އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރި ޑާބީ މެޗުން ޔުނައިޓެޑް ބަލިވެ، އެޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ޕްރެޝަރަށް ވެއްޓިއްޖެއެވެ.
ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި މިއަދު ކުޅުނު މި މެޗުން ޔުނައިޓެޑް ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ.
މި ނަތީޖާއާއެކު ކޯޗު ސޯލްޝެއާއަށް ވަނީ ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި ހުންނަން އިތުރު ޕްރެޝަރުތަކާއި ކުރިމަތިވެފައެވެ. ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ދާދި ފަހުން ލިވަޕޫލް އަތުން 0-5 ގެ ލަދުވެތި ނަތީޖާއަކުން ބަލިވި މެޗަށް ފަހު ސޯލްޝެއާ ކޯޗުކަމުން ބޭރު ކުރުމުގެ އަޑުތައް ވަނީ ގަދަވެފައެވެ. ނަމަވެސް ޔުނައިޓެޑްގެ ބޯޑުން އެންމެ ފަހުން ނިންމީ އަދިވެސް ސޯލްޝެއާ ވަގުތު ދިނުމަށެވެ. އެގޮތުން ލީގުގައި ޓޮޓެންހަމް އާއި ޗެމްޕިންސް ލީގުގައި އެޓްލަންޓާ އާއި ވާދަކުރި މެޗުގެ އިތުރުން ލީގުގައި ސިޓީ އާއި ކުޅެން އޮތް މެޗުން ރަނގަޅު ނަތީޖާއެއް ނެރުމަށް ފުރުޞަތު ދިނެއެވެ. ނަމަވެސް ސޯލްޝެއާއަށް ކާމިޔާބުކުރެވުނީ މިތަނުން އެންމެ މެޗެކެއެވެ. އެއީ ޕްރިމިއާ ލީގުގައި ޓޮޓެންހަމް އާއި ވާދަކުރި މެޗެއެވެ.
ޔުނައިޓެޑާއި ސިޓީ ބައްދަލުކުރި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނީ ސިޓީންނެވެ. މެޗު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ޔުނައިޓެޑްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ލަނޑެއް ވަދެ ސިޓީއަށް ލީޑު ލިބުނެއެވެ. މެޗުގެ 7 ވަނަ މިނެޓުގައި މި ލަނޑު ވަނީ ކަންސެލޯ އޭރިޔާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ބްލޮކް ކުރަން އުޅުމުގެ ތެރޭގައި ޔުނައިޓެޑްގެ ޑިފެންޑަރ ބެއިލީ ފައިގައި ޖެހިފައެވެ. މި ލަނޑަށް ފަހުވެސް ސިޓީން ދިޔައީ ޔުނައިޓެޑްގެ ގޯލަށް ފުލުފުލުގައި ހަމަލާތައް ފޮނުވަމުންނެވެ. ނަމަވެސް ޔުނައިޓެޑްގެ ކީޕަރ ޑެހެއާ ވަނީ ހުށިޔާރުކަމާއެކު މި ހަމަލާތައް ދިފާޢުކޮށްފައެވެ.
މެޗުގައި ސިޓީގެ ދެވަނަ ލަނޑު އެޓީމުން ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑަކީ ސިލްވާ މަޑުމަޑުން ފޮނުވާލި ބޯޅަ ދިފާއުކުރަން ޑެހެއާ ނެގި އަތުގައި ޖެހިފައި ގޯލުގެ ކަނަށް ވަން ލަނޑެކެވެ.
މި މޮޅާ އެކު ސިޓީ ވަނީ ލީގުގެ ދެ ވަަނަ އަށް ޖެހިލައިފައެވެ. އެއީ 11 މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް އޮތީ 11 މެޗުން ލިބުނު 17 ޕޮއިންޓާއެކު 5 ވަނައިގައެވެ.
ކޮމެންޓު ފޮނުވާ