އެމްޑީޕީ ތެރޭގައިއޮތް ތަފާތުކުރުން ނައްތާލަންޖެހޭ: ތޯރިޤު

އެމްޑީޕީ ތެރޭގައިއޮތް ތަފާތުކުރުން ނައްތާލަންޖެހޭ: ތޯރިޤު

Author
މުޙައްމަދު ޝަޒައިމް
03 ނޮވެމްބަރ 2021 08:43
0

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ތެރޭގައި އޮތް ތަފާތު ކުރުން ނައްތާލަން ޖެހޭ ކަމުގައި އެމްޑީޕީގެ އެންމެ ދުވަސްވީ މެމްބަރު އަދި މަނަދޫ ދާއިރާގެ ޤައުމީ މަޖިލިސް މެމްބަރު މުހައްމަދު ތޯރިޤު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ ފުރަތަމަ ބައްދަލުވުމުގައި ތޯރިޤުވަނީ ގިނަ އިހުސާސްތަކެއް ބަންޑުކޮށްލާފައެވެ. ޚާއްސަކޮށް އެމްޑީޕީގައި އެންމެ ގިނަ ދުވަހު ޚިދުމަތްކުރި ޚިދުމަތްތެރިންނާއި ޕާޓީއަށް އިޚްލާސްތެރިވި ބޭފުޅުންނާއިމެދު އަޅާލުން ކުޑަވެފައިވާކަން ވަނީ ފާހަގަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ ނިމިދިޔަ އިންތިޚާބުގައިވެސް މާލޭގައި ހަރަކާތްތެރިވި އޮފިޝަލުންނާއި އެނޫންވެސް މީހުންނަށް ކަންކުރި އުސޫލުން އަތޮޅުތެރޭގައިވެސް މަސައްކަތް ކުރި އޮފިޝަލާއިމެދު އަމަލު ކުރެވެންޖެހޭ ކަމަށެވެ. ނަމަވެސް ޕާޓީއަށް އެކަން ދިޔަގޮތްވެސް ނޭގޭނެކަމަށް ތޯރިގު ވިދާޅުވިއެވެ.

އެމްޑީޕީ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ ފުރަތަމަ ބައްދަލުވުން، ފޮޓޯ: އެމްޑީޕީ

އޭނާ ވިދާޅުވީ އަތޮޅު ތެރޭގައި އެމްޑީޕީ ކުރިއެރުވުމަށް މިހާތަނަށް މަސައްކަތްކުރި މީހުން މަސައްކަތް ކޮށްފައިވަނީ ވަރަށް ބޮޑު ގުރުބާނީއެއް ވެގެން ކަމަށެވެ. އެމީހުންނަކީ ޕާޓީތެރޭގައި ބަސްކިޔޭ އަޑު އުފުލެންޖެހޭ ބަޔަކަށްވާއިރު، މާލޭގެ މެމްބަރުންނަށް ނުވަތަ ދާއިރާގެ އިސް ބޭފުޅުންނަށް އަޑު އުފުލޭ އުސޫލުން އަޑު އުފުލުމުގެ ޖާގަ އޮންނަންޖެހޭނެ ކަމަށެވެ.

އެންމެ ފުރަތަމަ ކަމަކީ ތަފާތު ކުރުން ނައްތާލުން. ޕާޓީ ތެރޭގައި ތަފާތު ކުރުން ނައްތާލަން އެބަޖެހޭ. މާލެއާއި ރާއްޖެ ތެރެއަށް މިއޮތް ތަފާތަކީ ވަރަށް ބޮޑު ތަފާތެއް އަދިވެސް. މިޕާޓީގައި އެބައޮތް އެ ތަފާތު. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެތަފާތު ނައްތާލަންޖެހޭ. އަޅުގަނޑުމެން މަނަދޫ ދާއިރާއެކޭ މާލޭ ދާއިރާއެކޭ އެއް ހަމައެއްގައި ވާހަކަދެއްކޭ ހިސާބަށް އާދެވިގެން ނޫނީ މިކަން ރަނގަޅެއް ނުކުރެވޭނެ.

– ތޯރިޤު ވިދާޅުވިއެވެ.

ތޯރިޤު ވިދާޅުވީ އެމްޑީޕީއަކީ ވަރަށް ނިކަމެތި ރައްޔިތުންތަކެއް ވަރަށް ދަތި ހާލުގައި މިހިސާބަށް ގެނައި ޕާޓީއެއް ކަމަށެވެ. ނަމަވެސް އެކަން މިއަދު ބަލައި ގަންނަނީ ކިހާ ވަރަކަށްތޯ މިއަދު ޕާޓީން ބަލަންޖެހޭ ކަމަށެވެ. އެމްޑީޕީ އުފައްދައި އެންމެ ބޮޑެތި ގުރުބާނީވެފައިވާ މީހުން މިއަދު ތިބީ ކޮން ހާލަތެއްގައި ކިހާ ހިސާބެއްގައިތޯ ބަލަން ޖެހޭކަމަށް ތޯރިޤު ވަނީ ވިދާޅުވެފައެވެ.

ރޭގެ އެމްޑީޕީގެ ޤައުމީ މަޖިލީހުގައި އަތޮޅޫ ތެރޭގެ ގިނަ މެމްބަރުން ވަނީ ބޮޑެތި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތީ އަތޮޅު ތެރޭގައި އެމްޑީޕީގެ ހަރަކާތްތައް ހިންގުމަށް އޮތް ދަތިކަމުގެ ވާހަކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.