ގިނަ އަހަރުތަކެއްވަންދެން ދިވެހި އަދަބިއްޔާތަށް ތަފާތު ރޮނގުރޮނގުން ޚިދްމަތްތަކެއް ކުރައްވާފައިވާ ކޮޕީ މުޙައްމަދު ރަޝީދު އަވަހާރަވުމާއި ގުޅިގެން އޭނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
3 ފަހަރެއްގެ މަތިން ޢާންމުޚިދުމަތުގެ އިނާމުސަރުކާރުން ދެއްވާފައިވާ މއ.ކޮޕީގެ، މުޙައްމަދު ރަޝީދު އަވަހާރަވީ، ހާލު ސީރިއަސްވެ، ފަރުވާ ދެމުންގެންދަނިކޮށް ރޭ އޭޑީކޭ ހޮސްޕިޓަލުގައެވެ.
މުހައްމަދު ރަޝީދުގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މުހައްމަދު ރަޝީދަކީ ދިވެހި އަދަބިއްޔާތާއި ފަންނުވެރިކަމަށް އަގުނުކުރެވޭ ވަރުގެ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ޚިދުމަތްތެރިއެއްކަމަށެވެ. ރައީސް ވަނީ މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ އާއިލާއަށް ކެތްތެރިކަން މިންވަރު ކޮށްދެއްވުން އެދި ދުޢާ ކުރައްވާފައެވެ.
ދިވެހި އަދަބިއްޔާތާއި ފަންނުވެރިކަމަށް އަގުނުކުރެވޭ ވަރުގެ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ކޮޕީ މުޙައްމަދު ރަޝީދު އަވަހާރަވުމާއި ގުޅިގެން އާއިލާއަށް ތަޢުޒިޔާ ދަންނަވަން. މާތް لله މަރުޙޫމަށް ސުވަރުގޭގެ ނިޢުމަތް މިންވަރުކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.
— Ibrahim Mohamed Solih (@ibusolih) November 12, 2021
ކޮޕީ މުހައްމަދު ރަޝީދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމްވެސް ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. ރަޝީދުގެ އާއިލާއަށް ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި، ގިނަ އާންމުންވެސް ދަނީ ތައުޒިޔާ ދަންނަވަމުންނެވެ.
Jumhooriyyathehge ge enme muhinmu asaas akee, inthikhaab nuve rayyithunge faraathun, rayyithunnah takai kankan nukurun.
Jumhooree dhuvahuge thahniya— Mohamed Nasheed (@MohamedNasheed) November 11, 2021
ކޮޕީ ރަޝީދުގެ މިމަސައްކަތްތަކުގައި އަގުވަޒަންކުރައްވައި ސަރުކާރުންވަނީ، އެނާއަށް ތިން ފަހަރެއްގެ މަތިން ޢާންމުޚިދުމަތުގެ އިނާމު ދެއްވާފައެވެ. އެގޮތުން، 1984 ވަނަ އަހަރު ތަމްޘީލު ކުޅުމުގެ ރޮނގުން ޢާންމުޚިދުމަތުގެ އިނާމު، 1988ވަނަ އަހަރު، ތާނަ ޢަރަބި ލިޔުމުގެ ރޮނގުން އަދި 2005 ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ޚިދްމަތްކުރުމުގެ ދާއިރާއިން؛ ޅެންހެދުމުގެ ރޮނގުން އޭނާއަށްވަނީ ޢާންމުޚިދުމަތުގެ އިނާމު ދެއްވާފައެވެ. 2020ވަނަ އަހަރު އޭނާއަށްވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވާފައެވެ.
ކޮޕީ މުޙައްމަދު ރަޝީދަކީ، ރާއްޖޭގައި ކުރިން ނެރުނު ބައެއް ނޫސް މަޖައްލާތަކުގައި، ޅެން ޝާއިޢު ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މީގެތެރެއިން، ދުވަހު ނޫސް "މޫންލައިޓް" އާއި، "އެކުވެރިންގެ ރޫޙު" މަޖައްލާގައި ޝާއިޢު ކުރައްވާފައިވާ ޅެންތައް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ. އަދި، ފަތްތޫރައިގައިވެސް، އެނާގެ ޅެންތައް ޝާއިޢު ކުރައްވާފައިވާ މުޙައްމަދު ރަޝީދަކީ، މަދަރުސާ ކުދިންގެ ލަވަމުބާރާތްތަކަށާއި، ލަވަ އަލްބަމްތަކަށާއި، ޤައުމީ މުނާސަބަތުތަކަށާއި، އެކިއެކި ޚާއްޞަ ޙަފްލާތަކަށް ގިނަ އަދަދަކަށް ލަވަވެސް ހައްދަވައިދެއްވާފައިވާ ބޭފުޅެކެވެ.
ކޮޕީ މުޙައްމަދު ރަޝީދަކީ، ތަމްޘީލު ކުޅުމާއި، ޢަރަބި ތާނަ ލިޔުމުގެ އިތުރުން، ޅެންހެދުމުގެ ރޮނގުން ދިވެހި އަދަބިއްޔާތަށް ގިނަ ގުނަ ޚިދްމަތްތަކެއް ކުރައްވާފައިވާ އަދި ދާދިފަހަކާއި ޖެހެންދެންވެސް އެމަސައްކަތުގައި އުޅުއްވި ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ