އދ. ދަނގެތި، މޮނަލާޒް، މަޙްމޫދު އަބޫބަކުރު (57އ)، ޖިސްމާނީ އަނިޔާދީ ރަހުމު ކުޑަގޮތަކަށް މަރާލާފައިވާ މައްސަލައިގައި މިހާތަނަށް ހޯދުނު ހޯދުންތަކުން މަރުގައި ޝާމިލުވަނީ ހައްޔަރުކުރެވުނު ބިދޭސީ މީހާކަމަށް ފުލުހުން ބުނެފިއެވެ.
މިމަރާއި ގުޅިގެން ފުރަތަމަ ފަހަރަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި މައްސަލައިގެ ތުހުމަތުގައި 2021 އޮކްޓޯބަރ 16 ވަނަ ދުވަހުގެ ހެނދުނު 10:30 އެހައިކަންހާއިރު ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ ޝާ އަލޮމް މިއާ (29އ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށެވެ. ޝާ އަލޮމް މިއާގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ. ދަނގެތި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލައިގެ ތަހުގީގުގައި ޝާ އަލޮމް މިއާ އދ. ދަނގެތީގައި ދިރިއުޅެމުންދިޔަ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ވަޅުލާފައި ވަނިކޮށް ހޯދައި، ތަހުލީލުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. އޭގެ ތެރޭގައި، މަޙްމޫދު އަބޫބަކުރުގެ ފޯނާއި އައިޑީ ކާޑުގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކިތައް ހިމެނެއެވެ.
މަޙްމޫދު އަބޫބަކުރު މަރާލުމުގައި ޝާ އަލޮމް މިއާގެ އިތުރުން އިތުރު މީހެއް ނުވަތަ ބައެއްގެ ބައިވެރިވުން އޮތްކަމަށް މިހާތަނަށް ތަހުގީގުގައި ކުރެވުނު މަސައްކަތުން ފާހަގަކުރެވިފައެއް ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ، ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހޮމިސައިޑް އިންވެސްޓިގޭޝަންގެ ތަހުގީގު ޓީމަކާއި އދ. އަތޮޅު ފުލުހުންގެ އިތުރުން ފޮރެންސިކް ތަހުލީލު ޓީމެއް ގުޅިގެން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަޙްމޫދު އަބޫބަކުރު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ، މަރާލުމަށްފަހު ބޮލާއި ފައިގައި ގޯންޏެއް އަޅުވައި ފަޅު ގެއެއްގެ ތެރޭގައި ހުރި ފެން ވަޅެއްގެ ތެރެއަށް ވައްޓާލާފައި އޮއްވައެވެ.
މަޙުމޫދުގެ މަރާ ގުޅިގެން ރައްޔިތުން ޝައްކުކުރި 3 މީހަކު ފުލުހުންނާ ޙަވާލުކޮށްފައިވެއެވެ. ނަމަވެސް ފަހުން މި 3 މީހުންވަނީ ފުލުހުންގެ ބެލުމުގެ ދަށުން ރަށުން ބާލައި މަހިބަދުއަށް ގެންގޮސްފައެވެ. މިމީހުން ހައްޔަރު ކޮށްފައިވަނީ އެހެން މައްސަލައެގައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ