ހިޔާ ފްލެޓް ލިބުނު ކޮންމެ މީހަކަށް ފްލެޓްގެ ފިނިޝިން މަސައްކަތާއި، ކުރިން ކަނޑައެޅި ކުލި ކަނޑައެޅުމަށް ދައުލަތުގެ ބަޖެޓްގައި ފައިސާ ހިމެނުމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ގޮވާލައްވައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ ބަޖެޓަށް ވާހަކަފުޅު ދައްކަވަމުން ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ފިނިޝިން ނުންމާ ރައްޔިތުންނަށް ހަވާލުކުރީ ސަރުކާރުގެ ޖެއްސުންކުރުމުގެ މަޤްޞަދުގައިކަމަށެވެ. ސަލީމް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ކުލުި ކުޑަކުރުމަށް ބޭނުންވާ ގާތްގަނޑަކަށް 130 މިލިއަން ރުފިޔާ އަކީ، ދައުލަތުގެ ބޭކާރު ޚަރަދުތައް ކުޑަކޮށްގެންވެސް ކުރެވިދާނެކަމެއްކަމަށެވެ. އޭނާ ވަނީ ހިޔާ ފްލެޓް ލިބުނު ކޮންމެ އާއިލާއަކަށް އެއްލައްކަ ރުފިޔާ ދައުލަތުގެ ބަޖެޓުން ދިނުމަށް ގޮވާލައްވާފައެވެ.
އަޅުގަނޑު ގޮވާލަން މިހާރުން މިހާރަށްވެސް މިދައުލަތުގެ ބަޖެޓަށް ކޮންމެ ފެމިލީއަކަށް 1ލައްކަ ރުފިޔާ މިބަޖެޓްގައި ހިމަނަން. މި ބަޖެޓްގައި އެބަހުރި ބޮޑެތި ޢަދަދުތަކުން ފައިސާ ހިމަނާފަ އެކި ދިމަދިމާގަ. އޭގެތެރެއިން ފައިސާ ގެނެވިދާނެ. މިހާރުގަ މިމީހުން އުޅެންޖެހޭނީ ކިތައް އަހަރުކަމެއް އަހަރެމެންނަކަށް ނޭނގެ. އެއީ އެކި މީހުންނަށް މި ހެދެނީ. އަދި 100ވަރަކަށް އާއިލާ އެތަނަށް ވަންކަމެއް ނޭނގޭ.
– އަޙްމަދު ސަލީމް
ސަލީމް ވަނީ ދައުލަތުގެ ބަޖެޓުގެ ދަރަނި ބޮޑުކަމުން އެކަމަށްވެސް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
ހިޔާ ފްލެޓް ލިބުނު ކޮންމެ އާއިލާއަކަށް 1 ލައްކަ ރުފިޔާ ދިނުމަށް ސަލީމް ގޮވާލައްވާފައިވާއިރު، ފްލެޓްތަކުގެ ފިނިޝިން ނުނިންމާ ހަވާލުކުރުމުން ރައްޔިތުންނަށް ބޮޑެތި ަޚަރަދުތަކެއް ކުރަންޖެހިފައިވާކަމަށްބުނެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ބައެއް އާއިލާތަކުން މިހާރުވަނީ ހިޔާ ފްލެޓަށް ބަދަލުވެފައެވެ. ފްލެޓް ލިބުނު ފަރާތްތަކުން ވަނީ ފްލެޓްގެ އަގު ކުޑަކުރުމަށް ސަރުކާރަށް ގޮވަލާފައެވެ. ސަރުކާރުން ހިޔާ ފްލެޓަށް ކަނޑައަޅާފައިވަނީ މަހަކު 8500 ރުފިޔާއެވެ. ނަމަވެސް އެ އަދަދު 5400އަށް ކުޑަކުރެވޭނެކަމަށް ކުރީގެ ސަރުކާރުގެ ވެރިން އަންނަނީ ބުނަމުންނެވެ.