ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީއަށް ކުރާ ދައުވާ އަނބުރާ ގެންދެވުމަކީ އެންމެ ބުއްދިވެރި ގޮތް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެޗްއާރުސީއެމްއިން ބުނެފައިވަނީ ކުޑަކުދިންގެ ހިޔާއާއި ގުޅުންހުރި މައްސަލަތަކެއް ތަހުގީގުކޮށް އެމައްސަލާގައި ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށެވެ. މިމައްސަލާގައި ފޮނުވާފައިވާ ލިޔެކިޔުންތަކާ ގުޅިގެން ޕީޖީ އޮފީހާ މަޝްވަރާ ކުރެވެމުންދާކަމަށްވެސް އެޗްއާރުސީއެމްއިން ވަނީ ބުނެފައެވެ. ނަމަވެސް މިމައްސަލާގައި ދައުވާކުރަން ފޮނުވި މީހުންގެ ނަމެއްވެސް އަދި އަދި މައްސަލައިގެ ތަފްސީލެއްވެސް ދެއްވާފައި ނުވެއެވެ.
މިމައްސަލާގައި ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒެނީޝާއަށް ދައުވާކޮށްގެން ދިވެހި މުޖުތަމައަށް ލިބޭނެ އިތުރު ރަނގަޅެއް ނުފެންކަމަށެވެ. މިކަމުގައި އެންމެ ބުއްދިވެރި ގޮތަކީ ޒެނީޝާއަށް ކުރާ ދައުވާ އެޗްއާރުސީއެމްއިން އަނބުރާ ގެންދިއުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާ އަށް ކުރާ ދައުވާގެ ސަބަބުން ދިވެހި މުޖުތަމައަށް ލިބޭނެ އިތުރު ރަނގަޅެއް ނުފެނޭ. ދައުވާ އަނބުރާ ގެންދެވުމަކީ ބުއްދިވެރި ގޮތް ކަމުގައި އަޅުގަނޑު ދެކެން.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޒެނީޝާއަށާއި، އިތުރު އެހެން ބަޔަކަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ބައެއް ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގައި ޤާނޫނާ ޚިލާފް ކަންތައްތަކެއް ކުރުމުންނެވެ. ކުދިން ގެންދިއުމަށްފަހު ދިމާވި އެކި މައްސަލަތައްވެސް ތަހުގީގުން ވަނީ ފާހަގަކޮށްފައެވެ.
މިމައްސަލާހައި ޕީޖީ އޮފީހުން ވިދާޅުވީ އެޗްއާރުސީއެމްއިން ފޮނުވާފައިވާ މައްސަލަ އެއޮފީހުން ދިރާސާ ކުރަމުންދާކަމަށެވެ. އަދި އަންނަ ހަފްތާގައި މިމައްސަލާގައި ގޮތެއް ނިންމާނެކަމަށެވެ. ޕީޖީ އޮފީހުންވެސް މިމައްސަލާގައި ދައުވާ ކުރަން ފޮނުވި މީހުންގެ މައުލޫމާތެއް ހާމަކޮށްފައި ނުވެއެވެ.