އާންމުންގެ ޕްރެޝަރާއެކު، ޕާކިސްތާނުގައި ދިރިއުޅޭ ހިންދޫންގެ މައިނޯރިޓީ ރައްޔިތުން އަޅުކަން ކުރާނޭ ފައްޅިއެއް ބިނާކުރުމަށް އިސްލާމްއާބާދުން ބިމެއް ޕާކިސްތާން ސަރުކާރުން ހަމަޖައްސައިދީފިއެވެ.
ޕާކިސްތާނުގެ އިސްލާމްއާބާދުގައި ފުރަތަމަ ފަހަރަށް ބިނާކުރާ ހިންދޫންގެ ފައްޅި އެޅުމަށް ހަމަޖައްސާފައިވާ ބިން މީގެކުރިން އިސްލާމްއާބާދުގެ ކެޕިޓަލް ޑިވެލޮޕްމަންޓް އޮތޯރިޓީ (CDA)އިން ކެންސަލް ކުރުމާއި ގުޅިގެން އެ އޮތޯރިޓީއަށް ވަނީ ވަރަށް ބޮޑު ފާޑުކިއުމެއް އަމާޒުވެފައެވެ.
ޕާކިސްތާންގެ މައިނޯރިޓީ އާބާދީއެއް ކަމުގައިވާ ހިންދޫން އަޅުކަން ކުރާ ފައްޅިއެއް އަޅަން މިހާރު ހަމަޖައްސާފައިވާކަން CDA ހާމަކޮށްފައިވަނީ، އިސްލާމްއާބާދުގެ ހައިކޯޓުގައި އޮތް މިމައްސަލާގެ އަޑު އެހުމެއްގައެވެ.
މި ފައްޅިއެޅުމަށް ކުރިން ދިން ހުއްދަ ބާތިލް ކުރުމާއި ގުޅިގެން އާންމުންގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވާން ފެށުމާއެކު، މި ނިންމުންވަނީ އަބުރާ ގެންގޮސްފައެވެ.
"އަހަރެމެން އުއްމީދު ކުރަން، ފައްޅި އެޅުމަށް ދީފައިވާ ބިމުގެ މައްސަލާގައި އަރާފައިވާ އޮޅުންތައް މިހާރު ސާފުވާނެކަމަށް،" ބިން ނުދޭން ނިންމި ނިންމުން އަބުރާ ގެންދިޔަކަން އެގެން އޮތް ލިޔުމަކާއެކު CDA ކޮށްފައިވާ ޓުވީޓޭއްގައި ބުނެފައި ވެއެވެ.
We hope this clarifies the confusion the land alloted to the temple stands valid pic.twitter.com/gkem1hhJ8z
— Capital Development Authority Islamabad. (@CDAthecapital) November 8, 2021
ކޮމިއުނިޓީ ސެންޓަރއަކާއި އަދި މަރުވާ މީހުންގެ ހަށިތައް އެންދުމަށް ބޭނުންކުރާ ބިމުގައި ފައްޅި އެޅުމަށް ހިންދޫންގެ ކޮމިއުނިޓީއަށް ދީފައިވަނީ 2016ވަނަ އަހަރުއެވެ.
ދީނީ ކަންކަމާއިބެހޭ ޕާކިސްތާނުގެ އެންމެ މަތީ ކައުންސިލް ކަމުގައިވާ ކައުންސިލް އޮފް އިސްލާމިކް އައިޑިއޮލޮޖީން ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ހިންދީ ދީނުގެ ބޮޑު ފައްޅިއެއް އެޅުމުގެ ހުއްދަ މީގެކުރިން ވަނީ ދީފައެވެ. މި ކައުންސިލުން ނިންމާފައި ވަނީ ޕާކިސްތާނުގެ ބައި މަދު ހިންދޫންނަށް އެގައުމުގައި އަޅުކަން ކުރާނެ ތަނެއް ހުރުމަށް އިސްލާމީ ގާނޫނުން ފުރުސަތު ދޭކަމަށެވެ.
ޕާކިސްތަނުގެ ކައުންސިލް އޮފް އިސްލާމިކް އައިޑިއޮލޮޖީއަކީ އެގައުމުގެ ސަރުކާރަށް ދީނީ ކަންކަމުގައި ލަފާ ދިނުމަށްޓަކާ ދީނީ އިލްމުވެރިންގެ މައްޗަށް އެކުލެވޭގޮތަށް ސަރުކާރުން އުފައްދާފައި އޮންނަ ކައުންސިލެކެވެ.
ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެވެސް މެމްބަރެއްކަމުގައިވާ، އަދި ހިންދޫންގެ ލީޑަރެއްކަމުގައިވާ ލާލް މައްޅި މީގެކުރިން ވަނީ އިސްލާމިކް ކައުންސިލްގެ މި ނިންމުމަށް މަރުހަބާ ކިޔާފައެވެ. އޭނާއާއި ހަވާލާދީ ޚަބަރު ފަތުރާ ފަތާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ކައުންސިލްގެ މިނިންމުމުގައި ވާގޮތުން، އަމިއްލަ ފަރާތްތަކުން ބިނާކުރާ އަޅުކަންކުރާ ތަންތަނަށް ދައުލަތުގެ ބަޖެޓުން ސީދާގޮތެއްގައި ޚަރަދު ނުކުރުމަށްވެސް ކައުންސިލުންވަނީ ސަރުކާރަށް ލަފާދީފައެވެ.
ކުރިން އިމްރާންޚާން ވަނީ މި ފައްޅި ބިނާކުރުމަށް 600،000 ޑޮލަރު ހަދިޔާ ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ފައްޅި ބިނާކުރުމަށް ދައުލަތުގެ ބަޖެޓުން ޚަރަދު ނުކުރެވޭނެކަމަށް ކައުންސިލުން ނިންމުމާއިގުޅިގެން، ދެއްވަން ވައްދުވެ ވަޑައިގެންނެވި ފައިސާގެ އެހީތެރިކަމަށް ދެން ހައްދަވާނެގޮތެއް މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.
އިސްލާމިކް ކައުންސިލުން ދައުލަތުގެ ބަޖެޓުން ސީދާގޮތެއްގައި ފައްޅި ބިނާކުރުމަށް ޚަރަދު ނުކުރުމަށް ލަފާދީފައި ވާތީ، މިފައިސަ ހިންދޫންގެ ކޮމިއިނީޓިއަށް ދިނުމުގެ ފުރުސަތު އަދިވެސް ހުޅުވިފައި އޮތްކަމަށް ވެއެވެ. އެހެންކަމުން ހީންދޫ ކޮމިއުނިޓީގެ އިސް ފަރާތްތަކުން ބޭނުންވާ ކަންކަމަށް ފައިސާ ޚަރަދުކުރުމުގެ ފުސަތު އަދިވެސް ތަނަވަސްވެފައި އޮތްކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ.
މިވަގުތު ޕާކިސްތާނުގެ އިސްލާމް އާބަދުގައި ހިންދީ ދީނުގެ މީހުން އަޅުކަން ކުރާނެ ފައްޅިއެއް ނުހުރެއެވެ. އެއްމިލިއަންގެ އަބާދީއެއް އޮންނަ އިސްލާމް އާބާދުގައި ދިރިއުޅެމުންދަނީ 3000 ވަރަކަށް ހިންދީންނެވެ. އިސްލާމް އާބާދުގެ މެޖޯރިޓީއަކީ މުސްލިމުންނެވެ.
ކޮމެންޓު ފޮނުވާ