16 ލައްކަ ރުޕީސްގެ ފިޔާ ހިފައިގެން ދަތުރު ކުރަމުންދިޔަ ޓްރަކެއް "ގެއްލިއްޖެ"

16 ލައްކަ ރުޕީސްގެ ފިޔާ ހިފައިގެން ދަތުރު ކުރަމުންދިޔަ ޓްރަކެއް "ގެއްލިއްޖެ"

Author
މުޙައްމަދު ޝަޒައިމް
02 ނޮވެމްބަރ 2020 07:27
0

އިންޑިއާގައި ފިޔާގެ އަގު ވަނީ އިންތިހާއަށް އުފުލިގެން ގޮސްފައެވެ. އެއްބައި މީހުންނަށް ފިޔާ ނުލިބި ހާލުގައިވެސް އެބަ އުޅެއެވެ. ބައެއް މީހުން އަގުބޮޑުކޮށް ފިޔާ ގަނެގެން އެއށްވުރެ އަގުބޮޑުކޮށް ވިއްކަނީ އެވެ. އަދި ފިޔާ ވަގަށް ނަގާ މައްސަލަވެސް ވަނީ ބޮޑުވެފައެވެ.

ފިޔާ ވަގަށް ނަގާ މައްސަލަ ބޮޑުވެފައި ވަނިކޮށް އިންޑިއާގެ ކެރެލާގައި ފިޔާ ވިއްކުމުގައި ހަރަކާތްތެރިވަމުން އަންނަ މީހަކު ވަނީ، އޭނާ ގަތް 16 ލައްކަ ރުޕީސްގެ ފިޔާ އާއި، އެ ފިޔާ އެރުވި ޓްރަކް އާއި އަދި އޭގެ އިތުރުން، އެ ފިޔާ ބަލާ ދިޔަ މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. އޭނާ ފުލުހުންނަށް ހުށަހެޅި އެ މައްސަލާގައި ބުނެފައި ވަނީ، މަހަރަޝްތްރާގެ އަހުމަދު އާބާދުގެ ފާމާ ކޯޕަރޭޓިވް ސޮސައިޓީން އޭނާ 25 ޓަނުގެ ފިޔާ ގަތް ކަމަށެވެ. އަދި ކުރިންވެސް އެގޮތަށް އޭނާ ތަކެތިގަންނަ ކަމަށާއި، އެ ޓްރަކް އޭނާ ފޮނުވީ އެ ތަކެތި ބަލާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ، އާއްމުކޮށް މިގޮތަށް ފޮނުވާ ވެހިކަލްތައް ދެ ތިން ދުވަސް ތެރޭގައި އެނބުރި އަންނައިރު، މި ވެހިކަލް ތަކެއްޗާއެކު އައިސްފައި ނުވާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އަދި އެ ޑްރަވަރަށްވެސް ނުގުޅޭ ކަމަށާއި، އޭނާގެ ފޯނުވެސް ނިއްވާލާފައިވާ ކަމަށް ތަރުކާރީ ވިއްކުމުގައި ހަރަކާތްތެރިވާ މި ފިރިހެން މީހާ ބުނެފައި ވެއެވެ. އޭނާ ބުނީ، އެ ފިޔާ ގަތުމަށް އޭނާގެ އަތުން 16 ލައްކަ ރުޕީސް ދިޔަ ކަމަށެވެ.

އަދި އެ ޓްރަކް އެކްސިޑެންޓްވިކަމުގެ މައުލޫމާތުވެސް ލިބިފައި ނުވާ ކަމަށް އޭނާ ބުނެފައި ވެއެވެ.އަދި އެ ދަނޑުން އޭނާ ފިޔާތައް ލޯޑްކޮށްގެން ދިޔަ ކަމުގެ މައުލޫމާތު ލިބޭ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ. އޭނާ ވަނީ އެ ޓްރަކް ޑްރައިވަރު އެ ތަކެތި ވަގަށް ނަގައިގެން ވިއްކާފައިވާ ކަމުގެ ތުހުމަތުވެސް ކޮށްފައެވެ. އެއީ މީގެ ކުރިން އެ ޑްރައިވަރުގެ ފަރާތުން އެފަދަ އަމަލެއް ފެނިފައި ވަތީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.