03 ނޮވެމްބަރު 1988ގައި ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާގައި ދިވެހި ޤައުމާއި ދީނުގެ ދިފާޢުގައި ޝަހީދުވި އަބްޠާލުންގެ ޒިކުރާ އައުކުރުމަށް ހަދާ ކުރު ފިލްމް "އޯ ވަޒަން " ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި އަންނަ މަހު ރިލީޒް ކުރުމަށް ހަމަ ޖައްސައި ޕޯސްޓްރު ދައްކާލައިފިއެވެ.
ނޮވެމްބަރު 3 ވަނަ ދުވަހު ނެރޭ މި ކުރު ފިލްމް ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ޑާކް ރެއިން ޖަމްޕުގެ ފަރާތުން ދަނީ ކުރިއަށެވެ.
"އޯ ވަޒަން" އަކީ އަހަރުމެންނަށް އަހަަރުމެންގެ ޤައުމު އަލުން އަނބުރައި ހޯދައިދިން ބަޠަލުންނަށްްޓަކައި ފަޚުރުވެރިކަމާއެކު އަރުވާ ސެލިއުޓެއް ކަމަށް ޑާކް ރެއިން އެންޓަޓެއިންމެންޓުން ބުނެއެވެ.
މީ އެދުވަހުގެ ހާދިސާ އަދުގެ ޖީލުތަކަށް ތަސައްވުރު ކޮށްދިނުމަށްޓަކައި ގެނެސްދޭ ފިލްމްއެކެވެ. މި ކުރު ފިލްމުގެ ކާސްޓުންގެ ތެރޭގައި އިސްމާއިލް ރަޝީދާއި ވާޝިއާ މުހައްމަދު ހިމެނެ އެވެ.
މި ފިލްމު ގެނެސްދޭ ޑާކްރެއިން 'ޖަމްޕް' އަކީ 2019 ވަނަ އަހަރު ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފަރާތުން، ފިލްމީ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތަކުގެ ހުނަރު ދައްކާލާ އެމީހުންގެ މަސައްކަތްތައް މުޖުތަމައުއަށް ތަޢާރަފު ކޮށްދިނުމުގެ ގޮތުން އުފެއްދި ޕްލެޓްފޯމެއް ކަމަށް ޑާކް ރެއިނުން ބުނެއެވެ.
މިގޮތުން މިދާއިރާގައި ހަރަކާތްތެރިވާ އިންޑިޕެންޑެންޓް ފަންނުވެރިންގެ ހުނަރު، ވީ ހާވެސް ގިނަބަޔަކަށް ފެންނާނެ ގޮތަށް، ޑާކްރެއިންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގެ ޒަރިއްޔާއިން އާންމުންނާ ހަމައަށް ފޯރުކޮށްދެވުމުން، އަލަށް މިދާއިރާއަށް ނިކުންނަ ހުނަރުވެރި ފިލްމީ އުފެއްދުން ތެރިންނަށް، އެމީހުންގެ އަމިއްލަ ފައިމައްޗަށް ތެދުވެ މަސައްކަތް ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށްވެސް ޑާކް ރެއިނުން ބުނެއެވެ.