މިޖުމްހޫރީ ދުވަސް ގެނެސްދޭ އެންމެ ބޮޑު ހަދިޔާ އަކީ، އެންމެ ކުޑަވެގެން ދެވޭނެ އުޖޫރަ ސަރުކާރުން ކަނޑައެޅި އެޅުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ވިދާޅު ވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ 54 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ގައުމާ މުޚާތަބު ކުރައްވާ މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
މަސައްކަތްތެރިންނަށް ދޭންޖެހޭ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ، ސަރުކާރުން ފާއިތުވެދިޔަ ހަފްތާގައި ނިންމެވި ނިންމެވުމާއި ގުޅޭގޮން، ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މަސައްކަތްތެރިއަކަށް ދޭންޖެހޭ އެންމެ ބޮޑު ޙައްގަކީ، އޭނާއަށް ޙައްގު އުޖޫރަ ކަމަށާއި، ޖުމްހޫރިއްޔަތުގެ ހިޔަލުގައި ފިނިކަމެއް އެކުލެވޭނީ، މަސައްކަތްތެރީންނަށް ހައްގު ލިއްބައިދީގެން ކަމުގައެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިނިމަމް ވޭޖް ތަންފީޛުވުމުން އޭގެހެޔޮ ބަދަލު ވަޒީފާ އަދާކުރާ ފަރާތްތަކަށް ފެނިގެންދާނެ ކަމަށާއި، މިގޮތުން އެންމެ ބޮޑު ބަދަލެއް، ނުވަތަ ރަނގަޅެއް ފެނިގެންދާނީ، ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް ކަމަށެވެ. އަދި މިއާއެކު، ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނަށްވެސް މި ނިންމެވުމުގެ ހެޔޮ ބަދަލު އަންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި، މިނިމަމް ވޭޖްގެ ވައުދު ފުއްދުމުގެ މަސައްކަތް ކުރެވިފައިވަނީ ގިނަ މަޝްވަރާތަކަކަށް ފަހުގައި ކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ، މި މަޝްވަރާތަކުގެ ތެރޭގައި މަސައްކަތްތެރީންނާއި، ވަޒީފާ ދޭ ފަރާތްތައް ތަމްސީލުކުރާ މެންބަރުންގެ އެތަކެއް މަޝްވަރާއާ ހުށަހެޅުންތަށް ހުރި ކަމަށެވެ.
މިގޮތުން، މިނިމަމް ވޭޖް ކަނޑައެޅުމުގައި ވަޒީފާ ދޭ ފަރާތާ، ވަޒީފާ އަދާކުރާ ފަރާތުގެ މަސްލަޙަތާއި، ޙައްގުތަކަށް ސަރުކާރުން ވިސްނެވިކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ، އެކަށީގެންވާ މުސާރައެއް ކަނޑައަޅާއިރު ވިޔަފާރިތައް ފުނޑި ބަނގުރޫޓްވިޔަ ނުދިނުމަށްވެސް ސަރުކާރުން ވިސްނި ކަމަށެވެ. އަދި މިހާރު ކަނޑައަޅާފައިވާ މިނިމަމް ވޭޖަކީ މިކަންކަމުގެ މައްޗަށް ބިނާކޮށް، ސަރުކާރުން ނިމްމެވި ނިންމެވުމެއް ކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ރައީސް ވިދާޅުވީ، މިއީ ދިވެހި ތާރީޚުގައި މަސައްކަތްތެރިންނަށްޓަކައި މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ބިންގާ ކަމުގައެވެ. މީގެ ސަބަބުން، ވަޒީފާތަކަށް ޤާބިލު މުވައްޒަފުން ހޯދުމަށް މަގުފަހިވެ، އުފެއްދުންތެރިކަމާ ނަފާވެރިކަން އިތުރުވުމަށް މިސިޔާސަތު ބާރުއަޅާނެ ކަމަށްވެސް، މިޖަލްސާގައި ގައުމާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ 4،500 ރުފިޔާއެވެ. އަދި ވަޒީފާ އަދާކުރާ ފަރާތްތަކަށް ހައްގުވާ އެންމެ ކުޑަ އުޖޫރަތައް ގިންތި ތަކަކަށް ބަހާލެވިފައިވާއިރު، ސަރުކާރުން އާންމު ކުރި އުސޫލުގެ މަތިން އެންމެ ކުޑަ އުޖޫރަތައް ބަހާލެވިގެން ގޮސްފައިވަނީ ތިރީގައި މިވާ އުސޫލުންނެވެ.
– ކުދި ވިޔަފާރިތަށް، 4،500 ރުފިޔާ
– މެދުފަންތީގެ ވިޔަފާރިތަކަށް 7،000 ރުފިޔާ
– ބޮޑެތި ވިޔަފާރިތަޔަށް 8،000 ރުފިޔާ
– ބަޕްލިކް ސެކްޓަރ އަށް 7،000 ރުފިޔާ
ކޮމެންޓު ފޮނުވާ