ނިޒާމު ބަދަލު ކުރުމަށްޓަކައި މަޝްވަރާ ކުރުމަށް އިދިކޮޅު ކޯލިޝަނާއި ރައީސް ނަޝީދު މިއަދު ބައްދަލު ކުރައްވައިފިއެވެ.
ރައީސް ނަޝީދުގެ މިބައްދަލުވުމާއި ގުޅޭ ގޮތުން ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ބައްދަލުވުމަށް ދިޔައީ މަޖިލިސް ރައީސްގެ ބައްދަލު ކުރުމަށް އެދި މެސެޖަކުން ދެންނެވުމުން ކަމަށެވެ. މިބައްދަލުވުމަކީ ކީއްކުރަން އަދި ކޮން ބޭނުމަކު ބޭއްވި ބައްދަލުވުމެއް ކަމެއްވެސް ވިދާޅުވުވާކަމަށް ޝިޔާމް ވިދާޅުވިއެވެ. މަޖިލިސްގެ މަސައްކަތްތަކުގައި ރައީސް ނަޝީދު ބައްދަލު ކުރައްވާ އުސޫލުން މިބައްދަލު ވުމަކީވެސް އެފަދަ ބައްދަލުވުމެއްކަމަށް ހީކުރިކަމަށެވެ.
ނަމަވެސް ބައްދަލުވުމަށް ދިޔައިރު، ތިބީ އެމްޑީޕީގެ އިސް ބޭފުޅުންކަމަށާއި، އެހިސާބުންވެސް ސުވާލު އުފެދުނުކަމަށެވެ. އަދި ވާހަކަތައް ފައްޓަވައި ރައީސް ނަޝީދު ވިދާޅުވީ ބައްދަލު ކުރެއްވީ ނިޒާމު ބަދަލުކުރުމާއި ގުޅޭ މަޝްވަރާ ކުރެއްވުމަށް ކަމަށެވެ. މިވާހަކަތަކާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ މެމްބަރުން ވިދާޅުވެފައިވާނީ އެއްވެސް މަޝްވަރާއަކަށް ފުރަތަމަ މޭޒާއި ހަމައަށް އަންނަން ބޭނުންވަނީވެސް ރައީސް ޔާމީނާއިއެކު، ރައީސް ޔާމީން މިނިވަން ވުމުންކަމަށެވެ.
އަދި ރައީސް ޔާމީން މިވަގުތުން މަގުތަށް މިނިވަންކޮށް އެމަނިކުފާނަށް ދެމުންދާ އަނިޔާތައް ހުއްޓާނުލާހާ ހިނދަކު ކުރާނެ އެއްވެސް މަޝްވަރާއެއް ނޯންނާނެކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ. މިބައްދަލުވުމުގައި އިތުރު ވާހަކަތަކެއް ދެއްކުމަށް ޖާގަ ނުދީ އިދިކޮޅު ކޯލިޝަނުންވަނީ ބައްދަލުވުން ނިންމާލާފައެވެ.
6 މޭގަ ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓު ހަމަލާއަށްފަހު އެބުރި މާލެ ވަޑައިގަތުމަށްފަހު، އިއްޔެ ނަޝީދު މިވަނީ ފުރަތަމަ ފަހަރަށް ރަސްމީކޮށް ރައީސް ސާލިހުއާއި ބައްދަލު ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައި ބައެއް ކަންކަމާ މަޝްވަރާކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވަނީ ރާއްޖޭގެވެރިކަމުގެ ނިޒާމް ބަދަލުކުރުމާގުޅޭ ގޮތުން ވެސް ރައީސުލްޖުމްހުރިއްޔާއާއި މަޝްވަރާ ކުރައްވާ ޚިޔާލްބަދަލު ކުރައްވާފައެވެ.
ރައީސް ސާލިހުއާއި ނަޝީދު ބައްދަލު ކުރައްވާފައިވާއިރު، އެންމެ ފަހުން ނަޝީދު ދެއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވިދާޅުވެފައިވަނީ، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން އިތުރު މައުލޫމާތު ދެއްވާނީ، ރައީސް ސާލިހުއާއި ބައްދަލު ކުރައްވާ، މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމުގައެވެ.
އެހެންނަމެވެސް، ވެރިކަމުގެ ނިޒާމް ބަދަލު ކުރުމާ ގުޅޭގޮތުން މީގެ ކުރިން ރައީސް ސާލިހު ވިދާޅުވެފައިވަނީ، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން ވިސްނުމަށްވުރެ ބޮޑަށް އިސްކަން ދެއްވާނީ ތަރައްގީގެ މަޝްރޫއުތައް 2023ގެ ކުރިން ނިންމެވުމަށް ކަމުގައެވެ. އަދި އެއަށްފަހު ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވެފައިވަނި، ނިޒާމް ބަދަލު ކުރުމަކީ މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަން މެނިފެސްޓޯގައި އޮތް ވައުދެއް ނޫންކަމަށާއި، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމުގައެވެ.
އެހެންނަމަވެސް، ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ތާއީދު ހޯދުމުގެ ގޮތުން، ނަޝީދު ގެންދަވަނީ ޕެޓިޝަނެއް ތައްޔާރު ކުރައްމުން ކަމުގައި ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ