ކޯވިޑް19ގައި ދުނިޔެއިން މަރުވީ މީހުންގެ އަދަދު 5 މިލިއަނަށް އަރައިފި

ކޯވިޑް19ގައި ދުނިޔެއިން މަރުވީ މީހުންގެ އަދަދު 5 މިލިއަނަށް އަރައިފި

Author
ހުސެއިން
01 ނޮވެމްބަރ 2021 04:41
0

ކޯވިޑް19ގެ އާލަމީ ވަބާ ދުނިޔޭގައި ފެތުރެންފެށި ފަހުން 2 އަހަރު ނުވަނީސް، މިބަލީގައި ދުނިޔެއިން މަރުވީ މީހުންގެ އަދަދު، ހޯމަދުވަހު 5 މިލިއަނަށް އަރައިފިއެވެ.

ކޯވިޑް ބަލީގައި ދުނިޔެއިން މަރުވީ މީހުންގެ އަދަދު މިއަދު 5 މިލިއަނަށް އެރިއިރު، މިނުރައްކާތެރި ސިއްޙީ ކާރިސާގެ އަސަރު ކޮށްފައިވަނީ ދުނިޔޭގެ ހަމަ އެކަނި ފަގީރު ގައުމުތަކަށް އެކަންޏެއް ނޫނެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ، އަދި އެންމެ ވަރުގަދަ ސިއްޙީ ނިޒާމުތައް ހުރި ގައުމުތައްވެސް މިބަލީގެ ޝިކާރައަކަށްވެ، އެގައުމުތަކުގައިވެސް ވަނީ، ސިއްޙީ މިކާރިސާގައި އެތައް ލައްކަ މީހުންނެއް މަރުވެ ގޮސްފައެވެ.

މިގޮތުން، ދުނިޔޭގެ އާބާދީގެ 1/8 ހިއްސާކުރާ، އެމެރިކާއާއި، ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުގެ އިތުރުން، އިނގިރޭސިލާތާއި ބްރެޒިލް ފަދަ، ދިރިއުޅުމުގެ ފެންވަރު އެންމެ މަތީ، އަދި ލިބޭ އާމްދަނީގެ ގޮތުންވެސް ލިސްޓުގެ އެންމެ ކުރީގައިވާ ގައުމުތަކުން ވަނީ، މިބަލީގައި މުޅި ދުނިޔޭގައި މަރުވީ މީހުން %50 ހިއްސާ ކޮށްފައެވެ.

މިގޮތުން އެމެރިކާގައި އެކަނިވެސް މި ބަލީގައި 740,000 މީހުންވަނީ މަރުވެފައެވެ. އެމެރިކާއަކީ ކޯވިޑް19ގައި ދުނިޔެއިން އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވާ ގައުމެވެ.

އެމެރިކާގެ ޖޯން ހޯޕްކިންސް ޔުނިވާރސިޓީގެ ރަސްމީ ހިސާބުތަކަށް ބަލާއިރު، ކޯވިޑް19ގައި ދުނިޔެއިން މަރުވެފައިވަ މީހުންގެ އަދަދަކީ އެމެރިކާގެ 2 ސިޓީއެއް ކަމުގައިވާ ލޮސް އޭންޖަލްސްއާއި ސަންފްރެންސިސްކޯއާއި، މި ދެސިޓީގެ އާބާދީއާއި އެއްވަރު އަދަދެކެވެ.

އޮސްލޯގެ ޕީސް ރިސާޗް އިންސްޓިޓިއުޓްއިން ހަދާފައިވާ ހިސާބުތަކަަށް ބަލާއިރު، ކޯވިޑް19ގައި ދުނިޔެއިން މިހާތަނަށް މަރުވެފައިވާ މީހުންގެ އަދަދު، 1950 ވަނަ އަހަރުގެ ފަހުން ދުނިޔޭގައި ކުރެވިފައިވާ ހަގުރާމަތަކުގައި މަރުވެފައިވާ މީހުންގެ ޖުމްލަ އަދަދާއި އަޅާ ކިޔާލެވެއެވެ.

ހިތުގެ މައްސަލަތަކާއި އަދި ސްޓްރޯކްގެ އާއި ޖެހިގެން ދުނިޔެއިން 3 ވަނައަށް އެންމެ ގިނައިން މީހުން މަރުވާ ބައްޔަކަށް މިހާރު ވެފައިވަނީ ކޯވިޑް19އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.