ކޮޕް26 ސަމިޓަށް އިނގިރޭސިވިލާތުގެ ގްލާސްގޯއަށް ފުރާވަޑައިގަތުމުގެ ކުރިން އދގެ އާއްމު މަޖިލީހުގެ ރައީސް (ޕީ.ޖީ.އޭ) ޢަބްދުﷲ ޝާހިދު އދގެ މައި މަރުކަޒުގައި ގަހެއް އިންދަވައިފިއެވެ.
މޫސުމީ ބަދަލުތަކާ ގުޅޭ މަޝްވަރާތަކަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް މިނިސްޓަރ ޝާހިދު ވަނީ ވައުދުވެވަޑައިގެންފައެވެ. ސްވިޓްޒަލެންޑްގެ އީ.ޓީ.އެޗް ޒިއުރިކް ޔުނިވަރސިޓީއިން ހެދި ދިރާސާއެއްގައި ދައްކާ ގޮތުން، ބައި ޓްރިލިއަން ގަސް އިންދައިގެން 205 ގިގަޓަނުގެ ކާބަން ކެޕްޗަރ ކުރެވޭނެކަން ހޯދިފައިވާކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. މިއީ 1960 ވަނަ އަހަރުން ފެށިގެން އިންސާނުންގެ ސަބަބުން ޖައްވަށް ދޫވި ކާބަންގެ ދެބައިކުޅަ އެއްބައެވެ.
ނިމިދިޔަ ހަފްތާގައި މިނިސްޓަރ ޝާހިދު ވަނީ އެމަނިކުފާނު ފުރަތަމަ މޫސުމީ ބަދަލުތަކާ ބެހޭ ބަހުސް އދގެ އާއްމު މަޖިލީހުގައި ބާއްވަވާފައެވެ.
މިނިސްޓަރ ޝާހިދުގެ އިސްނެންގެވުމަކަށް ބޭއްވި މި ބަހުސްގައި 17 ޤައުމެއްގެ ވެރިން (ރައީސް/ބޮޑުވަޒީރު)ނާއި، 2 ޤައުމެއްގެ ނައިބު ރައީސުން އަދި 27 ޤައުމެއްގެ ޚާރިޖީ ވަޒީރުންގެ އިތުރުން 14 ޤައުމެއްގެ ސަފީރުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ހަމައެއާއެކު 6 ޤައުމަކުން ވަނީ ސަރަހައްދީ ޤައުމުތަކުގެ ފަރާތުންވެސް ވާހަކަ ދައްކާފައެވެ.
ޔޫ.އެން ޑޭ ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގައި އދގެ މައި މަރުކަޒު ހުންނަ ނިއުޔޯކްގެ ކަނިންހަމް ޕާކްގައި ބޭއްވި ގަސް އިންދުމުގެ ޕްރޮގްރާމްގައިވެސް މިނިސްޓަރ ޝާހިދު ގަހެއް އިންދެވިއެވެ.
ކޮމެންޓު ފޮނުވާ