިޚު ޒައިދު ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓރީން ރޭ ބޭއްވި 241 ކޮމިޓީއާ ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، ހައިޑްރޯގްރަފިކް ސާވޭ ހަދައިގެން ކުރަހާ ޗާޓުތަކުން މާލީ ފައިދާ ނެގުމުގެ ފުރަސަތު ދެ ގައުމަށް ވެސް އޮވެއެވެ. ނަމަވެސް، އޭގެ ބޮޑު ފައިދާއެއް ކުރަނީ އިންޑިއާ އަށެވެ. އެގޮތުން އިންޑިއާ އިން ރާއްޖޭގައި ވިއްކާ ނަމަ، ދިވެހި ސަރުކާރަށް %35 ކޮމިޝަން އަދި އިންޑިއާ އިން އެ ޗާޓުތައް ބޭރުގެ ބަޔަކަށް ވިއްކާ ނަމަ، ރާއްޖެއަށް ލިބޭނީ ރޯޔަލްޓީގެ ގޮތުގައި %25 އެވެ.

އެކަމާ ގުޅިގެން ރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް މެމްބަރުން ވަނީ ކަންބޮޑުވުންފާޅު ކުރައްވައިފައެވެ. ރާއްޖޭގެ މިނިވަންކަމާއި ގުޅުންހުރި ގިނަ އެއްބަސްވުންތަކެއް ސަރުކާރުން ހަދާފައިވާކަމަށް ގިނަބަޔަކު ބުނަމުންދާއިރު، އެއެއްބަސްވުންތައް ހާމަކުރުމަށް، ސަރުކާރުގައި ހިމެނޭ އެމްޑީޕީގެ އިސް ބޭފުޅުންވެސްދަނީ ސަރުކާރަށް ގޮވާލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.