ކޫއްޑޫ ޕޯޓަކީ ހަމަ އެކަނި މަސް ބޭރުކުރާ ޕޯޓެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި އެޕޯޓަކީ ކުރިޔަށް އޮތްތާގައި، ކާގޯ އޮޕަރޭޝަންތަކަށް ހުޅުވާ ލެވިފައިވާ ޕޯޓަކަށް ބަދަލުކޮށް، މިޕޯޓު އިންޓަރނޭޝަނަލް ޕޯޓަކަށް ބަދަލު ކުރަން ޖެހޭ ކަމުގައި، ރައްޔިތުންގެ މަޖިލިހުގެ ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.
ސައުދު ހުސެއިން މިހެން ވިދާޅުވެފައިވަނީ މިހަފްތާގެ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސް ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރައްވާ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައުދު ހުސެއިން ވިދާޅުވީ، އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސް ވެގެން ދިއުމަކީ، ދިވެހިރާއްޖޭގެ ތަރައްގީއަށް ހުޅުވިގެންދާނެ މުހިންމު ދޮރަކަށް ވެގެންދާނެ ކަމުގައެވެ.
ސައުދު ވިދާޅުވީ އެއިޓް ޑިގްރީ ޗެނަލްއަކީ، ރާއްޖެ ހުރަސްކޮށްފަ ދަތުރުކުރާ މައި އެއް މަގުކަމަށާއި، ރާއްޖޭގެ އިގްތިސާދު ފުޅާ ކުރުމަށްޓަކާ އެންމެ ފުރަތަމަ ކުރަން ޖެހިފައި އޮތް މަސައްކަތަކީ ވަރުގަދަ ކަނޑުގެ ނެޓްވާރަކަކުން ބަދަރުތައް ގުޅުވާލާފަ، އިންޑިއާ ކަނޑު ހުރަސްކޮށް ދާ ބޯޓު ފަހަރު، ރާއްޖެއަށް ޓްރާންސިޓް ކުރެވޭނެ މަގު ތަނަވަސް ކުރުން ކަމުގައެވެ.
މި ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ، ރާއްޖެ ހުރަސް ކޮށްފަ ދާ ބޯޓުފަހަރުތަކަށް ޚިދުމަތްދޭނެ ވަސީލަތްތަކެއްގެ ގޮތުގައި ރާއްޖޭގައި މިވަގުތު އޮޕަރޭޓް ކުރަމުންދާ އިންޓަރނޭޝަނަލް ޕޯޓުތައް ތަރައްގީކޮށް، މިސައްކަތަށް އަމަލީ ސިފ ަގެނައުން ސަރުކާރުގެ އެޖެންޑާގެ ތެރޭގައި ހިމެނުކަމީ މުހިންމު ކަމެއް ކަމުގައެވެ.
ސައުދު ވިދާޅުވީ މިހާރު އޮޕަރޭޓް ކުރަމުންދާ ކޫއްޑޫ ޕޯޓަކީ، އަހަރެއްގެ މައްޗަށް 40،000 ޓަނުގެ މަސް ސީދާ ކޫއްޑޫއިން ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރާ ޕޯޓެއް ކަމަށާއި، އަދި މިއީ އިންޓަރނޭޝަނަލް ސްޓޭންޑަޑަށް ބަލަހައްޓާ ޕޯޓެއް ކަމުގައެވެ. އެހެންނަމަވެސް، މި ޕޯޓުގައި ކުރާ ކަމަކަކީ، ހަމަ އެކަނި މަސް އެކްސް ޕޯޓު ކުރުމަށްޓަކާ ކާގޯ ބޯޓުފަހަރަށް ޚިދުމަތް ދިނުން އެކަނި ކަމަށާއި، އެހެންނަމަވެސް ވަން އެންޑް ހާފް ޑިގްރީ ޗެނަލްއަކީ، އެއިޓް ޑިގްރީ ޗެނަލް ފަދައިން ރާއްޖެ ހުރަސްކޮށް، ދަތުރު ކުރުމަށްޓަކާ އެންމެ ބޮޑެތި ކާގޯ ބޯޓު ފަހަރު ހުރަސް ކުރާ ސަރަހައްދު ކަމުގައެވެ.
އެހެންކަމުން މިސަރަހައްދުގައި، ހުވަދޫ އަތޮޅު، އަދި ވަން އެންޑް ހާފް ޑިގްރީ ޗެނަލް ހުރަސްކޮށް ދަތުރުކުރާ ބޯޓު ފަހަރަށް ޚިދުމަތް ދޭނެ ނިޒާމެއް ކޫއްޑު ޕޯޓުގައި ގާއިމް ކުރުމަކީ މާބޮޑު ހޭދައެއް ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި، މި ޕޯޓުގައި ކޮންޓެއިނަރ ކެރޭނެއް ބެހެއްޓުމުން ކޮންޓެއިނަރ ޚިދުމަތްވެސް އެ ޕޯޓުގައި ފެށިގެން ދާނެކަމުގައި ސައުދު ވިދާޅުވިއެވެ. އަދި މީގެ އިތުރުންވެސް ދެން ހުރި ހުރިހާ ޚިދުމަތްތައް އެ ޕޯޓުގައި ހުރިކަމަށް ވިދާޅުވަމުން، ބަންކަރިންއާއި، ފެނާއި، ތެލާއި އަދި މީގެ އިތުރުން ކަސްޓަމްސްގެ ޚިދުމަތްތައް މިހާރުވެސް މި ޕޯޓުގައި ދެވެމުން ދާއިރު، އިމިގްރޭޝަންގެ ކައުންޓަރެއް ބެހެއްޓުމުން އެޚިދުމަތް ގާއިމް ކުރެވި، އެކަށިގެންވާ ހުރިހާ ވަސީލަތްތަކެއް މިހާރުވެސް މި ޕޯޓުގައި ގާއިމް ކުރެވިފައި ހުރިހަމަށްވެސް ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ، ކުޑަ ޚަރަދަކުން، ރާއްޖޭގެ މި އިގްދިސާދީ ބިޔަ ބޮޑު ސިނާއަތް ހަރަކާތްތެރި ކުރެވިދާނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ