ބަޖެޓް 2022: ކައުންސިލްތަކަށް ބްލޮކް ގްރާންޓަށް 1.5 ބިލިއަން ރުފިޔާ

ބަޖެޓް 2022: ކައުންސިލްތަކަށް ބްލޮކް ގްރާންޓަށް 1.5 ބިލިއަން ރުފިޔާ

Author
މުޙައްމަދު ޝަޒައިމް
31 އޮކްޓޯބަރ 2021 01:03
0

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ޤާނޫނަށް ގެނައި ބަދަލުތަކާއިއެކު ކައުންސިލްތަކަށް ބޭނުންވާ ބަޖެޓު ހަމަޖެއްސުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ދޫކުރުމަށް ކަނޑައަލައިފިއެވެ.

2019 ވަނަ އަހަރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 8 ވަނަ އިސްލާހުގެ ދަށުން އެ އަހަރަކަށް ފާސްކުރާ އާމްދަނީގެ މަދުވެގެން 5 އިންސައްތަ އަދި ސިލްތަކުގެ އިހުތިސާސުގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ދޫކުރަންޖެހެއެވެ. މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ބެހިގެންދާގޮތަށް ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދޫކުރަންޖެހެއެވެ.

2022 ވަނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރުމަށް ކަނޑައަޅާފައިވަނީ ޖުމުލަ 1,565.4 މިލިއަން ރުފިޔާއެވެ. މިއީ މި ހިނގާ 2021 ވަނަ އަހަރު ކައުންސިލްތަކަށް ދޫކުރާނެ ފައިސާއާ އަޅައިބަލާއިރު 19.8 އިންސައްތަ އިތުރު އަދެދެކެވެ.

ބްލޮކް ގްރާންޓް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ބަހާ ނިސްބަތް:

– ރަށު ކައުންސިލްތަކަށް 72 އިންސައްތަ
– އަތޮޅު ކައުންސިލްތަކަށް 9 އިންސައްތަ
– ސިޓީ ކައުންސިލްތަކަށް 19 އިންސައްތަ

އިކުއަލައިޒޭޝަން ގްރާންޓަކީ ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި އެކަށީގެންނުވާ ކުޑަ މިންވަރެއް ނުލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ކަނޑައަޅާ މިންވަރެއް ހުރިހާ ކައުންސިލްތަކަށް ހަމަހަމަކޮށް ބެހޭ އަދަދެވެ.

އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ހިމަނާފައިވާ 24.3 ބިލިއަން ރުފިޔާގެ ފަސް ޕަސަންޓު، 854.9 މިލިއަން ރުފިޔާ ކައުންސިލްތަކުގެ ބްލޮކް ގްރާންޓްގެ ގޮތުގައި ވަނީ ހިމަނާފައެވެ. ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީން 710.5 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.