ކޯޕް26| އަހަރެމެން މިދަނީ އަމިއްލައަށް ކަށްވަޅު ކޮންނަމުން: ގުޓަރޭސް

ކޯޕް26| އަހަރެމެން މިދަނީ އަމިއްލައަށް ކަށްވަޅު ކޮންނަމުން: ގުޓަރޭސް

Author
ހުސެއިން
01 ނޮވެމްބަރ 2021 08:04
0

ދުނިޔެއަށް ކުރިމަތިވަމުންދާ، މޫސުމީ ކާރިސާތަކުން ދުނިޔެ ސަލާމްތަ ކުރެވޭނެ މަގެއް ހޯދުމަށްޓަކާ ނިންމަންޖެހޭ ނާޒުކު ނިންމުންތަކެއް ނިންމުމަށް، އިގިރޭސިވިލާތުގެ ގްލަސްގޯވްގައި މިހާރު ކުރިޔަށްދާ ކޯޕް26 ސަމިޓްގައި ދުނިޔޭގެ ގައުމުތަކުގެ ވެރީން ތަގްރީރު ކުރައްވަން ފައްޓަވައިފިއެވެ.

ހޯމަ ދުވަސް ރަސްމީކޮށް ހުޅުވިގެންދިޔަ މިސަމިޓްގައި ދުނިޔޭގެ ގައުމުތަކުގެ ވެރީން ތަގުރީރު ކުރައްވަން ފައްޓަވާފައި މިވަނީ، މި ސަމިޓްގެ ކުރިން ބޭއްވުނު G20 ސަމިޓުގައި، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް 2050ގެ ނިޔަލަށް ވަކި މިންރަކަށް މަދުކުރުމަށް ދުނިޔޭގެ މުއްސަދި ގައުމުތަކަށް، އެއްބަސްވުމަކަށް ނާދެވުމުގެ ނަތީޖާއެއްގެ ގޮތުން، މި ސަމިޓްގައި ނިންމަންޖެހޭ ނިންމުންތަކަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެކަމަށް ބެލެވިފައި ވަނިކޮށެވެ.

ދުނިޔޭގެ ގައުމުތަކުގައި ކުރިޔަށްދާ އިންޑަސްޓްރިއަލް މަސައްކަތްތަކުން ޖައްވަށް ގެދަބުޅި ދޫކުރާ ދުމާއި ގޭސް ވަކި މިންގަޑަކަށް 2050ގެ ނިޔަލަށް މަދުކުރުމުގެ އަމާޒަކީ، ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނާނެ ބޮޑެތި ނުރައްކާތަކުން ސަލާމަތް ވުމަށްޓަކާ ކޮމެހެންވެސް ނިންމަންޖެހޭ ނިންމުމެއްގެ ގޮތުގައި އަންނަނީ ބެލެވެމުންނެވެ.

އެހެންނަމަވެސް މީގެ ބަދަލުގައި، އިޓަލީގެ ރޯމްގައި ބޭއްވުނު G20 ސަމިޓުގައި ގައުމުތަކުގެ ވެރީން ވަނީ، ގަރުނުގެ މެދަކާހަމައަށް ދާއިރަށް، ޖައްވަށް ގެދަބުޅި ދޫކުރާ ދުމުގެ މިންވަރު ވަކި މިންގަޑެއްގައި ހިފެހެއްޓުމުގެ "މުހިންމުކަން" ފާހަގަ ކޮށްފައެވެ. އެހެންނަމަވެސް މިކަމަށް ވަކި ތާވަލަކަށް ވެރީން އެއްބަސް ވެފައެއް ނުވެއެވެ.

އިނގިރޭސިވިލާތުގައި މިހާރު ކުރިޔަށްދާ ސަމިޓުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އިގިރޭސި ވޮޑުވަޒީރު ބޮރިސް ޖޯންސަންއާއި، ޔޫއެން ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ ތަގުރީރު ކުރައްވާފައެވެ. އަދި މީގެ އިތުރުން ވާހަކަ ދައްކަވާފައިވާ ބޭފުޅުންގެ ތެރޭގައި އިގިރޭސިވިލާތުގެ ތާރީޚީ އިލްމުވެރިއެއް ކަމުގައިވާ ޑޭވިޑް އެޓެމްބޮރޮފް އާއި ޕްރިންސް ޗާލްސްވެސް ހިމެނެއެވެ.

މި ސަމިޓުގައި ތަގުރީރު ކުރައްވަމުން ގުޓަރޭސް ވިދާޅުވެފައިވަނީ، މި ސަމިޓަކީ ކާމިޔާބު ސަމިޓަކަށް ހެދުމަށްޓަކާ، ދުނިޔޭގެ ވެރީން އުއްމީދީ ނިންމުންތަކެއް ނިންމަން ޖެހޭ ކަމުގައެވެ.

"ގުދުރަތީ މާހައުލާ ދޭތެރޭ އިހާނާތްތެރިކޮށް ހިތުން ފުދިއްޖެ. ކާބަންގެ ބޭނުން ކޮށްގެން އަހަރެމެން އަމިއްލައަށް މަރުވަމުން ދިއުން ފުދިއްޖެ. ގުދުރަތީ މާހައުލަކީ ފާޚާނާއެއް ކަމުގައި ހިތާހިތުން ފުދިއްޖެ. މައުދަންތައް އެންދުމާއި، މައުދަންތައް ނެގުމަށްޓަކާ ފުނަށް ތޮރުފަމުންދާ ދިއުންވެސް ފުދިއްޖެ. އަހަރެމެން މިދަނީ އަހަރެމެންގެ ކަށްވަޅު އަމިއްލައަށް ކޮންނަމުން،" މި ސަމިޓްގައި ތަގުރީރު ކުރައްވަމުން ގުޓަރޭސް ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.