އަންނަ އާދީއްތަ ދުވަހު ބަޖެޓް ހުށަހަޅަނީ

އަންނަ އާދީއްތަ ދުވަހު ބަޖެޓް ހުށަހަޅަނީ

Author
މުޙައްމަދު ޝަޒައިމް
25 އޮކްޓޯބަރ 2021 12:07
0

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މިފެށޭ ހަފްތާގެ އާދީއްތަ ދުވަހު މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިއްޖެއެވެ. އަންނަ އަހަރުގެ 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާއިރު، ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 23.6 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވައި ދެއްވާނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުކަމަށެވެ. އާންމުކޮށް ބަޖެޓް މަޖިލީހަށް ފޮނުވުމަށްފަހު މިނިސްޓަރ ޕްރެސެންޓް ކުރާ ގޮތަށް ކުރިން އޮތް ނަމަވެސް މިއަހަރު ބަޖެޓް ހުށަހަޅާނީ މިނިސްޓަރ މަޖިލީހަށް ވަޑައިގެން ބަޖެޓް މަޖިލީހަށް ފޮނުވާ ދުވަހުކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

އަންނަ އަހަރުގެ ހަރަދާއި އާމްދަނީ ހުންނާނެ މިންވަރުގެ މައްޗަށް ބަލައި، ފިނޭންސް މިނިސްޓްރީން އާއްމުކުރި ކުރު މުއްދަތުގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައިވާ ގޮތުން ހިލޭ އެހީއާއެކު އަންނަ އަހަރު އާމްދަނީގެ ގޮތުގައި ދައުލަތަށް 23.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރަނީ 14.7 ބިލިއަން ރުފިޔާ އެވެ. ޖީއެސްޓީން 2.5 ބިލިއަން ރުފިޔާ ލިބޭއިރު، ޓޫރިޒަމް ޓެކުހުން ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 4.4 ބިލިއަން ރުފިޔާ އެވެ.

2022 ބަޖެޓުގެ އާމްދަނީގެ އަންދާޒާ:

  • އެއާޕޯޓް ސާވިސް ޗާޖު: 528.2 މިލިއަން
  • ގްރީން ޓެކްސް: 823.3 މިލިއަން
  • ޓެކްސް ނޫން ގޮތްގޮތުން 5.3 ބިލިއަން
  • އެއާޕޯޓް ޑިވޮލޮޕްމަންޓް ފީ (އޭޑީސީ) 533.5 މިލިއަން
  • ޕްރޮޕަޓީ އިންކަމް: 1.6 ބިލިއަން
  • ހިލޭ އެހީއަށް ދެ ބިލިއަން
  • އާމްދަނީ ހޯދުމުގެ އާ ކަންތައްތަކުން 1.3 ބިލިއަން

ފިނޭންސް މިނިސްޓްރީން އަންދާޒާ ކޮށްފައިވާ ގޮތުގައި މި އަހަރު އާމްދަނީ ހޯދަން ހިމެނި އާ ގިނަ ކަންތަތަކުން އާމްދަނީއެއް ނުލިބޭނެ އެވެ. ނަމަވެސް އޭއެސްސީ އާއި އޭޑީއެފްއިން އާމްދަނީ ލިބެން ފަށާނީ އަންނަ އަހަރުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އަންނަ އަހަރުގެ ބަޖެޓަށް ރިސޯޓު ކުއްޔަށް ދީގެންނާއި ރިއަލް އެސްޓޭޓް ޓޫރިޒަމުން 100 މިލިއަން ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން އެކްސްޕެޓްރިއޭޓް ކޯޓާފީ އާއި ރެސިޑެންސް ޕާމިޓް ފީއިން ވެސް އަންނަ އަހަރު އާމްދަނީ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. އަދި ބިން ވިއްކައިގެން އަންނަ އަހަރު 150 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، ސްޕެކްޓަރަމް ޗާޖުން 60 މިލިއަން ރުފިޔާ އަދި ޕާކިން ފީއިން ނުވަ މިލިއަން ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.