ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ތައްޔާރުކުރަމުންދާ ޕެޓިޝަންގައި ސޮއި ކުރުމުގެ ހަރަކާތެއް ކ. ހިންމަފުށީގައި ފަށައިފިއެވެ.
ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ސޮއި ކުރަން ފެށި އެ ޕެޓިޝަނުގައި ބުނެފައިވަނީ މި ސަރުކާރުން އިންޑިއާއެކު ސިއްރު އެއްބަސްވުންތައް ގާއިމްކޮށް، އިންޑިއާގެ ސިފައިންގެ ބޭނުމަށް ތަންތަނަށް ދޫކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމާއި މުއައްސަސާތަކުން ރައްޔިތުންގެ ބާރުވެރިކަން ގެއްލި ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރުކެނޑި ގައުމުގެ މިނިވަން ކަމަށް ބުރޫ އަރާފައިވާ ކަމަށް ވެސް ޕެޓިޝަންގައި ބުންޏެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މި ޕެޓިޝަނަކީ ސީދާ އިންޑިއާ ސަރުކާރަށް ހުށަހަޅާ އެއްޗެއް ކަމަށާއި އެހެންކަމުން ރާއްޖޭގެ އިދާރާތަކަށް އެ ޕެޓިޝަން ހުށަހަޅާ ގޮތަށް އަދި ހަމަޖެހިފައި ނުވާ ކަމަށެވެ. ވީހާވެސް ގިނަ ދިވެހި ރައްޔިތުން ޕެޓިޝަންގައި ސޮއި ކޮށްދީ ބޭރުގެ އެއްވެސް އަސްކަރިއްޔާއެއްގެ ބާރެއް ރާއްޖޭގައި ތިބުމަށް ދެކޮޅު ކަން ހާމަކޮށްދިނުމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ އެދިފައެވެ.
ޕީޕީއެމްގެ ލީޑާޝިޕްގެ ޓީމެއްވެސް މިރޭ ހިންމަ ފުއްޓަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް މިރޭ ހިންމަފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ