215 ކިލޯ ޑްރަގް މައްސަލަ: އަނިޔާކުރި ކަމަށް ބުނާ މައްސަލަ ބަލަން އަމުރުކޮށްފި

215 ކިލޯ ޑްރަގް މައްސަލަ: އަނިޔާކުރި ކަމަށް ބުނާ މައްސަލަ ބަލަން އަމުރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
30 އޮކްޓޯބަރ 2021 02:27
0

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ފަޅުރަށެއްގައި ފޮރުވާފައި ހުއްޓާ އަތުލައިގަތް 215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލައެއް ބަލަން އެޗްއާރްސީއެމް އަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަންގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ރ. އަތޮޅުގައި އޮންނަ ޅާނބުގަލި ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ރ.މަޑުއްވަރި، ފިނިފަރު، އުމުރުން 42 އަހަރުގެ ޢަލީ ޝާކިރާއި ހަމަ އެ ރަށު ފެހިއަލި، އުމުރުން 33 އަހަރުގެ ނިމާލް ޢަބްދުލްޙާރިޘްއެވެ.

މި މީހުންގެ ބަންދު މުރާޖާ ކުރަން އިއްޔެ ވަނީ ކޯޓަށް ގެންގޮސްފަ އެވެ. ކޯޓުގައި ދެ މީހުން ވެސް ބުނެފައި ވަނީ ފުލުހުންގެ ފަރާތުން އެމީހުންނަށް ގިނަ އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައި އެމީހުންނާ ހަވާލާދީ ބުނެފައިވަނީ ފުރަތަމަ ވެސް އެ ފަޅުރަށަށް އެމީހުން ގެންދިޔަ ގޮތަށް ފުލުސް އޮފިސަރު ކަންފަތްމަތީގައި ޖެހީ ކަމަށެވެ. ފުލުހުން ޕެޕާ ސްޕްރޭ ޖަހައި އަތުންނާއި ފައިން ގައިގައި ތަޅައި އަނިޔާކުރި ކަމަށެވެ. އޭގެ ސަބަބުން ހެއަށް ގޮތްވެ ވާނުވާ ނޭނގޭ ވަރަށް ފުލުހުން އަނިޔާ ކުރި ކަމަށް ކޯޓުގައި އެމީހުން ވަނީ ބުނެފައެވެ.

އެ މީހުންނަށް އަނިޔާކުރި ކަމަށް ފުލުހުން ކޯޓުގައި އިންކާރުކުރިއެވެ. އަދި އެ މީހުންގެ ސިއްހީ ހާލަތު ބެލުމަށްފަހު ހެދި ރިޕޯޓުގައި ވެސް، އަނިޔާއެއްގެ ވާހަކަ ފާހަގަކޮށްފައި ނެތް ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު ނެރުއްވި އަމުރުގައިވަނީ އަނިޔާކުރި ކަމަށް ބުނާ މައްސަލަ އެޗްއާރުސީއެމުން ބެލުމަށްފަހު އެކަން ކޯޓާ ހިއްސާކުރަން އަންގަވައިފަ އެވެ. އަދި އެ މީހުންނަށް ސިއްހީ ފަރުވާ ދިނުމަށާއި އެކަމާބެހޭ ލިޔުންތައް ކޯޓާ ހިއްސާކުރަން ފުލުހުންނަށް ވެސް އެ އަމުރުގައި އަންގާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގެދަބުޅި
ގާޒީއަށް ސާބަސް. ހައްޔަރު ކުރެވުނު މީހުންގެ ހައްގުތަކަށް އިސްކަންދެއްވާ. އެމީހުން ދުވަސްކޮޅަކުން ދޫވެގެން ނުކުމެ ކޮންމެސް ހަދިޔާއެއްވެސް ދިއްކޮށްލަފާނެ. ޕޮލިހުންގެ ފަރާތުން އެއްޗެއް ނުލިބޭތާ ރީތި ނަމެއްވެސް ނުލިބޭނެ. މުހިންމީ އަދުލުވެރި ވުމެއްނޫން. މުހިންމީ ފައިސާ އާއި ގަދަރުވެރިކަން.