ޝަރުއީ ދާއިރާ މިނިވަން ކުރުމުގެ ވާހަކަތަކަކީ، ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ފާއިތުވެދިޔަ މާޒީގައި ސިޔާސީ ވެރިން އެންމެ ގިނައިން ދައްކަވާފައިވާ އެއް ވާހަކައެވެ. އަދި މާޒީގައި މިވާހަކަތައް އެންމެ ގިނައިން ދައްކަވާފައި ވަނީވެސް، ޖުޑީޝަރީން ކުރި ހުކުމްތަކުން ބޭއިންސާފާއި ނާއިސާފުގެ ރަހަތައް ދެކެފައިވާ އަދި، ބޭއިންސާފުން އެތަކެއް ހުކުމެއް ތަޖުރިބާކޮށް، ޖަލުގެ ތޭރިތަކުގެ ފަހަތަށްވެސް އެތައް ފަހަރަކު ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ފަރާތްތައް ކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ.
ނަތީޖާއެއްގެ ގޮތުން، އިންސާފުގެ ތިލަފަތް ޝިއާރަކަށް ހައްދަވާ، ޖުޑީޝަރީ މިނިވަން ކުރުމުގެ ވާހަކަތަކަކީ، މިހާރުވެސް ސިޔާސީ އެތައް ބަޔަކު، އިންސާފުގެ ވާހަކައިން ރައްޔިތުން ރުހުން ހޯދުމަށް ކުރައްވަމުން ގެންދަވާ މައިގަޑު އެއް މަސައްކަތްކަން ފާހަގަ ކޮށްލެވެއެވެ.
މީގެތެރޭގައި، ދައުލަތުން މިނިވަން މުވައްސަސާތަކަށް މިނިވަންކަމާއެކީ މަސައްކަތް ކުރުމުގެ ޖާގަ ދިނުމާއި، ތަހުގީގީ މަރުހަލާއާއި އަދި ދައުވާ ކުރުމާއި ޝަރީއަތް ކުމުގެ މަރުހަލާއަށް ދަންދެން މިނިވަންކޮށް، މިއިން އެއްވެސް މަސައްކަތަކަށް ވެރީންގެ ނުފޫޒު ފޯރުވައިގެން ނުވާނޭކަމުގެ ވާހަކައަކީ، ފާއިތުވެދިޔަ ރިޔާސީ އިންތިޚާބު ތަކުގައި، ގައުމުގެ ވެރިކަމަށް އައުމުގެ މަސައްކަތްކުރި ހުރިހާ ސިޔާސީ ޕާޓީއަކުން ކަހަލަ ގޮތަކަށް ދެއްކި ވާހަކަތަކެވެ. ވީ ވައުދުތަކެވެ.
އެހެންނަމަވެސް، ވެރިކަމަށް ވަޑައިގަތުމަށްފަހު، މިވައުދުތަކުގެ މަތިން ހަދާން ނައްތާލާ، ނުވަތަ އާރާއި ބާރުގެ މުށުތެރެއަށް ލެވޭހެން ހީވުމުން، މިނިވަން މުވައްސަސާތަކަށް ދޭން ބުނި މިނިވަން ކަމާއި، ޖުޑިޝަރީއަށް ނުފޯރުވާނެކަމަށް ބުނަމުން އައި ނުފޫޒުގެ މަތިންނާއި އަދި އޭގެ އިތުރުންވެސް، މިގޮތުން ވީ ވައުދުތަކުގެ މަތިން ހަނދާން ނެތިގެން ދިއުން ދިވެހި ރާއްޖޭގައި މިވަނީ، ސިޔާސީ ވެރިންގެ ޗަރުކޭހަކަށް ވެ ނިމިފައެވެ.
ޖޭއެސްސީގަވެސް އިންނަވާ މަޖިލިސް ރައީސް، ދައުވާތައް އަބުރާ ގެންދިއުމަށް ގޮވާލުން!
ކުޑަކުދިންގެ ހިޔާގައި 2017 ވަނަ އަހަރު ހިނގި ހާދިސާއަކާއި ގުޅިގެން އޭރުގެ ޖެންޑަރ މިނިސްޓަރާއި، ފުލުހުންގެ ވެރިންނަށް ތިއްބެވި ބައެއް ބޭފުޅުންނަށް ދައުވާ ކުރުމަށް އެޗްއާރުސީއެމްއިން ފޮނުވި މައްސަލާގައި މަޖިލިސް ރައީސް ނަޝީދުވަނީ އެޗްއާރުސީއެމްއަށް ފާޑުވިދާޅު ވެފައެވެ. މިގޮތުން، ނަޝީދުވަނީ، މިމައްސަލާގައި ދައުވާ ކުރުމަށް ފޮނުވާފައިވާ ކުރީގެ މިނިސްޓަރ ޒެނީޝާގެ ދިފާއުގައި ނިކުންނަވާ، ޒެނީޝާއަށް ދައުވާކޮށްގެން ދިވެހި މުޖުތަމައަށް ލިބޭނެ އިތުރު ރަނގަޅެއް ނުފެންކަމަށްވެސް ވިދާޅު ވެފައެވެ. ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ، މިކަމުގައި އެންމެ ބުއްދިވެރި ގޮތަކީ ޒެނީޝާއަށް ކުރާ ދައުވާ އެޗްއާރުސީއެމްއިން އަނބުރާ ގެންދިއުން ކަމުގައެވެ.
ދައުލަތުގެ މިނިވަން މުވައްސަސާއަކުން ހިންގި ތަހުގީގެއްގެ ނަތީޖާއެއްގެ ގޮތުން، ވަޒީރެއްގެ ހައިސިއްޔަތުން ވެފައިވާކަމަށް އެ މުވައްސަސާއަށް ފެނިގެންދިޔަ އިހުމާލުތަކާއި ގުޅޭގޮތުން، ދައުވާކުރުމަށް ޕީޖީއަށް ފޮނުވުމުން، ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ މިމައްސަލާގައި ދެކޭގޮތެއް، ނުވަތަ ޕީޖީގެ ބަހެއް މި ތަހުގީގާ ގުޅޭގޮތުން އާންމު ކޮށްފައި ނުވަނީސް، މިދައުވާ އަބުރާ ގެންދިއުމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގަވެސް އިންނަވާ ރައްޔިތުންގެ މަޖިލިހުގެ ރައީސް، މުހައްމަދު ނަޝީދު ގޮވާލެއްވުމުން މިކަން ސިފަކުރަން މިޖެހެނީ ކިހިނަކުންތޯ މިއީ މިއަދު އެތައް ބައެއް ހިތުގައި އުފެދިފައިވާ ސުވާލެކެވެ.
އެހެންނަމަވެސް، ފާހަގަ ވާން އޮތްކަމަކީ، ޕީޖީން ދައުވާ ކުރަން ނިންމާ މައްސަލަތަކާއި، އަދި ދައުލަތުގެ މިނިވަން މުވައްސަސާތަކުން މައްސަލަތައް ތަހުގީގުކޮށް ނިންމާ ޕީޖީއާއި ހަމައަށް ފޮނުވާ މައްސަލަތަކަށް ގޮތް ކިއުމާއި، ދައުވާކުރުމާއި ނުކުރުމަށް ގޮވާލުން މިއީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މިއުސޫލުން އަމަލު ކުރެއްވި ފުރަތަމަ ފަހަރު ނޫންކަމެވެ.
މިގޮތުން ފާހަގަވާން އޮތް ކަމަކީ، މީގެކުރިން އޭސީސީން ތަހުގީގުކޮށް ނިންމާފައިވާ ބައެއް މައްސަލަތަކާއި ގުޅިގެން، އޭސީސީގެ ރައީސް މަގާމުން ވަކި ކުރުމުގެ އިންޒާރުވެސް ނަޝީދު ފާއިތުވެދިޔަ ތަނުގައި ދެއްވާފައިވާ ކަމެވެ.
ކޮންމެއަކަސް، ފަޑިޔާރުން ޒިންމާދާރު ކުރުވާ، އަދި މުޅި ޖުޑީޝަރީ ރެގިއުލޭޓް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އިންނަވާ ބޭފުޅަކު، އެބޭފުޅާ ބޭނުންފުޅުވާ މައްސަލައެއްގައި ދައުވާކުރުމަށް ގޮވާލާ، ބޭނުންފުޅު ނުވާ މައްސަލައެއްގައި ދައުވާ އަބުރާ ގެންދިއުމަށް ގޮވާލާހިސާބަށް މުވައްސަސާތަކުގެ ވެރިންގެ ވިސްނުމާއި ފިކުރު މިއަދު ގޮސްފައިވާ މަންޒަރު ފެނިގެން ދިއުުމުން، ތިމާމެންގެ މުޅި ހަޔާތުގައި އިންސާފާއި ހަމަހަކަމާއި މިނިވަންކަމުގެ ވާހަކަ ދައްކ،ާ އެވާހަތަކުން މެޑަލް ޖަހަމުން އައި ފަރާތްތަކުގެ ހިތުގެ އިޚްލާސްތެރިކަން މިއަދު ވަރަށްވެސް ފުރިހަމަޔަށް ފެންނާން އޮތްކަމުގައި ގިނަބަޔަކު ދަނީ ގަބޫލު ކުރަމުންނެވެ.
ދައުލަތުގެ އެއްވެސް ވެރިޔަކަށް މިނިވަން މުވައްސަސާތަކުގެ ނިންމުންތަކަށް ނުފޫޒެއް ނުފޯރުވޭނެ!
ދިވެހިސަރުކާރު ހިންމުންދަނީ ޔުނިޓަރީ ދައުލަތެއްގެ ވެރިކަމުގެ ނިޒާމުގެ މައްޗަށެވެ. އެއީ މަރުކަޒީ ސަރުކާރެއް އޮވެފަ، އެ ސަރުކާރު ނަގަހައްޓާ ދަމަހައްޓާ އަދި ޒިންމާދާރު ކުރުވުމަށްވެސް ޚާއްސަ މުވައްސަސާތަކެއް އުފަންކޮށް، މިއުސޫލުގެ ތެރެއިން ތިންބާރު ވަކިވެފައި އޮތުމެވެ.
މިގޮތުން، މިނިޒާމުގެ އެންމެ މުހިންމު ސިފައަކީ، ފުރިހަމަ މިނިވަންކަމާއެކު ވަކިކުރެވިފައިވާ ތިންބާރަށްވެސް އެއްބާރު އަނެއް ބާރުގެ މައްޗަށް ނުފޫޒު ފޯރުވުމުގެ މަގު އެކީ ބަންދު ކުރެވިފައި އޮތް އޮތުންވެސް މެއެވެ. ނަތީޖާއެއްގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިނަމަވެސް، ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ އިތުރުން އުއްތަމަ ފަޑިޔާރަށްވެސް، މިއިން ބޭފުޅެއްގެ ހުދޫން ބޭރުވެ، ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކާއި އެނޫން ވަސީލަތްތަކުގެ ބޭނުން ކުރައްވަގެން ނަމަވެސް، ދައުލަތުގެ މުވަސަސާތަކުން ކޮށްފައި ހުންނަ ތަހުގީގުތައް ނަފީކޮށް، ދައުވާތައް އަބުރާ ގެންދިއުމަށް ގޮވާލާ، ހުކުމްތަކާ ދެކޮޅަށް ބަސްބުނުމުގެ ފުރުސަތު ދިވެހިން 2008ވަނަ އަހަރު ބަލައިގަތް ފެހި ގާނޫނު އަސާސީން ފަހި ކޮށްދީފައެއް ނުވެއެވެ.
އެހެންކަމުން، މިއަދު ގަބޫލު ކުރަންޖެހިގަ އޮތް ހަގީގަތަކީ، ތަހުގީގު ކުރުމާއި، ދައުވާ ކުރުމާއި، ޝަރީއަތް ކުރުމާއި އަދި ވެރިކަން ކުރުމުގެ ބާރުވެސް އެކެއްގެ މުށުތެރޭގައި އޮތް ޒަމާން ފާއިތުވެ ގޮސް، އަދި ގާނޫނު އަސާސީންނާއި، ގާނޫނުތަކުންވެސް އެއުސޫލާއި، އެވާހަކަތަކާއި، އެނިޒާމުވެސް ނައްތާލާ، އާޑިކޮމްރަސީއެއް ތައާރަފްވެގެން ދިޔަތާ 13 އަހަރު ފާއިތުވެގެން ދިޔަނަަމަވެސް، ގައުމު ވެރީންގެ ގޮތުގައި ތިއްބެވި ފަރާތްކުގެ ފިކުރިއްޔާތުން މިސިފަތައް ފިލައިގެން ގޮސްފައި ނުވާކަމެވެ.
ހުރިހާ ބާރެއް އެެއްގެ މުށުތެރޭގައި ބޭއްވުމުގެ ޚުދުމުޚްތާރު ސިފަ، ދިވެޖިރާއްޖޭގެ ވެރީންގެ ތަބީއަތުން ފިލައިގެން ގޮސްފައި ނުވާކަމެވެ. އަދި ވަކީން ޚާއްސަކޮށް، މިއަދު މިސިފަ ފެންނަމުންދަނީ، މިސިފަތައް ނެތިކޮށްލުމަށް ޒަމާނުއްސުރެ ވަކާލާތު ކުރައްވަމުން ވަޑައިގެންނެވި ފަރާތްތްތަކުގެ ކިބައިން ކަމީވެސް، ހިތާމައާއެކު ނަމަވެސް ފާހަގަ ކޮށްލަންޖެހޭ ވަރަށް ބޮޑު ހަގީގަތެކެވެ.