ވެރިކަމުގެ ފަސް އަހަރުގެ ދައުރު ހަމަނުކޮށް، ވެރިކަމުން ވަކިވެ ވަޑައިގެންފިނަމަ، އެ ބޭފުޅަކަށް ރައީސަކަށް ދޭންޖެހޭ އިނާޔަތް ނުލިބޭ ގޮތަށް ހަމަޖައްސަން ޖެހޭ ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު ޑރ.އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަށްފަހު އެމަނިކުފާނު ރާއްޖޭން ބޭރުގައި ބޭސް ފަރުވާ ކުރެއްވުމަށް ހުންނެވުމަށާއި އޭގެ ފަހުން ރާއްޖެ ވަޑައިގެން ހޮޓަލުގައި ހުންނެވުމަށް މިހާތަނަށް ހަރަދުވެފައި ވަނީ 2.3 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މިކަމަށް އަމާޒު ވެފައިވާ ވަގުތެއްގައެވެ.
ޝައިޚު އިޔާޒު ވިދާޅުވީ ކުރީގެ ރައީސްކަން ކުރައްވާ ބޭފުޅުންނަށް ދައުލަތުގެ އެހެން މަޤާމެއް އަދާ ކުރަމުންދާނަމަ އެބޭފުޅަކަށް ކޮންމެވެސް އެއް އިނާޔަތެއް ލިބޭގޮތަށް ޤާނޫނު އިސްލާހު ކުރަންޖެހޭކަމަށެވެ. އަދި އަމިއްލަ ގެދޮރު ހުންނަ ބޭފުޅުންނަށް ލިވިން އެލަވެންސް އުނިކޮށް ޤާނޫނަށް އިސްލާހު ގަނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ. މީގެ އިތުރުން ވެރިކަން ކުރައްވަން ލިބި ވަޑައިގަންނަވާ 5 އަހަރުގެ ދައުރު ފުރިހަމަ ނުކުރައްވައި ވެރިކަމުން ވަކިވެއްޖެނަމަ އެމީހަކަށް އިނާޔަތް ނުދިނުމަށްވެސް ނިންމަންޖެހޭ ކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.
ކުރީގެ ރައީސަކު މަގާމެއްގައި ހުންނެވުމުގެ ސަބަބުން މުސާރަ އާއި ޢިނާޔަތް ލިބިވަޑައިގަންނަވާނަމަ، ކޮންމެވެސް އެކައްޗެއް އިޚްތިޔާރު ކުރައްވަންޖެހޭ ގޮތަށް އިޞްލާޙު ގެންނަންޖެހޭ. އަދި އަމިއްލަ ގެދޮރު ހުންނަ ބޭފުޅުންނަށް ލިވިންގް އެލަވަންސް އުނިކުރަން ޖެހޭ. އަދި ދައުރު ހަމަނުކޮށް ވަކިވެވަޑައިގެންފިނަމަ ޢިނާޔަތް ނުލިބޭ ގޮތަށްވެސް ހަދަންޖެހޭ.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސުންގެ ތެރެއިން ވެރިކަމުގެ ދައުރު ހަމަނުކޮށް އިސްތިއުފާ ދެއްވި ހަމައެކަނި ރައީސަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު ވަނީ 2008 ވަނަ އަހަރު ވެރިކަމާއި ހަވާލުވެ ވަޑައިގެން، 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ވެރިކަމުން އިސްތިއުފާ ދެއްވާފައެވެ. ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމާއި ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވަމުންދަނީ އެއީ ބޮޑު ބަޣާވާތެއް ކަމަށެވެ.
ރައީސް ނަޝީދަށް މިއަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާއަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން ދަނީ މާލީ ބޮޑެތި ޚަރަދުތަކާއިއެކު، ވަރުގަދަ ސެކިއުރިޓީއެއްވެސް ދެމުންނެވެ. ސެކިއުރިޓީއަށް ހިނގާ ޚަރަދު ހާމަކޮށްފައި ނުވާއިރު، ބޭސް ފަރުވާއަށާއި، ޖެންގައި ހުންނެވުމަށް މިލިޔަނުން ވަނީ ފައިސާ ޚަރަދުކޮށްފައެވެ.
2 Responses
އަދި އިތުރަށް ބަޤާވަތްކުރި ވަހީދަށްވެސްދޭކަށްނުޖެހޭ
ފަސްއަހަރުގެ ދައުރެއް ހަމަނުކުކާ މީހަކަށް ދައުލަތުގެ ފައިސާއިން މުސާރައާއި އިނާޔަތްތަށް ދިނުމަކީ ބޭއިންސާފުން ކުރާކަމެއް އަންނިއަށް ދޭފއިސާއަކީ އަންނިއަށް ހަލާލު ފައިސާއެއްނޫން ވަރަށް ވަރަށް ސާފް އިނގޭތޯ