89% ކޯވިޑުން ރައްކާތެރި ކޮށްދޭ ބޭހެއް އީޖާދު ކޮށްފި

89% ކޯވިޑުން ރައްކާތެރި ކޮށްދޭ ބޭހެއް އީޖާދު ކޮށްފި

Author
ހުސެއިން
05 ނޮވެމްބަރ 2021 06:00
0

ކޯވިޑަށް ޕޮޒިޓިވް ވެފައިވާ، އަދި ދިފާއީ ނިޒާމުގެ ބާރުދަށް، އުމުރުން ދުވަސްވީ މީހުން ބޭނުން ކުރުމުން، ބަލި ބޮޑުވެގެން ހޮސްޕިޓަލުގައި އެނދުމަތި ކުރަންޖެހޭ މިންވަރު ނުވަތަ މަރުވާ ނިސްބަތް %89 މަދުކޮށްދޭ ބޭހެއް އީޖާދު ކޮށްފި ކަމުގައި، އެމެރިކާގެ ބޭސް އުފެއްދުމަށް މަޝްހޫރު ފައިޒަރ ކުންފުނިން ބުނެފިއެވެ.

ފައިޒަރ ކުންފުނިން ބުނެފައިވާ ގޮތުގައި، "ޕެކްސްލޮވިޑް"ގެ ނަން ދެވިފައިވާ މި ގުޅަ ބޭހުގެ ކްލިނިކަލް ޓަރައަލްތަކުން މި ބޭހުގެ ކާމިޔާބުކަން ޔަގީން ކުރެވިފައިވާ ކަމަށާއި، އަދި ހައި ރިސްކު، ނުވަތަ ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުންގެ ކިބައިން ކޯވިޑް19ގެ އަލާމާތްތައް ފެންނަން ފެށުނުހާ އަވަހަކަށް މި މި ބޭސް ބޭނުންކުރުން މުހިންމު ކަމުގައެވެ.

ފައިޒާއިން ކާމިޔާބުކަމާއެކު، އާ ބޭހެއް ކޯވިޑާއި ދެކޮޅަށް ޓެސްޓު ކޮށްފައި މިވަނީ، އިނގިރޭސިވިލާތުގެ ބޭސް ބޭނުންކުރުމުގެ ހުއްދަ ދޫކުރާ އިދާރާއިން، ކޯވިޑާ ދެކޮޅަށް ދޭނެ ފަރުވާއެއްގެ ގޮތުގައި، މާރކް ޝާޕް އެންޑް ޑޯހމް Merck Sharp and Dohme (MSD) ބޭނުންކުރުމުގެ ހުއްދަ ދޫކުރިތާ އެއް ދުވަސް ފަހުންނެވެ.

ފައިޒާއިން ބުނެފައިވާ ގޮތުގައި، މި ބޭހުގެ އެންމެ ފުރަތަމަ ޓެސްޓުތައްވެސް ކާމިޔާބުކޮށް ދައްކާފައި ވުމާއި ގުޅިގެން، މި ބޭހުގެ ކުލިނިކަލް ޓްރައަލްތައް އިތުރަށް ކުރިޔަށް ގެންދިއުންވެސް މިހާރު ހުއްޓާލާފައިވާ ކަމުގައެވެ.

އިނގިރޭސިވިލާތުން ބުނެފައިވަނީ، ފައިޒާއިން އަލަށް ހޯދި ބޭސް ބޭނުންކޮށްގެން 250،000 މީހުންނަށް ފަރުވާ ހޯދުމަށް ބޭނުންވާ ބޭހާއި، MSD ފަރުވާއަށް ބޭނުންވާ މޮލްނުޕިރުއަވިރ ގުޅަ ބޭނުން ކޮށްގެން 480,000 މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ބޭހަށް މިހާރު އޯޑަރު ކޮށްފައިވާ ކަމުގައެވެ.

ފައިޒަރއިން ޓެސްޓު ކޮށްފައިވާ ބޭސް ޑިޒައިން ކޮށްފައިވަނީ، ކޮރޯނާ ވައިރަސް ހަށިގަޑުގެ ތެރޭގައި ގިނަ ވެގަތުމަށް ބޭނުންވާ އެންޒައިމެއް ބްލޮކް ކުރުމަށް އަމާޒު ކުރެވިގެންނެވެ. މިގޮތުން، އެހެން އެންޓިވައިރަލް ގުޅަ ބޭހެއް ކަމުގައިވާ ރިޓޯނަވަޔަރ (ritonavir) އާއިއެކު ބޭނުން ކުރުމުން، މިބޭސް ހަށިގަޑުގެ ތެރޭގައި ގިނަ ވަގުތު ދެމިހުރެއެވެ.

މިބޭސް ބޭނުން ކުރަންޖެހެނީ 5 ދުވަހުގެ މުއްދަތަށް ކޮންމެ ދުވަހަކު 2 އިރު އިރަކު 3 ގުޅައެވެ.

ފައިޒާއިން ބުނެފައިވާ ގޮތުގައި، އެކުންފުނިން މިހާރު ތައްޔާރު ވަމުންދަނީ، މި ބޭހުގެ ޓަރައަލްތަކުގެ ނަތީޖާތައް އެމެރިކާގެ ބޭސް ބޭނުންކުރުމުގެ ހުއްދަ ދޫކުރާ FDAއަށް ހުށަހެޅުމަށެވެ. މިގޮތުން މިހުއްދަ ހޯދުމަށް ހުށަހަޅަނީ ފާއިތުވެދިޔަ މަހު އެކުންފުންޏަށް ދޫކޮށްފައިވާ އެމަޖެންސީ ހުއްދައިގެދަށުން މި ބޭސް ބޭނުންކުރަށް ފެށުމުގެ ހުއްދަ ހޯދުމަށެވެ.

ފައިޒަ ކުންފުނީގެ ޗެއަރމަން އަދި ޗީފް އެކްޒެކެޓިވް އޮފިސަރ އަލްބާޓް ބޯލާ ވިދާޅުވި ގޮތުގައި މި ގުޅަބޭހުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު ލިބިގެން ދިއުމުގެ އިތުރުން ކޯވިޑް19ގެ ސަބަބުން މީހުން ބަލިވާ މިންވަރު ދަށްކޮށްދީ އަދި ކޮންމެ 10 މީހަކުން 9 މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުން ސަލާމަތް ކޮށްދޭނެ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.